އޮޑެގައްލާގެ އެއްބަސްވުން ބާތިލު ކުރަން ސަރުކާރުން ނިންމައިފި

ގއ. އޮޑެގައްލާގައި ރިސޯޓު ހެދުމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އާ އެކު ހަދާފައިވާ ލީސް އެއްބަސްވުން އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން އެގޮތަށް ނިންމިއިރު، އެއީ ތިމާވެށީގެ ޚާއްސަ ރަށަކަށް ވާތީ، އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށްފި ނަމަ އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ގެއްލުން ވާނެ ކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ވަނީ ބުނެފަ އެވެ.

އެޗްއާރުސީގެ ވެރިޔާ މުހައްމަދު އަލީ ޖަނާހް އަށް ރިސޯޓު ތަރައްގީ ކުރުމަށް އޮޑެގައްލާ ދޫކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އޭރު، ޖަނާހް އަށް އެ ރަށް ދޫކުރީ ގާނޫނާ އެއްގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އޮޑެގައްލާގެ މައްސަލާގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އަލީ ވަހީދު މިއަދު ވިދާޅުވީ، ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ބައެއް ކަންކަން އެޗްއާރުސީން ކޮށްފައިވީ ނަމަވެސް މިއަދުން ފެށިގެން އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް ލިޔުމުން އަންގާފައި ވާނެ ކަމަށެވެ. އަދި ސަރުކާރާއި އެޗްއާރުސީއާ ދެމެދު ވެފައިވާ އެއްބަސް އުވާލައި، އެކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅެއް ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޖަނާމެން ހުރީ ރިސޯޓު ހެދުމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައި. ނަމަވެސް އަޅުގަނޑުމެން ވާނީ މިއަދު ލިޔުމުން އަންގާފައި އެ ރަށުގައި އިތުރު އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް. ދެން އޮތީ މި އެއްބަސްވުން ބާތިލް ކުރުން،" އަލީ ވިދާޅުވި އެވެ.

މި އެއްބަސްވުން އުވާލުމަށް ފަހު އެޗްއާރުސީ އަށް ބަދަލު ދޭނެ ގޮތަކާ ގުޅޭ ގޮތުން ސަރުކާރުން އަދި ގޮތެއް ނުނިންމަ އެވެ. އެޗްއާރުސީން ވަނީ މި ރިސޯޓު ތަރައްގީ ކުރުމަށް އިކުއިޒިޝަން ފީ ގެ ގޮތުގައި ސަރުކާރަށް 96،000 ޑޮލަރު ދައްކައިފަ އެވެ.

އޮޑެގައްލާގެ އެއްބަސްވުން ސަރުކާރުން އުވާލަން ނިންމާފައިވާއިރު، އީޕީއޭ އިން ވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ނުކުރުމަށް ކަނޑައަޅައިފަ އެވެ.

އީޕީއޭ އިން ބުނާ ގޮތުގައި އޮޑެގައްލާ އަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެގޮތުން، ގިނަ އަދަދެއްގެ ދޫނި، ބިސް އެޅުމަށާއި ނިދާ މާހައުލަކީ އޮޑެގައްލާ ކަމަށް އީޕީއޭ އިން ބުނެ އެވެ. އަދި އަހަރުގެ ވަކި ދުވަސްވަރެއްގައި ވެލާ ބިސް އަޅަން އެ ރަށަށް އަރާ ކަމަށް އެ އިދާރާ އިން ބުންޏެވެ.