ދިރާގު ރޯޑު ރޭހުގައި ޖަމިއްޔާތަކުން ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ކުުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޝިޔާރާ އެކު ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ދުވުމުގައި، ޖަމިއްޔާތަކުން ބައިވެރިވުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.


ކުރިން ހަމަޖައްސާފައިވާ ގޮތުން މިއަދަކީ، ޖަމިއްޔާތަކުން ދުވުމުގައި ބައިވެރިވާން ހުށަހަޅަންޖެހޭ އެންމެ ފަހު ދުވަހެވެ. ނަމަވެސް މިހާރު ވަނީ ހޮނިހިރު ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފަ އެވެ.

މީގެ 12 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މި ރޭހުގައި އާއްމުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކަމަށް، މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުންޏެވެ.

އަންނަ ނޮވެމްބަރު މަހު ދެ ވަނަ ދުވަހު ބާއްވާ ދިރާގު ރޯޑް ރޭހުން މިއަހަރު ވަނީ 4،000 މީހުންނަށް ޖާގަ ދޭން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ރޯޑު ރޭހުގައި ބައިވެރިކުރަނީ 3،000 މީހުންނަށެވެ.

ދިރާގުން މި ރޭހުގެ ޓީޝާޓް ވިއްކަނީ 100ރ. އަށެވެ. އެގޮތުން ޓީޝާޓް ވިއްކައިގެން ލިބޭ ރުފިޔާ ހަދިޔާކުރާނީ، އެ ދުވުމުގައި ބައިވެރިވާ ޖަމިއްޔާތަކަށެވެ.