200 މިލިއަން ޑޮލަރު ދައްކަންޖެހިދާނެތީ ޓާޓާއެކު އަލުން އެއްބަސްވުމުގައި ސޮއިކުރަނީ

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގައި 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދައްކަން ޖެހިދާނެތީ އަލުން އެއްބަސްވުމެއް ހަދައި ފްލެޓް އަޅަން ބިމެއް ދީފި އެވެ.


އިމާރާތްކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް، ކަނޑައަޅާފައިވާ މުއްދަތުގައި ނުފެށުމުން ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައި ވާތީ އެ ކުންފުނިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ދައުވާކުރި 200 މިލިއަން ޑޮލަރު ހޯދަން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިފަ އެވެ.

އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން ޖެހެ އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅާ ވިއްކަން ޓާޓާ އަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ. ނަމަވެސް މަސައްކަތް ފަށަން ދިން މުއްދަތުގައި ނުފެށި ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން ނިންމީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ.

ނާދީ ހުރި ތަނުގައި ފްލެޓް އަޅަން ޓާޓާ ކުންފުނިން ކޮނެފައި. އެ އެއްބަސްވުމުގައި އަލުން ސޮއިކުރަން ސަރުކާރުން ވަނީ ނިންމާފައި.

ހައުސިން މިނިސްޓަރުގެ ނައިބު އިބްރާހިމް ނަޒީމް މިއަދު ވިދާޅުވީ ސަރުކާރުން އަލުން އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމީ، އެ މައްސަލައިގެ އާބިޓްރޭޝަން އިންޑިއާގައި ކުރިޔަށް ގެންދިއުމުން އެ ކުންފުނީގެ ކޮޅަށް ބުރަވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

"އާއްމުކޮށް މިކަހަލަ އެގްރިމަންޓްތައް ހަދާއިރު އާބިޓްރޭޝަނަށް ދާން ޖެހިއްޖެ ނަމަ އޮންނަނީ ސިންގަޕޫރުގައި. ނަމަވެސް އެ އެއްބަސްވުން ހަދާފައި އޮތީ އިންޑިއާގައި އާބިޓްރޭޝަން ކުރިޔަށް ގެންދާ ގޮތަށް. އެ މީހުން ކްލެއިމް ކޮށްފައި އޮތް 200 އެއްހާ މިލިއަން ޑޮލަރު ހޯދަން،" ނަޒީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓާޓާއެކު ހެދި އެއްބަސްވުން އުވާލަން ޖެހުނީ އޯޑިއޯން އާއި ނާދީ ހުރި ބިން ބަދަލުކުރަން ހުށަހެޅުމުން އެކަން ގަބޫލުނުކުރުމުން ކަމަށެވެ. އަދި އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން ކާމިޔާބު ނުވާނެކަން ޔަގީންވުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ހުށަހަޅައި އެކަން ޓާޓާއިން ގަބޫލުކުރީ ކަމަށް ވެސް ނަޒީމް ވިދާޅުވި އެވެ.

"އެ ކުންފުނިން އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް ދާން ނިންމުމުން އަޅުގަނޑުމެން ނިންމީ އޯޑިއޯންގެ ބަދަލުގައި ކުރީގެ ކުނިކޮށިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމާއި ނާދީ ހުރި ތަން އަދި ރިސޯޓު ހަދަން ރަށެއް ވެސް ދޭން. ދެން ކުރީގެ އެއްބަސްވުމުގެ ޓާމްސް [މާއްދާ]ތައް ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވީ އަލަށް އެކުލަވާލި އެއްބަސްވުމުގައި ވެސް، އެ ކުންފުނިން ހަދާ ތަންތަނުން ސަރުކާރަށް ވަކި މިންވަރަކަށް އެޕާޓްމަންޓް ދޭން ޖެހޭނެ ކަމަށް ހިމަނާފައިވާނެ ކަމަށެވެ.

"އެ އެގްރިމަންޓްގައި ސޮއިކުރުމުގެ ކުރިން ލަފާ ހޯދަން އޭޖީ އޮފީހަށް ވާނީ ހުށަހަޅާފައި. އެކަން ފައިނަލްވުމުން އެ އެއްބަސްވުމުގައި އަލުން ސޮއިކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޓާޓާއާ އެކު ހެދި އެއްބަސްވުން އުވާލުމުން އެ ކުންފުނިން ބުނެފައި ވަނީ ފްލެޓް އަޅަން އެ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުމަށް އަމަލުކޮށްފައިވާނެ ކަމަށާއި އެއްބަސްވުން ބާތިލްކުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދަން މަޝްވަރާނެ ކަމަށާއި ހައްލެއް ނުލިބިއްޖެ ނަމަ އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ފަހުން ދިވެހި ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ދެ އާބިޓްރޭޝަނެއް ނާކާމިޔާބުވެ، ބޮޑު އަދަދެއްގެ ބަދަލު ދޭން ޖެހިފަ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާ އެކު ވީ އެއްބަސްވުން އުވާލުމުން 271 މިލިއަން ޑޮލަރާއި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމުކުރަން މެލޭޝިއާގެ ނެކްސްބިޒާ އެކު ވީ އެއްބަސްވުން އުވާލުމުން ދޭން ޖެހުނު 15 މިލިއަން ޑޮލަރުގެ މައްސަލަ އެވެ. އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ އަދިވެސް ސަރުކާރުން ނުދެ އެވެ.

ޖީއެމްއާރަށް ސަރުކާރުން ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަދަލު ދީފަ އެވެ.