ލިބުނީ ކުއްލި ހައިރާން ކަމެއް، ބަދަލު ހޯދަން ހުށަހަޅާނަން: އެމްޕީއެލުން ވަކިކުރި މުވައްޒަފުން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވަޒީފާއިން ވަކިކުރުމުން ލިބުނީ ކުއްލި ހައިރާން ކަމެއް ކަމަށާއި އެކަމުގެ ބަދަލު ހޯދަން ލޭބާ ޓްރައިބިއުނަލަށް ހުށަހަޅުއްވާނެ ކަމަށް، އޭގެ ތެރެއިން ދެ ބޭފުޅަކު މިއަދު ވިދާޅުވެއްޖެ އެވެ.


އެމްޕީއެލްގެ އޮޕަރޭޝަން ޑިވިޝަންގެ ހެޑްގެ މަގާމުން ވަކިކުރި އިބްރާހިމް ރަޝީދު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ކުންފުނީގައި މަސައްކަތްކުރައްވާތާ ދިހަ އަހަރަށް ވުރެ ގިނަ ވީއިރު ދުވަހަކު ވެސް ވަޒީފާއަށް ފަރުވާ ކުޑަވެގެން އިންޒާރެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"މިއީ ވަރަށް ދެރަކޮށް ބަޔަކު ކުރި ކަމެއް. އަޅުގަނޑަށް ވަރަށް ސަޕްރައިޒިން ކަމަކަށްވި،" އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އެތަނުގެ އެންމެ އިސްކޮށް ތިއްބެވި ހަތަރު ޑިޕާޓްމަންޓެއްގެ ހެޑުން ވަޒީފާއިން ވަކިކުރަން ޖެހުނު ސަބަބެއް ކަމަށް ބުނެ ދައްކާ ވާހަކަތައް ދެކޮޅުނުޖެހޭ ކަމަށެވެ. އެގޮތުން ޑިޕާޓްމަންޓްތަކުގެ ހެޑުން މަދުކުރި ކަމަށް ބުނާއިރު އިތުރު ހެޑުންތަކެއް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެޗްއޯޑީން މަދުކުރި ކަމަށް ބުނާއިރު އިތުރު އެޗްއޯޑީން ހަމަޖެއްސުމަކީ ހަމަޖެހޭ ކަމެއް ނޫން. އަދި އެއާ އެކު ފަންކްޝަންތައް ވެސް މަދެއް ނުވޭ. އެހެންވީމަ ކުންފުނިން އެ ދައްކާ ވާހަކަ ހަމައެއްނުޖެހޭ،" ރަޝީދު ވިދާޅުވި އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ރަޝީދު ވިދާޅުވީ ވަޒީފާއިން ވަކިކުރީ އިންސާފުން ނޫންކަން ސާބިތުކުރަން ލޭބާ ޓްރައިބިއުނަލްގެ އިތުރުން ޝަރުއީ ހުރިހާ މަރުހަލާތަކަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑަށް މިފެނުނީ މިތަނުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ސީނިއަ މުވައްޒަފުންތަކެއް ކުއްލިއަކަށް ވަކިކުރިތަން. އަދި އަޅުގަނޑުމެންނަކީ ކުންފުންޏަށް ވަރަށް އިހުލާސްތެރިކަމާ އެކު މަސައްކަތްކުރި ބައެއް،" ރަޝީދު ވިދާޅުވި އެވެ.

މާލޭ ނޯތު ހާބަރުގެ ހެޑްގެ މަގާމުގައި ހުންނެވި މުޖާހިދު އަނީސް ވިދާޅުވި ގޮތުގައި ވަޒީފާއިން ވަކިކުރި ކަމަށް ބެލެވެނީ ސިޔާސީ ގޮތުން އައި ބަދަލަކާ ގުޅިގެންނެވެ.

"އަޅުގަނޑުމެންނަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ މާހައުލެއް ނެތް. މިހާރު އޮތް ގޮތުން އެތަނުގައި އުޅެވެން އޮތީ ވަރަށް ބޮޑަށް ސިޔާސީ ކަންކަމުގައި ބައިވެރިވެގެން،" އޭނާ ވިދާޅުވި އެވެ.

މުޖާހިދު ވިދާޅުވީ ވަޒީފާއިން ވަކިކުރީ ކުރިން އެއްވެސް އިޝާރާތެއް ވެސް ކުރުމެއް ނެތި ކުއްލި ގޮތަކަށް ކަމަށެވެ. އަދި އެކަމުގެ ބަދަލު ހޯދަން ޓްރައިބިއުނަލަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން މިތިބީ މިކަމުގައި ބަދަލު ހޯދަން ޓްރައިބިއުނަލަށް ހުށަހަޅާ ގޮތަށް. މިއީ އެއްވެސް ހަމަޖެހޭ އުސޫލަކުން ކުރި ކަމެއް ނޫން،" އެ ކުންފުނީގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި މުޖާހިދު ވިދާޅުވި އެވެ.

ރަޝީދާއި މުޖާހިދުގެ އިތުރުން ވަޒީފާއިން ވަކިކުރީ ޓާމިނަލް ވެހިކަލް ޔުނިޓުގެ ހެޑް މުހައްމަދު މަސީހާއި ކާގޯގެ ހެޑް އިބްރާހިމް ވަހީދެވެ.

ހަތަރު ބޭފުޅުން ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ ޑިޕާޓްމަންޓްތަކެއް އެއްކޮށްލައި، ވެރިން މަދުކުރަން ނިންމި ނިންމުމެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔައިގެން އެމްޕީއެލްގެ މުވައްޒަފަކު ދާދި ފަހުން ވަނީ ކަނޑާލައިފަ އެވެ.