އުރީދޫގެ ސުޕަނެޓް، މާމިގިއްޔަށް ތައާރަފްކޮށްފި

އުރީދޫ ބްރޯޑްބޭންޑްގެ ހަލުވި ސްޕީޑްތަކުގެ ހިދުމަތް އދ. މާމިގިއްޔަށް ތައާރަފުކޮށްފި އެވެ.


މިދިޔަ ހޮނިހިރު ދުވަހު މާމިގިއްޔަށް ތައާރަފްކުރި ހިދުމަތުގައި ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސްއާ ދެމެދު ސްޕީޑް ލިބޭ ޕެކޭޖްތައް ހިމެނެ އެވެ.

އުރީދޫން ބުނީ އާ ޚިދުމަތްތަކާ އެކު މާމިގިލީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ކަމަށެވެ.

އެ ކުންފުނީގެ އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް، އަގުހެޔޮކޮށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ މާމިގިއްޔަށް އުރީދޫ ސުޕަނެޓް ތައާރަފްކޮށް، ހިދުމަތް ދެވުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެރަށަށް ސުޕަނެޓްގެ ހިދުމަތް ތައާރަފްކުރީ ޚާއްސަ ޕްރޮމޯޝަނަކާ ވެސް އެކުގަ އެވެ. މި ޕްރޮމޯޝަންގައި ކަނެކްޝަން އެއްވެސް ފީއެއް ނުނަގަ އެވެ.

އާ ޚިދުމަތުގެ ޕެކޭޖުތައް ބޭނުންކޮށްގެން ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަގުބޫލު އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ސުޕަނެޓްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހާއްސަ ފުރުސަތެއް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އަހަރުދުވަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ސުޕާނެޓްގެ ރައުޓަރު ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.