މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ މުދާ ގެނައީ ޗައިނާ އިން

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާ އިން ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


ރާއްޖޭގެ އެކްސްޕޯޓު، އިމްޕޯޓުގެ ތަފާސްހިސާބުތައް ދަށްކާ ގޮތުން ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލުގެ 22 ޕަސެންޓު ހިއްސާ ކުރަނީ ޗައިނާ އިންނެވެ. ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓު ކުރި މުދަލުގެ ޗައިނާގެ ހިއްސާ އަކީ 16 ޕަސެންޓެވެ.

މިދިޔަ މޭ މަހު ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރީ ޔޫއޭއީ އިންނެވެ. އެ ގައުމުން ރާއްޖޭގެ އިމްޕޯޓުގެ 21 ޕަސެންޓް ހިއްސާ ކުރިއިރު ތިން ވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކުރި ސިންގަޕޫރުން 12 ޕަސެންޓް މުދާ އެތެރެ ކުރި އެވެ.

މިދިޔަ މަހު ވެސް ރާއްޖެ އިން އެންމެ ގިނަ މުދާ ބޭރުކުރީ ތައިލެންޑަށެވެ. ރާއްޖޭގެ އެކްސްޕޯޓުގެ 47 ޕަސެންޓު މުދާ ތައިލެންޑަށް ފޮނުވާ އިރު ދެވަނައިގައި އުޅެނީ ޖަރުމަނެވެ. އެ ގައުމުގެ ހިއްސާ އަކީ އެކްސްޕޯޓް ކުރާ މުދަލުގެ 12 ޕަސެންޓެވެ. ފްރާންސްގެ އެކްސްޕޯޓު މިންވަރަކީ އަށް ޕަސެންޓެވެ.

މިދިޔަ މަހު 3.6 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެ ކޮށްފައިވާ އިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާ އިރު ހަތަރު ޕަސެންޓްގެ ކުރިއެރުމެކެވެ. ރާއްޖެ އިން މުދާ ބޭރުކުރި މިންވަރު 232 މިލިއަން ރުފިޔާއަށް އެރި އިރު 13 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ.

މިދިޔަ މަހު އެކްސްޕޯޓާއި އިމްޕޯޓުން މުޅި ދައުލަތަށް ލިބުނު އާމްދަނީ 15 ޕަސެންޓު އިތުރުވެފައިވެ އެވެ. އެގޮތުން 271 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.