ވިލާ ކޮލެޖާއި ޓޯޔާޑާ ދެމެދު ފަޅުތެރެ އަށް ބަދަލު ގެންނާތީ ފަޅުތެރެ ބޭނުން ނުކުރަން ހައުސިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހަދަން، އެ ސަރަހައްދުގެ ފަޅުތެރެ އަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އެހެންވެ، މުދާއުފުލާ އުޅަނދުފަހަރަށް ވިލާ ކޮލެޖުގެ ހުޅަނގު ކަނުން ފެށިގެން އިރަށް ގޮސް ޕޮލިސް ޓޯޔާޑާ ހަމައަށް އޮންނަ ފަޅުގެ ފަޅުގެ ސަރަހައްދު ބޭނުން ކުރުމަށް މިއަދުން ފެށިގެން ހުއްދަ ދޫނުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މިހާރު އެ ސަރަހައްދު ބޭނުން ކުރާ އުޅަނދުފަހަރު ވެސް އެ ތަން ބޭނުން ކުރުމަކީ މަނާކަމެއް ކަމަށާއި އެ އެންގުމާ ހިލާފުވާ އުޅަނދުފަހަރު ފަޅުން ނަގާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ދެމެދު އޮންނަ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން ހަދަން އެ ސަރަހައްދުގެ ޕޭވްމަންޓް ނަގައި އަދި އެ ސަރަހައްދުގައި ހުރި ގަސްތައް ވެސް ކަނޑާލައިފަ އެވެ. ބްރިޖާ ގުޅޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އިތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދެވެ. އެގޮތުން ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) ވެސް ހިމެނެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައި ވަނީ ބްރިޖަށް ދަތުރުކުރާ މަގުތައް ފުޅާކުރާއިރު 16 މީޓަރު ހުންނާނެ ކަމަށެވެ. އަދި މަގު ފުޅާކުރާ ސަރަހައްދުގައި ޖުމްލަ ހަތަރު ލޭން އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.