އަލިދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިޔަން ޑޮލަރު ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ހުކުމްކޮށްފި

ހއ. އަލިދޫ ރިސޯޓް ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިޔަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަން، ސަރުކާރުން އެ ރަށް ކުއްޔަށް ދޫކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.


ރައީސް ނަޝީދުގެ އެޑްވައިޒަރެއްގެ ގޮތުގައި، ރާއްޖޭން ބޭރުގައި މިހާރު ދިރިއުޅުއްވާ ޖާބިރުގެ އާއިލީ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި އަންގާފައިވަނީ އެ ފައިސާ އެއް އަހަރުގެ ތެރޭގައި މީރާ އަށް ދައްކާ ނިންމުމަށެވެ.

ޔޮޓް ޓުއާސް އިން ދައްކަން ޖެހޭ 29 މިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނެނީ، އަލިދޫގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 5.6 މިލިޔަން ޑޮލަރުގެ އިތުރުން، ދައްކަން ޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުން ޖޫރިމަނާ އަށް އަރާފައިވާ 23.4 މިލިޔަން ޑޮލަރެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިއަދު ކުރެއްވި ހުކުމުގައި ބުނެފައިވަނީ އެ ފައިސާ ދައްކާ ނިމެންދެން އަރާ ޖޫރިމަނާ ފައިސާ ވެސް ޔޮޓް ޓުއާސް އިން މީރާ އަށް ދައްކަން ޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު.

އަލިދޫ ރިސޯޓް ބަންދުކޮށްފައިވާތީ އެ މުއްދަތުގައި އެ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާ ނުހިނގާނެ ކަމަށް ކަނޑައަޅަން ވަގުތީ އަމުރެއް ނެރެދިނުމަށް މިދިޔަ އަހަރު ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް، މިދިޔަ އަހަރު ފެބްރުއަރީ މަހު ކޯޓުން ނިންމާފައިވަނީ ޔޮޓް ޓުއާސް އިން އެދުނު ގޮތަށް އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ޔޮޓް ޓުއާސް އިން ހުށަހެޅި މައްސަލައިގެ ކޯޓު ނިންމުމުގައި ވަނީ އެ ކުންފުންޏަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކަކީ މާލީ ގެއްލުންތަކެއް ކަމަށް ވާއިރު އެފަދަ ގެއްލުންތަކަކީ އަނބުރާ އިއާދަ ކުރެވިދާނެ ގެއްލުންތަކެއް ކަމަށެވެ. އަދި އެގޮތަށް އަމުރު ނެރެފި ނަމަ މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށާއި އެހެންވެ އެފަދަ ވަގުތީ އަމުރެއް ނެރެދޭން ޖެހޭނެ ތަނެއް ނެތް ގާޒީ މުހައްމަދު ހަލީމް ނިންމެވި އެ ނިންމުމުގައިވެ އެވެ.

އެ ރިސޯޓް ވަގުތީ ގޮތުން ބަންދުކުރީ 2014 ގައި މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށަށް ގެއްލުންތަކެއް ލިބިގެން މަރާމާތު ކުރުމަށެވެ.

އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ޔޮޓް ޓުއާސް އިން ވަނީ އެލައިޑް އިންޝުއަރެންސް ކުންފުންޏާ ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ. އަލިދޫ ރިސޯޓް އިންޝުއާ ކޮށްފައިވާ އެލައިޑާ ދެކޮޅަށް ދައުވާކުރަނީ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ހުށަހެޅުމުން އެ ބަދަލު ދެވެން ނެތް ކަމަށް އެ ކުންފުނިން ނިންމުންނެވެ.