ބޮޑެތި ބަދަލުތަކާއެކު ދޮވެމި ފިހާރަ އަލުން ހުޅުވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހިންގާ ދޮވެމި ފިހާރައަށް ބަދަލުތަކެއް ގެނެސް އަލުން މިއަދު ހުޅުވައިފި އެވެ.


އެއާޕޯޓްގެ އެރައިވަލް ޓާމިނަލް ބޭރުގައި ހުންނަ މި ފިހާރަ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. ދޮވެމި ފިހާރަ އެމްއޭސީއެލުން އެންމެ ފުރަތަމަ ހުޅުވީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ދޮވެމި ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު (މ) އަދި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެމްއޭސީއެލުން ބުނީ ދޮވެމި ފިހާރަ އަލުން ހުޅުވީ އިތުރު ބްރޭންޑުތަކާއެކުގައި ކަމަށެވެ. އެގޮތުން ބެލްޓާއި ގަލަމަށް ހާއްސަ ބްރޭންޑެއް ކަމަށްވާ މޮންޓް ބަލަންކާއި ސްވޮޗް ބްރޭންޑްގެ ގަޑި ލިބެން ހުރެ އެވެ. އަދި ފަހުގެ ސެންޓު ފުޅިތައް ވެސް އެ ތަނުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި، އެންމެ ފުރަތަމަ ފިހާރަ ހުޅުވި އިރު، އެ ތަނުގެ ބޮޑުމިނަކީ 640 ފޫޓެވެ. އެކަމަކު، މިހާރު އެ ފިހާރައިގެ ބޮޑުމިނަކީ 1184 ފޫޓު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ދޮވެމި ފިހާރަ ހުޅުވި ފަހުން، އެތަނުގެ ވިޔަފާރިއަށް ހީ ނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެން ދިޔަ ކަމަށާއި އަލުން ފިހާރަ ހުޅުވުމާއެކު، އާންމުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

ދޮވެމި ފިހާރަ އިން ގަންނަން ލިބޭ ތަކެތީގެ ތެރޭގައި އަތުގައި އަޅާ ގަޑި އާއި ވޮލެޓާއި ބެލްޓާއި ގަލަމުގެ އިތުރުން ޗޮކްލެޓާއި އައިނާއި ރީތިވާން ބޭނުން ކުރާ ސާމާނު ވެސް ހިމެނެ އެވެ.