ފުރަތަމަ ކުއާޓަރުގައި ބޭންކްތަކުން ދޫކުރި ލޯނުގެ މިންވަރު 13 ޕަސެންޓް އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކްތަކުން ދޫކުރި ލޯނުގެ މިންވަރު 13 ޕަސެންޓް އިތުރުވެއްޖެ އެވެ.


މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ނެރުނު ކުއާޓަލީ ބުލެޓިންގައި ބުނެފައި ވަނީ ބޭންކިން ނިޒާމުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދަށް ބަލާއިރު، ޓޫރިޒަމާއި އިމާރާތްކުރުން އަދި ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

އެ އޮތޯރިޓީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ބޭންކުތަކުން ދޫކުރި ލޯނުގެ މިންވަރު 21.5 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ދޫކުރި ލޯނުގެ ނުވަ ޕަސެންޓް ދޫކޮށްފައި ވަނީ އާ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހެދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ގެދޮރު އިމާރާތްކުރަން ދޫކުރި މިންވަރު 27 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ އިތުރުވި މިންވަރު އަހަރުން އަހަރަށް ބަލާއިރު، ފާއިތުވެދިޔަ ކުއާޓަރުގައި ފަސް ޕަސެންޓް ގައި ހުރުމަށްފަހު، ފުރަތަމަ ކުއާޓަރުގައި ވަނީ އަށް ޕަސެންޓަށް މަތިވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ބޭންކިން ނިޒާމުގައި ޑިމާންޑް ޑިޕޮސިޓް މި މުއްދަތުގެ ތެރޭގައި އިތުރުވުމެވެ.

ބޭންކުތަކަށް ލިބުނު ފައިދާ އަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި ބޭންކުތަކަށް 600 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތް ޕަސެންޓް ދަށް އަދަދެކެވެ.