މިއީ ދިވެހިން ފަޚުރުވެރިވާނެ ރަންވޭއެއް: ސައީދު

ރައީސް އަބްދުﷲ ޔާމީން، ނޮވެމްބަރު 17، 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑަށް އިސްކަން ދެއްވި އެއް މަޝްރޫއަކީ ރާއްޖޭގެ މައި އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް އެކުލަވާލެއްވިއިރު، އެމަނިކުފާނު އެންމެ ބޮޑު ސަމާލުކަމެއް ދެއްވި ކަމަކީ އާ ރަންވޭއެއް ހެދުމެވެ. މީގެ 50 އަހަރު ކުރިން އަޅާފައި އޮތް ރަންވޭ ހަލާކުވެ، އަދި އެންމެ ރަންވޭއެއް އޮތުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ތަކުލީފު އެންމެ ބޮޑަށް އެނގުނު ސަރުކާރަކީ ވެސް ރައީސް ޔާމީންގެ ސަރުކާރެވެ. އޭގެ ނަތީޖާ އަކީ މިއަދު ރަސްމީކޮށް މި ހުޅުވާ އާ ރަންވޭ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ އެންމެ ޒަމާނީ އަދި ފެންވަރު ރަނގަޅު ރަންވޭއެއް އަޅައިދީފަ އެވެ. މިއީ ވަރަށް ބޮޑު ކަމެކެވެ.


ތިރީގައި މިވަނީ އާ ރަންވޭއާ މެދު އިކޮނޮމިކް މިނިސްޠަރު މުހައްމަދު ސައީދު ދެކެވަޑައިގަންނަވާ ގޮތެވެ.

އާ ރަންވޭއާ އެކު، ރާއްޖޭގެ ވައިގެ ދަތުރުފަތުރާ މެދު ރާއްޖެއިން ބޭރުގެ ފަރާތްތައް ދެކޭ ގޮތް ބަދަލުވާނެ ގޮތަކީ ކޮބައިތޯ؟

ބޭރު ދުނިޔޭގައި ރާއްޖޭގެ އިތުބާރު ބޮޑުވެގެންދާނެ. ރާއްޖޭގައި އިންވެސްޓުކޮށް، ވިޔަފާރި ކުރަން ބޭނުންވާ ބައިނަލްއަގްވާމީ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ރާއްޖޭގެ ސިނާއަތްތަކާއި އިގްތިސޯދީ ގޮތުން ހަރަކާތްތެރިވާ އެކި ގިންތިތަކުގެ މީހުންނަށް މީގެ ކުރިން ނުލިބޭ އެތައް ފުރުސަތެއް ފަހިވެގެން ދިޔަކަން ޔަގީން ވާނެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށް ވުރެ އެތައް ގުނައަކަށް އިތުރުވުމަށް ލިބޭ ފުރުސަތަކަށް ވާނެ. ރައީސް އަބްދުﷲ ޔާމީންގެ ތަސައްވުރަކީ ރާއްޖެއަށް މިހާރު މި އަންނަ 1.2 މިލިއަން ފަސިންޖަރުންގެ އަދަދު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ފަސް މިލިއަނަށް ޖެއްސުން. އަދި ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި 7.5 މިލިއަން އެރައިވަލްސް އަށް މި އަދަދު ޖެއްސުން. ރާއްޖޭގެ ސީ ޕޯޓުގެ ދާއިރާއިން ވެސް މިދަނީ ބައިނަލްއަގްވާމީ ފަރާތްތަކާ އެކު މިނިވަން ވިޔަފާރީގެ ތެރެއަށް ވަންނަމުން. ބައިނަލްއަގްވާމީ ސީ ޕޯޓެއް ތިލަފުށީގައި ގާއިމް ކުރައްވާނެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި. ސީ ޕޯޓުން މާލެ އާއި ހުޅުލެއާ ގުޅޭއިރު އެއާ ކާގޯ އެތައް ގުނައަކަށް އިތުރުވުމުގެ ފުރުސަތު އާ ރަންވޭ އަދި އެއާޕޯޓުން މި ހުޅުވެނީ.

އެންމެ އާންމު މީހަކަށް ވިސްނޭ ގޮތަށް ވިދާޅުވާ ނަމަ، އާ ރަންވޭ އަކީ ރާއްޖެއަށް ކިހާ މުހިންމު ތަނެއްތޯ؟ ރާއްޖޭގެ އިގްތިސޯދަށް މިއީ ކިހާ ބޮޑު ކަމެއްތޯ؟

ހަތަރު އިންޖީނު ލީ ދެ ބުރި މަތިންދާބޯޓެއް ޖެއްސޭނެ ފުރުސަތު ލިބިގެން ދިޔައީ. ދުނިޔޭގައި މިހާރު ހުރި އެންމެ ބޮޑެތި މަތިންދާބޯޓުތަކަކީ ހަތަރު އިންޖީނު ލީ ދެ ބުރިއަށް ނަގާފައިވާ މަތިންދާބޯޓު. އެއީ އޭ380 މަރުކާގެ މަތިންދާބޯޓު. ދެން ރާއްޖޭގެ ކޮންމެ މީހެއްގެ ވެސް އުންމީދަކީ ވަޒީފާގެ ފުރުސަތު ލިބުން. އިތުރު ތަނަވަސްކަން ލިބުނު. ޖީބަށް އެވަރުގެ އާމްދަނީއެއް ވަނުން. ނަރުދަމާ އާއި ފެން، ހަސްފަތާލު، މަދަރުސާ ކަހަލަ އެންމެ އަސާސީ ކަންކަން މީހުންނަށް ސަލާން ނުޖަހައި ވަކި އިންތިޒާމެއްގެ ތެރެއިން ލިބުން. މި ކަންކަމަށް މަގުފަހި ކޮށްދޭނެ ދޮރާއްޓެއް އާ ރަންވޭ އަކީ.

އާ ރްންވޭ: ޓޫރިޒަމްގެ މާސްޓަ ޕްލޭން ފުރިހަމަކޮށްދިނުމުގެ އެންމެ ބޮޑު ބައިވެރިޔާ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މި ސަރަހައްދަށް ބަލާއިރު މިއީ ކިހާ ފެންވަރެއްގެ ރަންވޭއެއްތޯ؟

އަޅުގަނޑު ޔަގީންކަން އަރުވަފާނަން ސައުތު އޭޝިއާގައި ނޯންނާނެ މި ފެންވަރުގެ ރަންވޭއެއް. މި ސަރަހައްދުގައި ނޯންނާނެ މި ފެންވަރުގެ ރަންވޭއެއް. ފެންވަރޭ އަޅުގަނޑު މި ދަންނަވަނީ ބައްލަވާ، ހުޅުލެ [ކަހަލަ] ރަށެއްގައި ބައިނަލްއަގްވާމީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެއް ހަދާއިރު ވަރަށް ގިނަ ދިރާސާތައް ކޮށް، ވަރަށް ގިނަ ހޯދުންތަކާ އެކު ފްލައި ކުރާނީ. އެ އިންޖިނިއަރިން އެޕްލައި ކުރިއިރުގައި ޖަރުމަން ވިލާތާއި ޔޫރަޕްގެ ގައުމުތަކުގެ ކޮންސަލްޓަންޓުން ވެސް އެމްއޭސީއެލްގައި ހަރަކާތްތެރިވަމުން ދިޔައީ. އަދި ސިންގަޕޫރުގެ ޗަންގީ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގައި ހަރަކާތްތެރިވި ބައެއް ކޮންސަލްޓަންޓުން އުޅޭނެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު ސާމާނު ބޭނުންކޮށްގެން އާ ރަންވޭ މި ހެދީ. އެހެންވީމާ، ދިވެއްސަކަށް ހުރެ ފަހުރުވެރިކަމާ އެކު ބުނެވޭނެ އަޅުގަނޑުމެންގެ ގައުމުގައި މި އޮތީ ފެންވަރުގެ ރަންވޭއެކޭ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިވަގުތު އެންމެ މުހިންމު ކަމަކީ އާ ރަންވޭއެއްތޯ؟

[މިހާރު ބޭނުންކުރާ] ރަންވޭ އެ އޮތީ އެކްސްޕަޔާ ވެފައި. ރާއްޖޭގައި ޓޫރިސްޓް އެނދު އިތުރު ކުރަން ވެސް އިތުރު ގެސްޓް ހައުސް އަޅަން ވެސް އަދި ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރު ކުރުމަށް އޮތް ފޯމިއުލާ އަކީ ވެސް އިތުރު ރަންވޭއެއް އެޅުން. އެހެންވީމާ އިތުރު ރަންވޭއެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ގެންދެވި ސަބަބަކީ ރާއްޖޭގެ އިގްތިސޯދު ޓްރާންސްފޯމް ކުރުން. އެތައް އަހަރެއް ވަންދެން ރާއްޖެ ސޮއްސާލާފައި އޮތް އޮތުމުގެ ގެއްލުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފޫބައްދައި ދީ، ޒުވާނުންނާއި ވިޔަފާރިކުރާ ފަރާތްތަކާއި އިންވެސްޓަރުންގެ އުންމީދު ކުޑަ މުއްދަތެއްގެ ތެރޭގައި ވާސިލް ކޮށްދިނުން.

އެއާޕޯޓަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު، މި ފެންވަރުގެ ރަންވޭއަކަށް ނުވަތަ އާ ރަންވޭއަކާ މެދު މިހާ ހިސާބަށް ވިސްނާފައި ނެތީ ކީއްވެތޯ؟

ނެތީ ލީޑަޝިޕް. ލީޑަޝިޕްގައި އެ ވަރުގެ ކެޕޭސިޓީ ނެތީ. ކުރިން ވެރިކަން ކުރި ފަރާތްތަކަށް ބަދު ބަހެއް ދަންނަވަނީކީ ނޫން. އެކަމަކު، އެބޭފުޅުންގެ ވިސްނުމުގައި ނެތީ މި ރާއްޖެ މި ފެންވަރުގެ ގައުމަކަށް ހަދައިލެވޭނެ ކަމުގެ. ނުވަތަ ކުރަން ކެރިވަޑައިނުގަތީ. އެންމެންނަށް ވެސް އަޑުއިވޭނެ، އަބަދު ދައްކަމުން އައީ ރާއްޖޭގައި ވަސީލަތްތައް މަދު ވާހަކަ. ވަސީލަތްތައް ނެތް ވާހަކަ. ވަސީލަތްތައް ލިބުމުގައި ފުރުސަތު ހަނި ވާހަކަ. އެކަމަކު ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވަޑައިގަތީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާ ކުރިމަތިލައި ހައްލު ހޯދުމަށޭ. އެންމެ ބޮޑު ކަމަކަށް ވާނީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތާއި އަޅުގަނޑުމެން އެންމެން ގަބޫލުކޮށްގެން މި އޮތް އިސްލާމްދީން. އަޅުގަނޑުމެން ބޭނުންވާ ވަގުތު އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔޭ ވަރުގެ ބަޔަކަށް ވާން ޖެހޭ. އެއީ ހަގީގީ މިނިވަންކަން. އެ މިނިވަންކަން ހޯދޭނީ އިގްތިސޯދީ ދާއިރާ އިން މިނިވަންކަން ލިބިގެން ކަމަށް ރައީސް ޔާމީން ގަބޫލުފުޅުކުރެއްވީ. އެކަން ކުރެވޭނީ އަޅުގަނޑުމެން އަތުގައި ޒަމާނީ ފެންވަރުގެ އިންފްރާސްޓްރަކްޗާ ހުރެގެން.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ބޮޑު ރަންވޭ. - ފޮޓޯ: އެމްއޭސީއެލް
އާ ރަންވޭ މިއަދު ރަސްމީކޮށް ހުޅުވާއިރު، މިނިސްޓަރުގެ މެސެޖަކީ ކޮބައިތޯ؟

އަޅުގަނޑުގެ އެދުމަކީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބު ކޮށްދެއްވާށޭ. މިއީއޭ އަޅުގަނޑުމެން ރާއްޖެ ގެންދަން ބޭނުންވާ ހަމަޖެހުމުގެ ތެރެއަށް ގެންދެވޭނެ ހަމައެކަނި ލީޑަރަކީ. މިއަދު ދިވެހިންނަށް ފަހުރުވެރިކަމާ އެކު ބުނަން ކެރޭ ރާއްޖެ އަކީ ތަފާތު ގައުމެކޭ. ރާއްޖޭގައި ބޮޑެތި ކަނޑުތައް ހުރަސްކޮށްފައި ބްރިޖް އެޅުމުގެ ކެޕޭސިޓީ އެބަ ހުއްޓޭ. ރާއްޖޭގެ ރައްޔިތުން މިއަދު ކައިރި ގައުމުތަކަށް ބޭސްފަރުވާ އަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ތިބެގެން އެކަން ކުރެވެއޭ. ރާއްޖޭގައި ޓާޝަރީ ހޮސްޕިޓަލްތަކާއި ސްޕެޝަލައިޒްޑް ހޮސްޕިޓަލްތައް އެޅުމުގެ ކެޕޭސިޓީ އެބަ ހުއްޓޭ.