ވިޔަފާރި / އިގްތިސާދު

އުފުލޭ ތެލުގެ އަގަށް ދިރިއުޅުން ބައްޓަންކުރުން

އެސްޓީއޯ އިން ތެޔޮ ރައްކާކުރާ ފުނަދޫގެ ޖާގަބޮޑުކުރުމުގެ މަސައްކަތްކުރަނީ: އެތަނުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ. ފޮޓޯ: އެސްޓީއޯ

އިބްރާހިމް އާތިފް ޝަކޫރު

30 މެއި 2018 - 11:10

1 comments

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، 2014 ގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑު ތަނުން އުފުލިގެން ދިޔަ އެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގަށް އަންނަ ބަދަލު ދެނެގަންނަން ބޭނުންކުރާ މިންގަނޑު ކަމުގައިވާ 'ބްރެންޓް ކްރޫޑު' ފީފާއެއްގެ އަގު، ސެޕްޓެމްބަރު 6، 2014 ގައި 120 ޑޮލަރަށް އެރި އެވެ. ނަމަވެސް އޭގެ ފަހުން ތެލުގެ އަގު މަޑުމަޑުން ތިރިވަމުން ގޮސް ޖެނުއަަރީ 2015 ގައި 48 ޑޮލަރަށް އަދި ޖެނުއަރީ 2016 ގައި 30 ޑޮލަރާ ގާތަށް ވެސް ތިރިވި އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި މިވޭތުވެދިޔަ 2017 ވަނަ އަހަރަކީ ޢާންމު ގޮތެއްގައި ތެލުގެ އަގު 60 ޑޮލަރަށް ވުރެ ތިރީގައި ހިފެހެއްޓިފައިވާ ދުވަސްތަކެވެ. ނަމަވެސް ވޭތުގެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، 60 ޑޮލަރު ފޫއަޅުވައި ތެލުގެ އަގު މައްޗަށް ދާން ފަށައިފައި ވަނީ އޮކްޓޫބަރ 2017ގެ ފަހުންނެވެ. މިހާ ހިސާބުން ތެލުގެ އަގު އުފުލި ޖެނުއަރީ 2018 އިން ފެށިގެން އާދައިގެ ގޮތެއްގައި ތެލުގެ އަގު ހިފެހެއްޓިފައި މިވަނީ 65 އިން މަތީގަ އެވެ. ނަމަަވެސް މި އަހަރުގެ މާޗުން ފެށިގެން ތެލުގެ އަގު ބޮޑުވަމުން ދިޔަ ހަލުއިކަން އިތުރުވެ، 70 ޑޮލަރަށްް ވުރެ މައްޗަށް އަރައި، މިހިނގާ މެއި މަހު 80 ޑޮލަރާ ހަމައަށް އެރުމަށް ފަހު މިއަދު މިހާރު ވަނީ 76 ގައި މަޑު ޖެހިލާފަ އެވެ.

އެހެންކަމުން ވޭތުގެ ދިޔަ ހަ މަހުގެ ތެރޭގައި ތެލުގެ އަގު މިވަނީ 25 ޕަސެންޓަށް ވުރެ ބޮޑުމިންވަރަކުން އިތުރުވެ، 12 މަސްދުވަހުގެ ތެރޭގައި 50 ޕަސެންޓް އިތުރަށް ތެލުގެ އަގު މިވަނީ ބޮޑުވެފަ އެވެ.

ތެލުގެ އަގަށް އެންމެ ފަހުން އިހަކަށް ދުވަހު އައި ބަދަލާއި، 2015 ގައި 120 ޑޮލަރަށް ވުރެ މައްޗަށް އަރަށް ޖެހުނު ސަބަބު އަދި 2016/17 ގައި ތެލުގެ އަގު ހެޔޮވުމަށް ފަހު މި ހިނގާ 2018ގެ މާޗުން ފެށިގެން ތެލުގެ އަގު އަލުން އުފުލެން ދިމާވި ސަބަބުތަކާ މެދު ވާހަކަ ދެއްކުން އެހެން ފަހަރަކަށް ފަސްކުރުން ރަނގަޅު ކަމަށް ވިޔަސް، މެދު ރާސްތާގައި ތެލުގެ އަގު ހުންނާނެ މިންގަނޑަކާ މެދު ވިސްނާލުން މިއަދު މުހިންމެވެ. ވެނެޒުއެލާ، އީރާން، އަދި ޖުމްލަކޮށް މެދު އިރުމަތީގައި ކަންތައް ހިނގަމުންދާ ގޮތުން ތެލުގެ އަގު ތިރީގައި ހިފެހެއްޓުމުގެ ފުރުސަތު ހަނިވެ މުސްތަޤްބަލު ފެންނަނީ ބަނަކޮށެވެ. އެހެންކަމުން ކައިރި މުސްތަޤްބަލުގައި ތެލުގެ އަގު ތިރިޔަށް ޖެހުމުގެ ބަދަލުގައި، ހިނގާ އޮއިގައި ޖެހި ތެލުގެ އަގު ބޭރު ދުންޏަށް ދަމާފާނޭ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ތެލުގެ އަގަށް އަންނަ ބަދަލުތައް ދައްކައިދޭ ގްރާފެއް

ދެމެހެއްޓެނެވި ހަކަތަ ބޭނުން ކުރުމުގައި މިވޭތުގެ ދިޔަ ދުވަސްތަކުގައި ދުނިޔޭގެ ގައުމުތައް ވަރަށް ބޮޑެތި ކުރިއެރުންތައް ހޯދާފައިވިޔަސް، ތެލުގެ އަގު ބޮޑުވަމުން ހިނގައިދާނެ ކަމަށް ހީކުރެވޭ މިދުވަސްވަރުގައި، ރާއްޖެ ފަދަ ޖުމްލަ އިގުތިސާދު އިމްޕޯޓަށް ބަރޯސާވެ، އަދި ބޭނުންކުރާ ޖުމްލަ ހަކަތައިގެ ބޮޑު ބައެއް އަދިވެސް އިމްޕޯޓް ކުރެވޭ ހަކަތައަށް ބަރޯސާވެފައިވާ ގައުމެއްގެ ގޮތުން، ވިސްނަން ޖެހޭ ވިސްނުންތަކާއި، ރާވަން ޖެހޭ ރޭވުންތައް ގިނަ އެވެ.

މީގެ 14 އަހަރު ކުރިން 2004ގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު ދެ ގުނައަށް ބޮޑުވެގެން ދިޔަ އެވެ. ތެލުގެ އަގު ބޮޑުވަމުން ދާ އެފަދަ ދުވަސްތަކެއްގައި ވިސްނުމަށް ގެންނަން ޖެހޭ ބަދަލާ މެދު އޭރުގެ "ހަވީރު" ނޫހުގައި އަޅުގަނޑު ލިޔުމެއް ޝާޢިއުކުރީމެވެ. ތެޔޮ އަގުބޮޑު ވެގެންދާ ދުވަސްކޮޅެއްގައި، ތިން ފެންވަރެއްގައި، އަމިއްލަ ދިރިއުޅުން، ޢާއިލީ ޚަރަދުތައް އަދި ކުޑަ ވިޔަފާރިއެއްގެ ނިސްބަތުން ޚަރަދު ބައްޓަން ކުރުމަށް އެލިޔުމުގައި ބަލާލެވިފައިވާނެ އެވެ. މިއަދު މިއީ 14 އަހަރު ފަސްކަމަށް ވިޔަސް، އަދި މި މުއްދަތުގައި ދުނިޔެއަށާއި ރާއްޖެއަށް އެތަކެއް ބަދަލު އައިސްފައި ވާނެ ކަން ޔަގީން ކުރާ ހިނދު ވެސް، ޚަރަދު ބައްޓަން ކުރުމުގެ އަސާސްތަކާ މެދު މިއަދު ވެސް ވިސްނާލުމަކީ ނެތްކަމެއް ނޫންކަމުން އެލިޔުމުން ބައެއް މިތާނގައި ނަކަލު ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ދެކެމެވެ.

2004ގައި ޝާއިޢުކުރި ލިޔުމުން ބައެއް

"ދުނިޔޭގެ ފެންވަރުގައި ތެލުގެ އަގުބޮޑުވެގެންދާއިރު ރާއްޖޭގައި އަގުބޮޑުވާނީ ހަމައެކަނި ޕެޓްރޯލާއި ޑީސަލްގެ އަގެއް ނޫނެވެ. ދަތުރުފަތުރުގެ އަގުބޮޑުވާނެ އެވެ. އަދި ޖުމްލަކޮށް ހުރިހާ ތަކެއްޗެއް އުފެއްދުމުގައިމެ ތެލުން އުފައްދާ ހަކަތަ ބޭނުންކުރާތީ މެދު މުއްދަތުގައި ރާއްޖެއަށް އިމްޕޯޓް ކުރާ ހުރިހާ ތަކެތީގެ އަގުބޮޑުވެގެން ދިޔުމަކީ ދުރުކަމެއް ނޫނެވެ.

އެހެންކަމުން ތެޔޮ، ތެލުން އުފައްދާ ޕެޓްރޯލިއަމް ޕްރޮޑަކްޓްސް އަދި ޖުމްލަކޮށް ހުރިހާ އުފެއްދުމެއްގެ އަގު ބޮޑުވެގެން ދާނެ ކަމަށް ޤަބޫލުކުރެވޭއިރު ފަރުދެއްގެ ގޮތުން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިބާވަ އެވެ؟ ފަރުދީ ވިސްނުމަށް ގެންނަންވީ ބަދަލުތަކަކީ ކޮބައިބާވަ އެވެ؟

ފަރުދެއްގެ ގޮތުން ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ތަކެތި އަގުބޮޑު މާދަމާއަށްޓަކައި، މިއަދުގެ ޚަރަދުތައް ކުޑަކުރުމެވެ. މާދަމާއަށް ޓަކައި މިއަދުގެ ހޭދަ ބައްޓަންކުރުމެވެ. މާދަމާ ނޫން އަނެއް ދުވަހު ތަކެތީގެ އަގުބޮޑުވެގެން ދާނެކަން ފައިސާ ޚަރަދުކުރުމުގައި ވިސްނުމެވެ. ކޮންމެހެން ކުރުން ލާޒިމް ނޫން ޚަރަދުތައް ފަސްކުރުން ނުވަތަ ނުކުރުމެވެ.

މިގޮތުން ސައިކަލް، ކާރު ފަދަ ޕެޓްރޯލް ޚަރަދުވާ ތަކެތި ގަތުމުގައި ދެވަނަ ފަހަރަށް އަދި ތިން ވަނަ ފަހަރަށް ވެސް ވިސްނުން މުހިންމެވެ. ޚާއްޞަކޮށް މިހާރު ވެސް ސައިކަލެއް ދުއްވާ ނަމަ އެވެ. ހަމައެކަނި ހިތްހަމަޖައްސާލުމަށްޓަކައި ހަވީރާއި ރޭގަނޑު ދުއްވާލުމަށްޓަކައި ގަންނަން ވިސްނަމުންގެންދާ އަގުބޮޑު، ގިނަ ޕެޓްރޯލް އަޅަން ޖެހޭ މޮޅު ކާރަށް ޚަރަދުކުރުމުގެ ބަދަލުގައި އެކަމަށް ކަނޑައެޅިފައިވާ ފައިސާ ސޭވިންގްސް އެކައުންޓެއްގައި ރައްކާކުރަން ވިސްނުމަކީ ވެސް ދެރަގޮތެއް ނޫނެވެ.

ޢާއިލީ ފެންވަރުގައި އެންމެންގެ މެދުގައި ވާހަކަދެކެވިގެން ކުރެވިދާނެ ކަންތައްތަކަކާ މެދު ވެސް ވިސްނިދާނެ އެވެ. ވަކި ކޮޓަރިތަކުގައި ކުދި އައިސްއަލަމާރި ގެންގުޅުމުގެ ބަދަލުގައި ކާގެއަށް ބޮޑު އަލަމާރިއަކާއި ބަދިގެއަށް ޑީޕްފްރީޒަރެއް ހޯދިއްޖެ ނަމަ ފަހަރުގައި މުޅި ގޭގެ ކަރަންޓް ބިލް ކުޑަވުމަކީ ދުރުކަމެއް ނޫނެވެ. އެންމެންގެ އެއްބައިވުންމަތީ ގޭގެ ބޮކިތަކާއި ހޮޅިބުރިތައް އެނާޖީ ސޭވިން ތަކެއްޗަށް ބަދަލުކުރުމުން ވެސް ދިގު މުއްދަތުގައި ޖީބަށް ލުއިވާނެ އެވެ. އޭސީ ފަދަ ކަރަންޓް ޚަރަދު ބޮޑު ތަކެތި ބޭނުންކުރެއްވުމުގައި އިހުނަށް ވުރެ ޚަރަދަށް ރައްކާތެރިކޮށް ވިސްނުމަކީ ވެސް މި ފުރުސަތުގައި ދެރަގޮތެއް ނޫނެވެ.

ވިޔަފާރި ކުންފުނިތަކުން ކުރަން ރާވާފައިވާ، ނުވަތަ ކުރަމުންދާ ވިޔަފާރިއާ އެފަދަ ވިޔަފާރިކުރުމަށްޓަކައި އިންވެސްޓް ކުރަން ހަމަޖެހިފައިވާ ފައިސާއާ މެދު ވެސް މިއަދު އަލުން ވިސްނާލުން ރަނގަޅެވެ. ގިނަ އެއާކޯން ބަހައްޓާފައި އަގު ބޮޑު ރެސްޓޯރަންޓެއް ހެދުމަށް ވުރެ ހުޅުވާލެވިފައިވާ އައުޓްޑޯ ކެފޭއެއްގެ ވިޔަފާރި މިއަދަށް ރަނގަޅުވެފައި، މުސްތަޤްބަލަށް ޚަރަދު ކުޑަވާނެ އެވެ. ކުންފުންޏަށް އަލަށް ބަންނަ ލޯންޗްގައި އަގުބޮޑުކޮށް ނަމަވެސް ޑީސަލް އިންޖީނު އެޅުމާ މެދު އަލުން ވިސްނުން ރަނގަޅެވެ. މުދާ އުފުލުމަށްޓަކައި ބަންނަ ދޯނީގައި 450ގެ އިންޖީނެއްގެ އެޅުމުގެ ބަދަލުގައި 250 އަށް ބަދަލުކުރުމަކީ ދެރަގޮތެއް ނޫނެވެ. އަގުބޮޑު ސެންޓާއި ގަޑި ވިއްކާ ފިހާރައެއްގެ ބަދަލުގައި އިނާޖީ ސޭވިންގް ބޮކި ފަދަ ތަކެތި ވިއްކާ ފިހާރައެއްގެ ވިޔަފާރިއަކަށް ވިސްނަމާތޯ އެވެ؟ އެހެންކަމުން ވިޔަފާރީގެ ގޮތުން ޚަރަދުކުރުމަށް ވިސްނާފައިވާ ވިސްނުންތަކަށް އަލުން ޒިޔާރަތްކޮށް މިފަދަ ވިސްނުންތައް ތެލުގެ އަގުބޮޑު ޒަމާނަކާ އެކަށީގެންވާ ގޮތަށް ވިލަރެސް ކުރުމަކީ މާދަމައަށް މުހިންމު ކަމެކެވެ.

މިފަދަ މިފަދަ ކަންކަމުން ތެލަށް ޚަރަދު ކުރެވޭވަރު ކުޑަ ކުރެވިއްޖެ ނަމަ މާދާމައަށް ކޮންމެވެސް މިންވަރެއްގެ ލުއިކަމެއް ލިބޭނެކަން ޔަގީނެވެ. މީގެ އިތުރުން މިފަދަ ކަންކަމުން އިނާޖީ އެފިޝަންސީއާ މެދު ޖަމާޢަތުގެ ފެންވަރުގެ ވިސްނުންތަކެއް އުފެއްދި އެވިސްނުންތައް ދިގު މުއްދަތަށް ދެމެހެއްޓިއްޖެ ނަމަ ޤައުމުގެ ދުރު މުސްތަޤްބަލް އުޖާލާވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

ކޮންމެއަކަސް ފަރުދީ ގޮތުންނާއި ޢާއިލީ ނަޒަރުން އަދި ޖަމާޢަތުގެ ފެންވަރުގައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކެއް އެބަ ހުއްޓެވެ. މިފަދަ ކަންކަން ކުރަން ފެށުމަށްޓަކައި ބޭނުންވަނީ މިފަދަ ދުވަސްތަކެއް އަތުވެދާނެކަމަށް ކުރިޔަށް ވިސްނުމެވެ. މިފަދައިން ނަގާ ބޯމަތިކުރާ އިޤްތިޞާދީ ވިލާގަނޑުތަކުން މުޅި މުޖްތަމަޢުއަށް، ކޮންމެ ވަކި ފަރުދެއްގެ ޖީބަށް އަސަރުކުރާނެކަން ޔަޤީން ކުރުމެވެ. ރައްކާވެ ތިބިއްޔާ ދަތުރު ކަމުގައި މުސްކުޅިން ބުނާ ވާހަކައަކީ ތެދެއް ކަމުގައި ޤަބޫލްކުރުމެވެ."

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޥަޙީދު

30 May 2018

ޙުސް ހޮޅިި ވާހަކަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454