ދިރާގުގެ ސީއީއޯގެ އިންޓަވިއު: މިއީ ދިވެހިންގެ ކާމިޔާބު ކުންފުންޏެއް

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ދިރާގުގެ އުމުރުން މިއަދު 30 އަހަރު ފުރުނީ އެވެ. މިދިއަ 30 އަހަރު އެ ކުންފުނިން ވަނީ މުވާސަލާތީ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. ދިރާގުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. ތިރީގައި އެވަނީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ދެއްވި އިންޓަވިއުގެ ހުލާސާ އެވެ.

ދިރާގު އުފެދުނު ދުވަސްވަރު އަދި ފުރަތަމަ ތަޖުރިބާއަކީ ކޮބާތޯ؟

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) 1988 ގައި އުފެދުނީ، ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ކޭބަލް އެންޑް ވަޔަލެސްއާ ގުޅިގެން ރާއްޖޭގައި އުފެދުނު ޖޮއިންޓްވެންޗާ ކުންފުންޏެއްގެ ގޮތުގައި. ދިރާގު 1988 ގައި އުފެދުނުއިރު ރާއްޖޭގެ މުވާސަލާތީ ގުޅުންތައް އޮތީ ވަރަށް ޅަފަތުގައި. މާލޭގެ ވަރަށް މަދުގެއެއްގައި ފޯނުގެ ހިދުމަތް ލެވިފައި ހުއްޓަސް، ޓެލެފޯންގެ ހިދުމަތް މާލެއިން ބޭރަށް ދެވިފައި ވަނީ މާލެއާ ކައިރީގައިވާ ވަރަށް މަދު ރަށަކަށް. މީގެ ތެރޭގައި ގިނައިން ހިމެނެނީ މާލެ ކައިރީގައިވާ ޓޫރިސްޓު ރިސޯޓްތައް.

ހާއްސަކޮށް ރާއްޖެތެރޭގެ ގުޅުންތައް އޮތީ ވަރަށް އުނދަގޫ ގޮތަކަށް. އެ ދުވަސްވަރު ރަށްތަކާ ގުޅުމަށް ބޭނުން ކުރެވުނީ ރޭޑިއޯ ޓެލެފޯނު ނުވަތަ ވޯކީ ޓޯކީ އޮޕަރޭޓަރުން މެދުވެރިކޮށް މެސެޖް ލިޔެ ލިބެންވާ ފަރާތްތަކަށް ފޯރުކޮށްދީގެން. މިހެންކަމުން ސަރުކާރުގެ ޕޮލިސީގެ ދަށުން ދިރާގުގެ ފުރަތަމަ މަސައްކަތަކަށް ވެގެންދިޔައީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފޯނުގެ ހިދުމަތް ފޯރުކޮށްދިނުން.

އިންޖިނިއަރެއްގެ ގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުންތަކަކީ ކޮބައިތޯ؟

އޭރު އެންމެ ބޮޑު ޗެލެންޖަކަށް ވީ ހިދުމަތް ފޯރުކޮށްދޭން ޖެހޭ ރަށްތައް ގިނަވެފައި، ކަނޑު ހުރަސްކޮށް ބޮޑު ސަރަހައްދަކަށް ފެތުރިފައިވީ ހިނދު، އެފަދަ މަސައްކަތަކަށް ބޭނުންވާނެ އިންފްރާސްޓްރަކްޗާ ނެތުން. ދަތުރުފަތުރުކުރުމުގެ އުނދަގޫކަމާއި ރަށްރަށުގައި ރަނގަޅު ޖެޓީއެއް ނެތުމުން ގެންދަން ޖެހޭ ޓަވަރު އަދި އިކުއިޕްމަންޓް ގެންދަން ވަރަށް ދަތިވި. އަދި މަދު ރަށެއްގައި [އޭރު] 24 ގަޑިއިރު ކަރަންޓް ހުންނަނީ. އަޅުގަނޑުމެން ބަހައްޓާ އިކުއިޕްމަންޓަކީ 24 ގަޑިއިރު ކަރަންޓް ނެތިއްޔާ ފޯނެއް ބޭނުން ނުކުރެވޭނެ. އެހެންވެ ވަރަށް ގިނަ ރަށްރަށުގައި އަމިއްލަ ޖެނެރޭޓަރު ބަހައްޓައި، ސޯލާ އެނާޖީ ބޭނުން ކުރަން ޖެހުނު.

ހަނދާނުން ނުފޮހެވޭނެ ބައެއް ކަންކަން ހުންނާނެ. އޭގެ ތެރެއިން ބައެއް ކަންކަން ކިޔައިދެއްވިދާނެތޯ؟

މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓީމަކުން، ވަރަށް ގިނަ ދިވެހިންތަކެއް، ވަރަށް ބޮޑު ޕެޝަންއަކާ އެކު ކުރި މަސައްކަތެއް. ދިރާގުގެ ޓީމުން އެ މަސައްކަތް ކުރި ފޯރި އާއި ޖޯޝް އެއީ އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެ ކަމެއް. މި ޕްރޮޖެކްޓް ފެއްޓުނު އިރު އެންމެ އިސް މީހެއްގެ ގޮތުގައި ހުންނެވީ ދިރާގުގެ ކުރީގެ ސީއީއޯ، އަޅުގަނޑުގެ އަޚު އިސްމާއިލް ވަހީދު. ޕްރޮޖެކްޓްގެ މެދަކާ ހިސާބުން މި ޕްރޮޖެކްޓް ހިންގުމަށް އިސްމާއީލް އަޅުގަނޑާ ހަވާލުކުރެއްވި. ނެޓްވޯކް ރޯލްއައުޓް ޕްރޮޖެކްޓަކީ ފަސް އަހަރުން ފަސް އަހަރަށް ޕްލޭނެއް ހަދައިގެން ހިންގުނު ބޮޑު މަޝްރޫއެއް.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު --ފޮޓޯ: ނިޝާން އަލީ /މިހާރު

ނެޓްވޯކް ރޯލް އައުޓާއި މޮބައިލްގެ ހިދުމަތް ތައާރަފް ކުރުން، އަދި ސަބްމެރިން ކޭބަލް އެޅުން، އެހެން ގޮސް ދިރާގުގައި ހިންގުނު ވަރަށް ގިނަ މިފަދަ ޕްރޮޖެކްޓްތައް އޯވަސީކޮށް ހިންގުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު ކަމީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މި މަސައްކަތްތައް ކާމިޔާބުކަމާ އެކު ވަގުތައް ނިންމުނީ ދިރާގުގައި މަސައްކަތްކުރާ މުޅި ޓީމުގެ ހިތްވަރާއި ބުރަ މަސައްކަތުން. އަދި ޝެއާހޯލްޑަރުންނާއި ބޯޑުން ކަންތައްތައް ފަހިކޮށްދެއްވާ ދެއްވި އިތުބާރުން. ހުރިހާ ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބުން. އަޅުގަނޑުމެން އެންމެންނަށް ވެސް ތަސައްވަރު ކުރެވެނު މިކުރާ މަސައްކަތުގެ ސަބަބުން ބޮޑު ތަރައްގީއެއް ރާއްޖެއަށް އެބަ އަންނަކަން. އެއީ އަޅުގަނޑުމެން ބާރަށް ކުރިޔަށް ދިއުމަށް ލިބުނު ހިތްވަރު. އަދި އެ ހިދުމަތްތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލު އެއީ އަޅުގަނޑުމެން އެންމެނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް.

ސަބްމެރިން ކޭބަލް އެޅުމަކީ ކިހާ ބޮޑު ތަރައްގީއެއްތޯ؟

ޖީއެސްއެމް މޮބައިލް [އަށް ފަހު] ދިރާގުން މަސައްކަތް ކުރީ ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ބްރޯޑް ބޭންޑްގެ ހިދުމަތް ދެވޭނެ ގޮތަކީ ކޮބައިތޯ. އަޅުގަނޑު ހަނދާންވާ ގޮތުގައި ސަބްމެރިން ކޭބަލެއް ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅަން ދިރާގު ބޯޑުން އެޕްރޫވްކޮށްދެއްވީ 2005 ވަނަ އަހަރު. އޭރު ބޭނުން ކުރަމުންދިޔަ ސެޓެލައިޓް ކޮމިއުނިކޭޝަން މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވާ ވަރާ ގާތަށް ވެސް އިންޓަނެޓްގެ ހިދުމަތެއް ނުދެވޭ. އެހެންވީމަ ކޮންމެހެން ވެސް މަޖުބޫރު ކަމަކަށް ވީ [ސަބްމެރިން ކޭބަލް އަޅަން]. ވަރަށް ބޮޑު [ހަރަދަކަށް ވި] ދިރާގު ކަހަލަ ކުންފުންޏަކަށް އަމިއްލައަށް ސަބްމެރިން ކޭބަލްއެއް އެޅުން. ނަމަވެސް މިކަން ހާސިލްވެ 2006 ގައި އަޅުގަނޑުމެން ސަބްމެރިން ކޭބަލަކުން ހިދުމަތް ދޭން ފެށުނު.

ބްރޯޑްބޭންޑް ރާއްޖެތެރެއަށް ފޯރުކޮށްދިނުމަށްޓަކައި ދެން ކުރެވުނު މަސައްކަތަކީ، ދިރާގުން ގާއިމް ކޮށްފައިވާ މައިކްރޮވޭވް ވިއުގަ އިތުރަށް ފުޅާކުރުން. މިކަން ކުރަން އެންމެ އެކަށޭނަ ޓެކްނޮލޮޖީއެއް ކަމުގައި ފެނުނީ ރާއްޖޭގެ ސަރަހައްދުތައް ގުޅާލުމަށް، ސަބްމެރީން ކޭބަލް ބޭނުން ކޮށްގެން ޑިޖިޓަލް ވިއުގައެއް ގާއިމް ކުރުން. އެގޮތުން 2012 ގައި 1253 ކިލޯ މީޓަރުގެ ސަބްމެރީން ކޭބަލް ސިސްޓަމެއް ގާއިމުކޮށް ރާއްޖޭގެ އުތުރުން ދެކުނަށް ބްރޯޑްބޭންޑް ހިދުމަތް ފޯރުކުރުމަށް ޑިޖިޓަލް ހައިވޭއެއް ގާއިމްކުރެވި އެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މަގު ފަހިވެގެން ދިޔަ.

ކީއްވެގެންތޯ އިސްމާއިލް ޑިގްރީ ހެއްދެވި އިރު ފައިނަލް ޕްރޮޖެކްޓެއްގެ ބައެއްގެ ގޮތުގައި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް އެޅުން ނެންގެވީ؟ ރާއްޖެ ކަހަލަ ތަނެއްގައި އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލެއް އެޅުމަކީ އެހާ ބޮޑު ޗެލެންޖަކަށް ވެދާނެ ކަމަށް ބަލާފައިތޯ؟

އޭގެ ވާ ގޮތަކަކީ އެއީ އޮޕްޓިކަލް ކޭބަލް ޓެކްނޮލޮޖީ އަކީ އޭރު ވަރަށް ބޮޑަށް ތަރައްގީ ވަމުން އަންނަ ޓެކްނޮލޮޖީއަކަށް ވެފައި، ރާއްޖޭގެ މުވާސަލާތީ ތަރައްގީއާ ބެހޭ ގޮތުން އަބަދުވެސް އަޅުގަނޑު ވިސްނަމުން ދާތީވެ. އަދި އަޅުގަނޑު ކިޔަވަން ދިޔައީ ވެސް ކުންފުނީގެ ފަރާތުން ކަމަށް ވާތީވެ މުސްތަގްބަލުގައި ކުންފުންޏަށް ފައިދާ ވާނެ ދާއިރާއެއް ހިޔާރުކުރުމުގެ ގޮތުން.

ކިހާވަރެއްގެ ކާމިޔާބީއެއްތޯ ދިރާގަށް ހޯދިފައި ވަނީ؟

ދިރާގުގެ މި 30 އަހަރުދުވަހުގެ ކާމިޔާބީތައް ވަރަށް ގިނަ. ކޮންމެ ކާމިޔާބު ކުންފުންޏެއްގައި ވެސް ގަބޫލްކުރާ ވެލިއުސްތަކަކާއި ކުންފުނިން ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއްގެ ރަނގަޅު ތަސައްވަރެއް އޮތުން މުހިންމު. މިގޮތުން ދިރާގު އުފެދުނީއްސުރެއް ވެސް ދިރާގު މި މަސައްކަތް ކުރަމުން ދަނީ ދިރާގުގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ އެންމެންގެ ދިރިއުޅުމަށް އަޅުގަނޑުމެންގެ ހިދުމަތްތަކުގެ ސަބަބުން އިތުރު ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް. މިގޮތުން ރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސާދީ ޑިވެލޮޕްމަންޓަށް އަޅުގަނޑުމެންގެ ހިދުމަތުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް އައިސް ފައިވޭ. މީގެ ތެރޭގައި ހާއްސަކޮށް ވިޔަފާރިތައް އަދި ރިސޯޓްތައް މުޅި ރާއްޖެއަށް ފެތުރިގެން ދިއުމުގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ކުޅެފައިވާ ރޯލް އަޅުގަނޑު ފާހަގަކޮށްލަން. ރަނގަޅު ތަސައްވުރެއް ހަގީގަތަކަށް ހެދުމަށްޓަކައި ކުންފުންޏަކަށް އެންމެ ބޭނުންވާނެ އެއް ރައުސްމާލަކީ މަސައްކަތްކުރާނެ ރަނގަޅު، ހީވާގި މުވައްޒަފުންތަކެއް. މިގޮތުން ދިރާގުގައި މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ އެންމެ ބެސްޓް ޓީމް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އަދި އެޓީމު އެކުލެވިގެން ވަނީ 99 ޕަސެންޓް ދިވެހިން ކަމުގައިވީ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މި ފުރުސަތުގައި ދިރާގުގައި މަސައްކަތް ކުރަމުންދާ އަދި މާޒީގައި އަޅުގަނޑުމެންނާ އެކު މަސައްކަތް ކޮށްދެއްވާފައިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރުދަންނަވަން.

ދިރާގު އުފެދުނުތާ ކުރު މުއްދަތެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ އަތޮޅުތައް މުވާސަލާތީ ވިއުގައަކުން ގުޅާލެވި، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޓެލެފޯންގެ ޚިދުމަތް ވަނީ ފޯރުކޮށްދެވިފައި. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓުއަރިޒަމް އަދި އެހެން ވިޔަފާރިތައް ހަލުވިކަމާ އެކު ފުޅާވެގެން ދިއުމަށް އިތުރުބާރަކަށް ވެގެން ދިޔަ.

ހައި ސްޕީޑް ބްރޯޑްބޭންޑްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސަބްމެރިން ކޭބަލެއް ގާއިމްކޮށް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅެއް ސަބްމެރީން ކޭބަލަކުން ފުރަތަމަ ހިދުމަތް ދޭން ފެށި ކުންފުންޏަކީ ވެސް ދިރާގު.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު. ދިރާގު އުފެދުނުތާ ކުރު މުއްދަތެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހާ އަތޮޅެއް މުވާސަލާތީ ވިއުގައަކުން ގުޅާލި. ފޮޓޯ: ނިޝާން އަލީ /މިހާރު

އިންޓަނެޓާއި މޯބައިލްގެ ހިދުމަތް ރާއްޖެއަށް ފުރަތަމަ ތައާރަފްކޮށް ރާއްޖޭގެ މުޅި އާބާދީއަށް ހައި ސްޕީޑް މޯބައިލް ބްރޯޑް ބޭންޑްގެ ހިދުމަތް ފޯރިކޮށްދިން ފުރަތަމަ ކުންފުންޏަކީ ވެސް ދިރާގު.

ދިރާގުން ދަނީ އަބަދުވެސް ކަސްޓަމަރުންނަށް ދޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކޮށް ކަސްޓަމަރުން އުފަލުން ގަބޫލުކުރާ ފަދަ ހިދުމަތެއް ދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒުކަމުގައި ބަލައިގެން މަސައްކަތް ކުރަމުން. މިގޮތުން އަޅުގަނޑުމެންނާ އެކު ގިނަ ކަސްޓަމަރުންތަކެއް ތިބިކަން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ކާމިޔާބު. މި ފުރުސަތުގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ ހިދުމަތްތަކަށް ކުރައްވާ އިތުބާރާއި ތަރުހީބަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. \ދިރާގުގެ މި ކާމިޔާބީތައް ހާސިލްކުރުމުގައި، ދިވެހި ސަރުކާރުން ރާއްޖޭގެ މުވާސަލާތީ ކަންކަން ތަރައްގީ ކުރުމަށް ގެންގުޅުއްވި ޕޮލިސީ، އަދި ދިރާގުގެ މައި ހިއްސާދާރުން ކަމަށްވާ ދިވެހި ސަރުކާރާއި ކުރީގައި ކޭބަލް އެންޑް ވަޔަލެސް އަދި މިހާރު ބަޓެލްކޯ ގްރޫޕް އަދި އެކި ޝެއާ ހޯލްޑަރުން ތަމްސީލްކުރައްވާ ބޯޑްތަކުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަން އަޅުގަނޑު ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަން.

ދިވެހިންގެ ވައްޓަފާޅިއަށް ބަލާއިރު މިކަހަލަ ޒަމާނީ ހިދުމަތްތައް ހޯދަން ކިހާ ވަރަކަށް ދިވެހިން ޑިމާންޑްކުރޭތޯ؟

ދިވެހިންނަކީ ވަރަށް ބޮޑަށް ޓެކްނޮލޮޖީ އެމްބްރޭސްކުރާ، ޓެކްނޮލޮޖީއާ ރައްޓެހި ބައެއް. އަޅުގަނޑުމެން އެންމެ ފަހުން ބެލިއިރު، އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރެއިން 60 ޕަސެންޓަށް ވުރެ ގިނަ ކަސްޓަމަރުންނަކީ ސްމާޓް ޑިވައިސް ބޭނުންކުރާ މީހުން. މިއީ ދުނިޔޭގެ ގިނަ ތަންތަނަށް ބަލާއިރު ވަރަށް ބޮޑު ޕަސެންޓެއް. ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު މިވަނީ ތްރީޖީން ފޯޖީއަށް ބަދަލުވެފައި. އެގޮތުން 2015 ވަނަ އަހަރު އަޅުގަނޑުމެން މިވަނީ މުޅި ރާއްޖެއަށް ތްރީޖީ މޯބައިލް ބްރޯޑްބޭންޑް ފޯރުކޮށްދީފައި. މިއީ އޭޝިއާ ރީޖަނަށް ބަލާއިރު ވެސް ބޮޑު އެޗީވްމަންޓެއް. އަޅުގަނޑުމެން މިވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހަމައެކަނި ތްރީޖީ ބްރޯޑްބޭންޑް އެކަންޏެއް ނޫން އަދި ފޯޖީ ބްރޯޑްބޭންޑްގެ ހިދުމަތް ވެސް ފޯރު ކޮށްދީފައި. މީގެ އިތުރުން ހައި ސްޕީޑް ފައިބާ ބްރޯޑްބޭޑްގެ ހިދުމަތް މިއަދު ވަނީ މާލެއެކޭ ތަފާތުކުރުމެއް ނެތި ގިނަ ރަށްތަކަކަށް ފޯރުކޮށްދެވިފައި. އެގޮތުން މިހާތަނަށް އާބާދީގެ 70 ޕަސެންޓަށް ދެވިފައި. އަދި މިއާ އެކު ދިރާގު އައިޕީ ޓީވީގެ ހިދުމަތް ވެސް ފައިބާ މެދުވެރިކޮށް ގިނަ ރަށްތަކަކަށް ދަނީ ފޯރުކޮށްދެމުން.

ދިރާގުގެ މުވައްޒަފުން ކަސްޓަމަރުންނާ މެދު ދެކެނީ ކިހިނެއްތޯ؟

އަޅުގަނޑުމެންގެ ސްޓްރެޓެޖީ ޑިފައިންކުރާ އެއްޗަކީ ކަސްޓަމާ އެކްސްޕީރިއަންސް. ދިރާގުގައި މަސައްކަތް ކުރާ އެންމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކަށް އެންމެ ރަނގަޅު ހިދުމަތް ދިނުން. އާދެ، މިގޮތުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތް ރަނގަޅު ކުރުމަށް އަބަދުވެސް ކުރާނެ ގިނަ މަސައްކަތްތަކެއް ހުންނާނެ. އަދި ކަސްޓަމަރުންގެ އަޅުގަނޑުމެންގެ ބޭނުންތަކަށް އަޑުއަހާ، ކަސްޓަމަރުންނަށް ދިރާގާ ގުޅޭނެ އަދި ފަސޭހައިން ހިދުމަތް ހޯދޭނެ ގޮތްތައް ފަހިކޮށްދިނުން އެއީ އަބަދުވެސް ތަރައްގީ ކުރެވެމުންދާނެ މަސައްކަތްތަކެއް.

އަޅުގަނޑު ދަންނަވާނީ ވާދަވެރި މާހައުލެއްގައި މަސައްކަތް ކުރަމުންދާއިރު ގިނަ ކަސްޓަމަރުންތަކެއް އަޅުގަނޑުމެންނާ އެކު މިތިބީ މި ސަބަބަށްޓަކައޭ. މި ހިދުމަތުގެ ފެންވަރާ ދެވޭ ހިދުމަތްތައް ވެސް އަޅުގަނޑުމެން މިދަނީ ދުވަހެއް ދުވަހަކަށް އިތުރުކުރަމުން. މިގޮތުން މިދިޔަ އަހަރު އަޅުގަނޑުމެން މިވަނީ އައިޕީ ޓީވީގެ ހިދުމަތާއި، މޮބައިލް މަނީގެ ހިދުމަތް ފައްޓާފައި. އަދި އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ދަނީ އިތުރު ޑިޖިޓަލް ސާވިސްތައް ތައާރަފްކޮށް ކަސްޓަމަރުންނަށް މުސްތަގުބަލްގައި ބޭނުންވާނެ ފަދަ ހިދުމަތްތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުން.

ފާހަގަކުރައްވައިފި 60 ޕަސެންޓް މީހުން ސްމާޓް ޑިވައިސް ބޭނުންކުރާ ކަމަށް. ދިރާގުން ކިހާ ވަރަކަށް މަސައްކަތްކުރަންތޯ އިންޓަނެޓް ވީހާ ވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ހަދަން؟

އެއީ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމެއް. އެކަންތައް ފަހިކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް ވީހާ ވެސް ފާސްޓްކޮށް ބްރޯޑްބޭންޑް ހިދުމަތް އަގުހެޔޮކޮށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު. ދިރާގަށް މިއަދު 30 އަހަރު ފުރުނުއިރު އެ ކުންފުނީގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން. ފޮޓޯ: ނިޝާން އަލީ /މިހާރު
މުއާސަލާތުގެ ދާއިރާއަށް އަންނަ ތަރައްގީއަށް ދިރާގު އޮތީ ފުރިހަމައަށް ތައްޔާރުވެފައިތޯ؟

އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުން ކުރެވިގެން ރާއްޖެއަށް ބޭނުންވާ ހިދުމަތްތައް ދެމުން މިގެންދަނީ. ނަމަވެސް މިހާ އަވަސް އަވަހަށް ބަދަލުވަމުންދާ އިންޑަސްޓްރީއެއްގައި މިއީ އަބަދުވެސް އިތުރަށް މަސައްކަތްކުރަން ޖާގަ އޮންނާނެ ކަމެއް. އަބަދުވެސް އަޅުގަނޑުމެންގެ ސިސްޓަމްތައް ބަދަލުކޮށް ޕްލެޓްފޯމްތައް އަޕްޑޭޓްކޮށް، ނެޓްވާކް ފުޅާކުރުމަށް އެތައް މިލިއަން ޑޮލަރެއް ހަރަދު ކުރެވޭ. އަޅުގަނޑުމެންގެ މަގުސަދަކީ އެއް ދުވަހުން އަނެއް ދުވަހަށް ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަ ތަރައްގީއާ އެއްވަރަށް ދިރާގު ކުރިޔަށް ގެންދިއުން.

ދިރާގު އުފެދުނު އިރު ގަބޫލުކުރެއްވުނު ކުރިއެރުން ގެނެވުނުތޯ؟

އަޅުގަނޑު ހީކުރާ ގޮތުގައި އެކަންތައް ވަރަށް ބޮޑަށް ހާސިލްކުރެވިއްޖެ. އަޅުގަނޑުމެން ބޭނުންވީ މާލެއިން ލިބެމުންދިޔަ މުވާސަލާތީ ހިދުމަތް ރާއްޖޭގެ ކޮންމެ ރަށަކުން އަދި ކޮންމެ މީހަކަށް، ކޮންމެ ތަނެއްގައި ހުއްޓަސް ލިބުން. އެއީ އަޅުގަނޑުމެން ވަރަށް ބޭނުންވާ ކަމެއް. މި ތަރައްގީ ގެނައުމުގައި މިއަދުވެސް އެންމެ ކުރީ ސަފުގައި މިއުޅެނީ ދިރާގު ކަމަށް ވާތީވެ އަޅުގަނޑު އުފާކުރަން.