ބޭންކުތަކުގެ ފައިދާ މިދިޔަ އަހަރު 17 ޕަސެންޓް ދަށްވެއްޖެ

ރާއްޖޭގައި ހިންގާ ބޭންކުތަކަށް މިދިޔަ އަހަރު ލިބުނު ފައިދާ 17 ޕަސެންޓް ދަށްވެއްޖެ އެވެ.


މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އަހަރީ ރިޕޯޓުގައިވާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން ބޭންކުތަކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 2.3 ބިލިއަން ރުފިޔާ އެވެ.

ބޭންކުތަކުގެ ފައިދާ ދަށްވި މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެފައި ވަނީ 2016 ވަނަ އަހަރު ގަވައިދުން ނުދައްކާ ލޯނުތަކެއްގެ ބޮޑެތި ލޯނުތަކެއްގެ ފައިސާ އެއްކޮށް އަނބުރާ ލިބުމުން، އެ ލޯނުތަކާ ގުޅިގެން އުނިކޮށްފައިވާ ޕްރޮވިޝަން އަލުން އަނބުރާ އެ އަހަރުގެ އާމްދަނީ އަށް އެއްކުރުމުން، ފައިސާ ނުދައްކާ ލޯނުތައް 260.6 މިލިއަން ރުފިޔާގެ ޕްރޮވިޝަން އާމްދަނީން އުނިކުރުމުން ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ބޭންކުތަކުގެ ފައިދާ ދަށްވި ނަމަވެސް ފައިދާގެ މިންވަރު ދެނެގަތުމަށް ބަލާ ރޭޝިއޯތައް ހުރީ ހަރުދަނާ މިންވަރެއްގައި ކަމަށެވެ. އެގޮތުން އެވްރެޖް ރައުސްމާލުގެ ނިސްބަތުން ލިބުނު ފައިދާ ވަނީ 15 ޕަސެންޓްގައި ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ. އަދި އެވްރެޖް އެސެޓްގެ ނިސްބަތުން ލިބުނު ފައިދާ ވަނީ ހަތަރު ޕަސެންޓްގައި ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭ އިން ބުނިގޮތުގައި ބޭންކުތަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އިތުރުވުމުގެ ސަބަބުން އިންޓަރެސްޓްގެ ޚަރަދު ކެނޑުމަށް ފަހު އިންޓަރެސްޓުން ލިބުނު އާމްދަނީ ވަނީ ކުރީ އަހަރާ އަޅާބަލާއިރު ހަ ޕަސެންޓް އިތުރުވެފަ އެވެ.