ގަމުގައި 200 ހައުސިން ޔުނިޓް އަޅަނީ

ގަމުގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.


ފިނޭންސް މިނިސްޓްރީން ބުނީ، ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މި މަޝްރޫއު، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރާނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1500ރ.ގެ ފީއެއް ދައްކަންޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 100،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 5 ގަ އެވެ.

މި އަހަރު ބޯހިޔާވަހިކަމުގެ ހަ މަޝްރޫއުއެއް އަލަށް ފަށަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން އެ މަޝްރޫއުތަކަށް 207 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ހިނގަމުންދާ ހަ މަޝްރޫއަކާ އެކު 321 މިލިއަން ރުފިޔާ ހައުސިން މަޝްރޫއުތަކަށް ހޭދަކުރާނެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.