ޓާޓާ ފްލެޓްގެ މައްސަލައިގައި ހާއްސަ އޮޑިޓެއް ހަދަން ނިންމައިފި

އަރަބިއްޔާ ސްކޫލް ކުރިން ހުރި ތަނާއި ގާކޮށީގައި އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ ފްލެޓުގެ މައްސަލައިގައި ހާއްސަ އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.


އެ ކޮމިޓީން މިއަދު ބޭއްވި ޖަލްސާގައި، މުގައްރިރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ އިއްޔެ ބޭއްވި އެ ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ޓާޓާ މައްސަލައިގެ ހާއްސަ އޮޑިޓެއް އޮޑިޓާ ޖެނެރަލް އޮފީސް މެދުވެރިކޮށް ހަދަން ނިންމާފައިވާ ކަމަށެވެ.

ނިހާން ވިދާޅުވީ އެ މައްސަލައިގައި ކޮމިޓީ އަށް އެގްރިމަންޓްތަކުގެ ކޮޕީ އާއި އިސްލާހުތަކާއި ވަރަށް ގިނަ ސިޓީތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ތަކެތި ދިރާސާ ކުރަން މެމްބަރުންނަށް ވަގުތު ބޭނުން ވާތީ އެ މައްސަލަ ދެން ކުރިއަށް ގެންދާނީ އީދު ބަންދަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނިހާން މިއަދުގެ ބައްދަލުވުމުގައި.

އަބްދުﷲ ޒަކަރިއްޔާ ކިޔާ މީހަކު އެ ކޮމިޓީ އަށް ހުށަހެޅި މައްސަލައާ ބެހޭ ގޮތުން ވާހަކަދެއްކެވި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ރިސޯޓް ހަދާނެ ރަށެއްގެ ގޮތުގައި ޅ. ޅޮއްސަލަފުއްޓާއި ފްލެޓްގެ މަސައްކަތަށް ގެންނަ ތަކެތީގެ ޑިއުޓީ މައާފްކުރުމާއި އެ ދެ އިމާރާތުގެ އެންމެ ތިރި ދެ ފްލޯ 50 އަހަރަށް ހިލޭ ދިނުން ފަދަ އިނާޔަތް ދީފައިވަނިކޮށް، އެ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށްފަހު 90 ދުވަހުގެ ތެރޭގައި 178 މިލިއަން ރުފިޔާ ދައްކަން ޖެހުމަކީ ވަރަށް ބޮޑު ބުރައެއް ކަމަށެވެ. އަދި އެ ބުރަ އުފުލަން ޖެހުނީ ކީއްވެގެންތޯ ކޮމިޓީން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކޮމިޓީގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ޓާޓާއާ އެކު އޭރުގެ ސަރުކާރުން އެއްބަސްވީ ވަކި އަގަކަށް ވުރެ ބޮޑު ނުވާ ގޮތަށް އެ ތަނުގައި ފްލެޓް އިމާރާތްކުރަން ކަމަށެވެ. އެ ގޮތުން، ބައެއް ތަންތަން މަހަކު 400 ޑޮލަރުގެ މަގުން 25 އަހަރު ދުވަހުގެ ތެރޭގައި ދައްކާ މިލްކު ކުރާ ގޮތަށް ވެސް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްލިއަކަށް މިހާރު މަހަކު 33،000ރ. މަގުން ފަސް އަހަރު ދުވަސްވަންދެން ދައްކަން ޖެހުނީ ކީއްވެގެންތޯ ބަލަން އެބަ ޖެހޭ. މިކަންކަން ބަލަން ކޮމިޓީގެ މެމްބަރުންނަށް ވަގުތު އެބަ ބޭނުންވޭ، އިބޫ

"ކުއްލިއަކަށް މިހާރު މަހަކު 33،000ރ. މަގުން ފަސް އަހަރު ދުވަސް ވަންދެން ދައްކަން ޖެހުނީ ކީއްވެގެންތޯ ބަލަން އެބަ ޖެހޭ. މި ކަންކަން ބަލަން ކޮމިޓީގެ މެމްބަރުންނަށް ވަގުތު އެބަ ބޭނުންވޭ،" އިބޫ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލަން ނިންމުމަށްފަހު ހައުސިން މިނިސްޓްރީއާއި އެ ފްލެޓްގެ ކޮންޓްރެކްޓަރު ވެސް ހާޒިރުކުރަން ނިންމާފައިވެ އެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމަށް ވެސް އެ ފަރާތްތައް ހާޒިރުކޮށްފައެއް ނުވެ އެވެ.