މުދާ ނުބޭލި ލަސްވެގެން، 100 ކޮންޓެއިނަރާ އެކު ބޯޓު ފުރައިފި

ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް) ގެ 100 ކޮންޓެއިނާއާ އެކު މާލެ އައި ބޯޓެއް މުދާ ނުބޭލި ލަސްވެގެން ފުރައިފި އެވެ.


މެލޭޝިޔާ އިން މި ބޯޓު ރާއްޖެ އައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު މި ބޯޓު ވަނީ ލަންކާއަށް ފުރައިފަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، ޓީޓީއެސް މެދުވެރިކޮށް އައި ބޯޓު މިދިޔަ ބުރާސްފަތި ފުރީ އޭގެ މުދާ ބޭލުން ހުކުރު ދުވަހަށް ތާވަލްކޮށްފައި ވަނިކޮށް ކަމަށެވެ. ނަމަވެސް އެ ބޯޓު ލަންކާއަށް ފުރީ އެ ބޯޓުގެ ޝެޑިއުލަށް ބުރޫ އަރާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުގޮތެއްގައި މިހާރު މުދާ ބޭލުމުގެ މަސައްކަތް ކުރުމަށް ދިހަ ވަރަކަށް ދުވަސް ނަގާ. އެބޯޓު އައި އިރު ވެސް އެނގޭނެ އެވަރު ނަގާނެ ކަން. އާންމުގޮތެއްގައި އެބޯޓަކީ ލަންކާގައި މަޑުކޮށްފައި އަންނަ ބޯޓެއް،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ވަކި މުދަލެއް ހުރެގެން މުދާ ކްލިއާ ކުރުން އަވަސް ނުކުރެވޭނެ ކަމަށާއި މުދާ ކްލިއާކުރަނީ ބޯޓުތައް އަންނަ ތަރުތީބުން ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެ ބޯޓުން ގެންނަ ކޮންޓެއިނަރުތައް މާދަމާ މާލެ އަންނާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޓީޓީއެސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

މުދާ ބަރުކޮށްގެން އަންނަ ބޯޓުތަކަށް މުދާ ނުބޭލި ގިނަ ދުވަސް ވާތީ، މުދާ ކްލިއަކުރާ ކުންފުނިތަކާއި މުދާ އެތެރެކުރާ ވިޔަފާރިވެރިންގެ ޝަކުވާ ދަނީ ގިނަވަމުންނެވެ.