ހުޅުމާލޭގައި 145 މިކްސްޑް ޔޫޒް ރެސިޑެންޝަން ޔުނިޓްތަކެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރެއިންބޯ ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ މޫދު ފެންނަ ސަރަހައްދުގައި ހައުސިން ޔުނިޓްތައް އަޅަން އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ކަމަށެވެ. އަދި ރެއިންބޯގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހަދާ އެޕާޓްމަންޓްތައް މިއަދުން ފެށިގެން ދެ އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.
ރެއިންބޯގެ ޑިރެކްޓަރު މާޒިން "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީގައި ދެ ޓަވަރުގެ ފުރަތަމަ ދެ ބުރީގައި ހުންނާނީ ފިހާރަ ފަދަ ވިޔަފާރިއަށް ހާއްސަ ތަންތަން ކަމަށެވެ. އަދި ދެ ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ވަކި ދެ ސްވިމިން ޕޫލް ވެސް ހަދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރެއިންބޯއިން ހަދާ ހައުސިން ޔުނިޓް ކޮމްޕްލެކްސްގައި އަންޑަގްރައުންޑް އަދި ފުރަތަމަ ދެ ބުރީގައި ޕާކިން އަކާއި ދެ ޓަވަރަށް ވަކިން ދެ ޖިމާއި ކުޑަކުދިން ކުޅޭ އޭރިއާ އަދި ދެ ޑޭ ކެއާ ސެންޓަރާއި ކޮންމެ ޓަވަރެއްގެ ބޭސްމަންޓްގައި ގާބޭޖްސް ކަލެކްޝަން ޕޮއިންޓް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެޕާޓްމަންޓްތައް ވިއްކަން ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނަން. މިތަނަކީ ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ތަނަށް ވާނެ،" މާޒިން ވިދާޅުވި އެވެ.
ހުޅުމާލޭގައި ރެއިންބޯއިން މީގެ ކުރިން ވަނީ ތިން އެޕާޓްމަންޓް ކޮމްޕްލެކްސް ހަދައި ނިންމައިފަ އެވެ. އޭގެ އިތުރުން އެ ކުންފުނިން ދަނީ ހުޅުމާލޭގައި 20 ރޯ ހައުސް އަދި މާލޭގައި މ. މަނާގެ ވެސް 15 ބުރިއަށް ތަރައްގީކުރަމުންނެވެ.
ރެއިންބޯ އިން އަލަށް ހަދާ ހައުސިން ޔުނިޓްތަކުގެ މައުލޫމާތު އެ ކުންފުނީގެ 3340420 ނަމްބަރަށް ގުޅުމުން ސާފުކޮށްދެ އެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ރާއްޖޭގެ އެންސިސް ފިޝަރީޒް، ރެނާޓަަސް، ދަމާސް، ބެޗް ކޮންސްޓްރަކްޝަން އަދި އެޕޯލޯ ހޮލްޑިންއާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.