'ޓްރޭޝްޓެގްއެމްވީ' ގެ ނަމުގައި ބީއެމްއެލްގެ މުވައްޒަފުންގެ ތިމާވެށީގެ ކެމްޕެއިނެއް

ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން 'ޓްރޭޝްޓެގްއެމްވީ' ގެ ނަމުގައި ވަރަށް ޚާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.


ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތް ކުރާ ބީއެމްއެލްގެ މުވައްޒަފުންނާއި މިދިޔަ ފިތުރު އީދު ބަންދަށް އެކި ރަށްރަށަށް ދިޔަ މުވައްޒަފުން އިސްނަގައިގެން ފެށި 'ޓްރޭޝްޓެގްއެމްވީ' ގައި ވަނީ ރަށްރަށް ސާފުކޮށް، ގެނެސްފައިވާ ރީތިކަން ހުށަހަޅައިދީފަ އެވެ. ސާފުކުރުމުގެ ކުރިން މާހައުލު އޮތް ގޮތް އަދި އެ އަށް ފަހު ނަގާފައިވާ ފޮޓޯތައް #ޓްރޭޝްޓެގްއެމްވީ މެދުވެރިކޮށް ސޯޝަލް މީޑިއާ ގައި ބީއެމްއެލް އިން ވަނީ ހިއްސާކޮށްފަ އެވެ.

ރަށެއްގެ ގޮނޑުދޮށް ސާފުކުރުމުގެ ކުރިން އެތަން އޮތް ގޮތް އަދި ފަހުން ސާފުކުރުމުން ފެންނަ ގޮތް،---ފޮޓޯ: ބީއެމްއެލް

އޭގެ ތެރޭގައި ހދ. ކުޅުދުއްފުއްޓާއި ށ. މިލަންދު އާއި ށ. ފުނަދު އާއި ޅ. ނައިފަރާއި ލ. ގަމާއި ކ. ދިއްފުއްޓާއި ގއ. ގެމަނަފުއްޓާއި ގއ. ކޮލަމާފުއްޓާއި ގއ. މާމެންދޫގެ އިތުރުން ފުވައްމުލަކާއި އައްޑު އާއި މާލޭގެ ސަރަހައްދުތައް ވެސް ހިމެނެ އެވެ.

ޓްރޭޝްޓެގްއެމްވީ ގެ މައިގަނޑު މަގުސަދަކީ، ބީއެމްއެލް އިން ބުނިގޮތުގައި ތިމާވެށި ރައްކާތެރިކޮށް، ހިމާޔަތް ކުރުމުގެ އިތުރުން އެކަން ކުރުމުގެ މުހިންމުކަން އަންގައިދީ، އާންމުން ހޭލުންތެރި ކުރުވުމެވެ. ބީއެމްއެލްގެ މި އިސްނެގުމަށް އެތައް ބައެއްގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވެސް ވަނީ ޓްރޭޝްޓެގްއެމްވީ ޗެލެންޖަށް މަރުހަބާ ދަންނަވައި، އެ ހަރަކާތް އެންޑޯސް ކުރައްވައިފަ އެވެ.