ރާއްޖޭގެ ފުރަތަމަ ކްރެޑިޓް ރޭޓިން: އިގްތިސާދު ރަނގަޅު، ދަރަނި ބޮޑުވަމުން ދިޔަޔަސް ދެއްކޭނެ

ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަނެ، ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކްރެޑިޓް ރޭޓިންއެއް ދީފި އެވެ.


ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން ރާއްޖެ އަށް ދިނީ "ބީ2"ގެ ރޭޓިން އެކެެވެ. އެއީ ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް ދަރަންޏާއި އެ ނޫން ވެސް މާލީ ގޮތުން އަދާކުރަންޖެހޭ އެހެން ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ލިބިފައިވާ ގައުމުތަކަށް ދޭ ރޭޓިން އެކެވެ. އެކަމަކު، އެކަން ކުރެވޭނީ، އެ ރޭޓިންގެ ތަފްސީލުގައިވާ ގޮތުން، މުޅި އިގްތިސާދަށް ގެއްލުން ނުވާ ގޮތަށް އިގްތިސާދީ އަދި މާލީ ސިޔާސަތު ބައްޓަންކޮށްގެންނެވެ.

އާއްމުކޮށް މުޅި އިގްތިސާދަށް ދިން މި ރޭޓިންގެ އިތުރުން ވަކިވަކި ކަންކަމަށް ވެސް މޫޑީން ވަނީ ރޭޓިންތަކެއް ކަނޑައަޅާފަ އެވެ. އެއީ:

- ދިވެހި ފައިސާ އިން ހުރި ދަރަންޏާއި ފައިސާ އަށް "ބީއޭ1": ކައިރި މުސްތަގުބަލަކަށް ބަލާއިރު ދަރަނި އަދާ ނުކުރެވުމުގެ ނުރައްކާ ކުޑަ ނަމަވެސް މާލީ އަދި އިގްތިސާދީ ސިޔާސަތުގެ ސަބަބުން އެ ނުރައްކާ ބޮޑު ވެދާނެ ކަމުގެ ބިރު އޮތުން.

- ބޭރު ފައިސާ އިން ހުރި ދަރަންޏަށް "ބީއޭ3": ކައިރި މުސްތަގުބަލަކަށް ބަލާއިރު ދަރަނި އަދާ ނުކުރެވުމުގެ ނުރައްކާ ކުޑަ ނަމަވެސް މާލީ އަދި އިގްތިސާދީ ސިޔާސަތުގެ ސަބަބުން އެ ނުރައްކާ ބޮޑު ވެދާނެ ކަމުގެ ބިރު އޮތުން.

- ބޭރު ފައިސާ ހުރި މިންވަރަށް "ބީ3": ކައިރި މުސްތަގުބަލަކަށް ބަލާއިރު ދަރަނި އަދާ ނުކުރެވުމުގެ ނުރައްކާ ބޮޑުވުމާ އެކު، މާލީ އަދި އިގްތިސާދީ ސިޔާސަތުގެ ސަބަބުން އެ ނުރައްކާ އިތުރަށް ބޮޑު ވެދާނެ ކަމުގެ ބިރު އޮތުން.

މޫޑީސް އިން މިދިޔަ ހުކުރު ދުވަހު ޝާއިއުކުރި ރޭޓިން ބިނާކޮށްފައި ވަނީ، އެ ރޭޓިންއާ އެކު ނެރުނު ބަޔާނުގައިވާ ގޮތުން، ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މަތި ވާނެ ކަމަށް ލަފާ ކުރުމާއި މުއައްސަސާތަކުގެ ފެންވަރު ދަށްވުމާއި ދަރަނި ބޮޑުވުމުގެ ސަބަބުން މާލީ ހާލަތު ދަށަށް ދިއުން އަދި ސީޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދަށް ކުރާ އަސަރުތަކެވެ.

މޫޑީސް އިން ބުނި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތު މެދު މިންވަރެއްގައި ކުރިއަރާނެ ކަމަށް ލަފާ ކުރެވުނަސް ރާއްޖޭގެ އިގްތިސާދު މިހާރަށް ވުރެ ބޮޑަށް ފުޅާކޮށް، އިތުރު ދާއިރާތައް އުފައްދަން ޖެހެ އެވެ. އެހެންވެ، މެދު ރާސްތާ އަށް ބަލާއިރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް މޫޑީސް އިން ލަފާކުރަނީ 3.20 ޕަސެންޓާއި ހަތަރު ޕަސެންޓާ ދެމެދުގެ މިންވަރެއްގަ އެވެ. އަދި އިންފްލޭޝަން ދަށް ވިޔަސް އެއް ވަރެއްގައި ހިފެހެއްޓެމުން ނުދާކަން މޫޑީސް އިން ފާހަގަކުރި އެވެ.

މޫޑީސް އިން އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ދައުލަތުގެ ދަރަނި ބޮޑުވުމެވެ. އެ ގޮތުން، ރާއްޖެއާ އެއްވަރުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ދަރަނި ޖީޑީޕީގެ ނިސްބަތުން 63.6 ޕަސެންޓުގައި މިދިޔަ އަހަރު ހުރި އިރު، ސަރުކާރުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން އެ މިންވަރު އިތުރުވަމުން ދާނެ ކަމަށް މޫޑީސް އިން ލަފާކޮށްފައިވެ އެވެ. މި ބޮޑު ދަރަނީގެ އިތުރަށް، ބޭރު ފައިސާ އިން ނަގާ ލޯނުތައް އިތުރުވަމުން ދިއުމަކީ، އެ އެޖެންސީން ފާހަގަކުރި ގޮތުގައި، މާލީ ގޮންޖެހުންތަކެކެވެ.

"އެކަމަކު، ބޮޑު އާމްދަނީއެއް ލިބުމާއި ނަގާ ލޯނުތަކުގެ ތެރޭގައި ބޮޑަށް ހިމެނެނީ ކޮންސެޝަނަލް ލޯނުތައް (ލޯނު ދޫކުރާއިރު އެންމެ ފުރަތަމަ މުޅި ލޯނުގެ 25 ޕަސެންޓު ލިބޭ ލޯނު) ކަމަށް ވާތީ ދަރަނި އަދާ ކުރުމުގެ ގާބިލުކަން ލިބިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

ސަރުކާރުން ދަނީ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ބިޔަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި އެެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހިމެނޭ އިރު، އެ ކަންކަމުގެ ސަބަބުން ރާއްޖޭގެ ދަރަނި އިންތިހާ އަށް މައްޗަށް ދާ މައްސަލަ ބޭރުގެ ބައެއް އެހެން ފަރާތްތަކުން ވެސް ދަނީ ފާހަގަކުރަމުންނެވެ. އެ ގޮތުން، ވޯލްޑް ބޭންކުން ވެސް ވަނީ ދާދި ފަހުން އެކަން ފާހަގަކޮށް، ދިގު ރާސްތާގެ އިގްތިސާދީ ތަރައްގީ އަށް އެ ކަމުގެ ހިޔަނި އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ފުރަތަމަ ފަހަރަށް ޝާއިއުކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އޭގެ ސަބަބުން މުޅި ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެވެ. އޭގެ ހެއްކަކީ، އެ މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ތިން ސަރުކާރުގައި ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ޝާއިއުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވުމެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އަހަރަކު އެއް ފަހަރު މުރާޖައާ ކުރާ މި ރޭޓިން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި މި ރޭޓިން އަކީ ގައުމީ މިންގަނޑެއް ކަމަށް ބަލައި އެ މިންގަނޑު ދަމެހެއްޓުމުގެ އިތުރަށް، ރަނގަޅުކުރަން މަސައްކަތް ކުރަން އެ މިނިސްޓްރީން ވަނީ ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކަށާއި އަދި އަމިއްލަ ވިޔަފާރިތަކާއި މުޅި ރައްޔިތުންނަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ކްރެޑިޓް ރޭޓިން އާއްމުކޮށް ބޭނުންކުރަނީ އިންވެސްޓްކުރަން ބޭނުުންވާ ފަރާތްތަކުންނެވެ. އެ ގޮތުން، އިންވެސްޓްމަންޓުތަކުގެ ފައިދާ ލިބޭނެ މިންވަރާއި ދަރަންޏަށް ނަގާ ފައިސާ ދެއްކޭނެކަން މި ރޭޓިން އަށް ބިނާކޮށް ދެނެގަނެވޭނެ އެވެ.