ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ބޭރު އިންވެސްޓަރުން ގުޅުވައިދޭން ފޯރަމެއް ބާއްވަނީ

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިވެރިންނާއި ބޭރު އިންވެސްޓަރުން ގުޅުވައިދޭން "މޯލްޑިވްސް ހޮޓެލް އެންޑް ޓޫރިޒަމް އިންވެސްޓްމަންޓް ބްރީފިން"ގެ ނަމުގައި ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.


ލަގްޒަރީ ކަލެކްޝަނުން، ބޭރު ކުންފުންޏެއް ކަމަށްވާ ބެންޗް އިވެންޓްސްއާ ގުޅިގެން މާލޭގައި ބާއްވަން ހަމަޖެހިފައިވާ އިންވެސްޓްމަންޓް ފޯރަމް އޮންނާނީ ނޮވެމްބަރު 30 އިން ޑިސެންބަރު 1 އަށެވެ. މިއީ ނޮވެމްބަރު 28 އަދި 29 ގައި ސްރީ ލަންކާގެ ކޮލަމްބޯގައި ބާއްވާ އޭޝިއާ ހޮޓެލް އެންޑް ޓޫރިޒަމް އިންވެސްޓްމަންޓް ކޮންފަރެންސްގެ ދަށުން ރާއްޖޭގައި ބާއްވާ ފޯރަމެކެވެ.

އޭޝިއާ ހޮޓެލް އެންޑް ޓޫރިޒަމް އިންވެސްޓްމަންޓް ކޮންފަރެންސްގައި ބައިވެރިވާ އިންވެސްޓަރުން މޯލްޑިވްސް ހޮޓެލް އެންޑް ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމުގައި ބައިވެރިވާން ރާއްޖެއަށް އަންނާނެ އެވެ.

މިދިޔަ އަހަރު ކޮލަންބޯގައި ބޭއްވި އިންވެސްޓްމަންޓް ކޮންފަރެންސް-- ފޮޓޯ: ލަގްޒަރީ ކަލެކްޝަން

ފޯރަމްގެ ފުރަތަމަ ދުވަހު އޮންނާނީ އިންވެސްޓަރުން ހޯދަން ބޭނުންވާ ފަރާތްތަކުގެ ޕްރޮޖެކްޓްތައް ދައްކާލުމެވެ. ދެ ވަނަ ދުވަހު އޮންނާނީ ރިސޯޓްތަކަށް ނުވަތަ ރިސޯޓް ތަރައްގީކުރާ ތަންތަނަށް އިންވެސްޓަރުން ގެންގޮސް އެތަންތަން ދައްކާލުމަށް ފޭމް ޓްރިޕްތަކެވެ.

ލަގްޒަރީ ކަލެކްޝަނުން ބުނީ މިއީ ވިޔަފާރިވެރިންގެ އިތުރުން ސަރުކާރުގެ ޕްރޮޖެޓްތަކަށް އިންވެސްޓަރުން ހޯދަން ހުޅުވައިދޭ ދޮރެއް ކަމަށެވެ. އަދި މި ފޯރަމްގެ ތެރެއިން މިހާރު ފެށިފައި ހުރި ޕްރޮޖެކްޓްތަކުގެ އިތުރުން ފަށަން ތައްޔާރުވަމުން އަންނަ ޕްރޮޖެކްޓްތަކަށް ވެސް އިންވެސްޓަރުން ހޯދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ވަަރަށް އުފާވޭ މިފަދަ ބޮޑު އިވެންޓެއް ބޭއްވޭތީ. މި އިވެންޓް ބާއްވަން އަޅުގަނޑުމެންނާ އެކު ބައިވެރިވާ ބެންޗް އިވެންޓްސް އަކީ އިންޓަނޭޝަނަލީ ބަލާއިރު މިފަދަ އިވެންޓްތައް ބޭއްވުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި. އެމީހުން އަޅުގަނޑުމެންނާ ގުޅުމަކީ އިވެންޓަށް ލިބޭ އިތުރު ފުރިހަމަ ކަމެއް،" ލަގްޒަރީ ކަލެކްޝަންގެ ސީއީއޯ އަހުމަދު އަދީލް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދު ބިނާވެފައި މި އޮންނަނީ ޓޫރިޒަމް ސެކްޓަރަށް. އެ ދާއިރާގައި ގިނަ ފުރުސަތުތަކެއް އެބަހުރި. މިއީ އެ ފުރުސަތުތައް ހަގީގަތަކަށް ހެދުމަށް ހުޅުވައިދޭ ދޮރެއް،"

މޯލްޑިވްސް ހޮޓެލް އެންޑް ޓޫރިޒަމް އިންވެސްޓްމަންޓް ބްރީފިންގައި ބައިވެރިވެވޭނީ ހަމައެކަނި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވުމާ ގުޅޭ އިތުރު މައުލޫމާތު ތިރީގައިވާ ކޮންފަރެންސްގެ ވެބްސައިޓުން ލިބޭނެ އެވެ.

ލަގްޒަރީ ކަލެކްޝަނަކީ ރާއްޖެ އަންނަ ބޭރުގެ އިއްޒަތްތެރިންނާއި ސެލެބްރިޓީންނަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

އިތުރު މައުލޫމާތު ލަގްޒަރީ ކަލެކްޝަންގެ 3316979 ފޯނަށް ގުޅައިގެން ނުވަތަ info@theluxurymaldives.com އަށް އީމެއިލް ކޮށްގެން ހޯދޭނެ އެވެ.

ބެންޗް އިވެންޓްސް އަކީ ހައި ކްލާސް ބޮޑެތި އިވެންޓްތައް ބާއްވާ ވަރަށް މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ މިފަދަ އިވެންޓްތައް، އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ އިތުރުން ލެޓިން އެމެރިކާ އާއި މެދުއިރުމަތީގެ ގައުމުތަކުގައި ބާއްވަމުންނެވެ.