ދިރޭ ފާނަ އެކްސްޕޯޓު ކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެތިން ޑިއުޓީ ނަގަން ފަށައިފި

ލޮނު އަދި ފެނުގައި ގެންގުޅޭ އެކުއޭރިއަމް މަހާއި ދިރޭ ފާނަ ރާއްޖެ އިން އެކްސްޕޯޓު ކުރަން ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުނީ ނަގަން ފަށައިފި އެވެ.


ފިޝަރީސް މިނިސްޓްރީން ބުނީ ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓު ގާނޫނުގެ ދަށުން މަސްވެރިކަމާ ގުޅޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މައާފުކުރެވޭނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިޔު އިތުރުކުރަން އިމްޕޯޓްކުރާ އެންމެހައި ތަކެތިން ކަމަށެވެ.

މިކަމާ ގުޅޭ ކަންކަން ފެބްރުއަރީ 1، 2016 އިން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ވަނީ ފިޝަރީސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެކްސްޕޯޓު ކުރާ ލޮނު އަދި ފެނުގައި ގެންގުޅޭ އެކުއޭރިއަމް މަހާއި ދިރޭ ފާނަ އަކީ ޑިއުޓީ މައާފުކޮށްދޭ ތަކެތި ނޫން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އެކަމަކު ފާނަ އެކްސްޕޯޓްކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތި ވެދާނެތީ، ފިޝަރީސް މިނިސްޓްރީން މިހާތަނަށް އައީ އެތަކެތީގެ ޑިއުޓީ މައާފު ކޮށްދެމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެކްސްޕޯޓުކުރާ ލޮނު އަދި ފެނުގައި ގެންގުޅޭ އެކުއޭރިއަމް މަހާއި ދިރޭ ފާނަ އެކްސްޕޯޓުކުރަން ރާއްޖެ އެތެރެކުރާ ބާވަތްތަކަކީ ވެލިއު އިތުރުކުރަން ބޭނުން ކުރާ ތަކެއްޗެއް ނޫން ކަމަށެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރަނީ ރޯމަހާއި މަހުގެ އެކި ބާވަތްތަކެވެ. އޭގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ އެމެރިކާއަށާއި ޖަރުމަނަށާއި އަވަށްޓެރި ސްރީ ލަންކާއަށެވެ.