މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވާހަކަ ދައްކަވަނީ--ފޮޓޯ:ހުސައިން ވަހީދު/މިހާރު
24 ޖޫން 2019 - 21:13
މިދިޔަ އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަގު ހެޔޮކޮށް ބިންތަކެއް ވިއްކަން ނިންމާފައި އޮތީ އެ ކުންފުނީގެ މެންޑޭޓު އެންމެ ފުރިހަމަށް ސާފު ނުވެ އޮތުމުން ކަމަށާއި ސަރުކާރު ކުންފުނިތައް ހަރުދަނާކުރުމަށް، ބޯޑު މެންބަރުންނަށް މެންޑޭޓު ވަރަށް ބޮޑަށް ސާފުވާން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ކުރިއަށްދިޔަ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގައި އޭނާ ވިދާޅުވީ، ކުންފުނިތަކުގެ ހިންގުން ރަނގަޅު ކުރުމަށްޓަކައި ކުންފުނިތަކުގެ މަސްއޫލިއްޔަތުތައް ސާފުވެ، އުވާލަން ޖެހޭ ކުންފުނިތައް އަވަހަށް އުވާލަން ޖެހޭ ކަމަށެވެ. އެޗްޑީސީން ބިން ވިއްކަން އުޅުމުން ދިމާވި މައްސަލަ އޭނާ ފާހަގަކުރެއްވީ މިސާލެއްގެ ގޮތުންނެވެ.
"މިސާލަކަށް އެޗްޑީސީ، އެ ކުންފުނިން ބިން ވިއްކަންވީ ކޮމާޝަލީހޭ ނޫނީ ސޯޝަލް ހައުސިން އަށް ހޭ ފޯކަސް ކުރަންވީ. އެތަނުގެ ބޯޑަށް ވެސް އެކަން ސާފެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން މިހާރު ވަނީ ސޯޝަލް ހައުސިން އަށް އަމާޒުކޮށްގެން "ފަހިދިރިއުޅުން ކޯޕަރޭޝަން" އުފައްދައިފަ އެވެ. މި ކޯޕަރޭޝަނާ އެކު އެޗްޑީސީގެ މެންޑޭޓު ވެސް ބަދަލުވާންޖެހޭ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރު ކުންފުނިތަކާ ގުޅޭ މިފަދަ ނިންމުންތަކަކީ ސަރުކާރުން ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ ނިންމުންތަކެއް ކަމަށާއި ކުންފުނިތަކުގެ ބޯޑުތަކަށް އެ ކުންފުންޏެއް މަސައްކަތް ކުރަންވީ، ނުވަތަ އިސްކަން ދޭންޖެހޭ ކަންކަން ސާފުކޮށް އެނގެން ޖެހޭ ކަމަށެވެ.
"މިދިޔަ އިންތިހާބާ ދިމާކޮށް ބޯޑުން ނިންމީ ވަރަށް ހެޔޮ އަގެއްގައި ބިން ވިއްކަން. އެކަމަކު މެނޭޖްމެންޓުން ހުށަހެޅި ލިޔުމުގައި ވަނީ އެއީ ފީޒިބަލް ކަމެއް ނޫން ކަމަށް ބުނެފައި. އެޗްޑީސީ ބޯޑުން އެގޮތަށް ނިންމި އިރު އެ ކުންފުނިން އެބަ އޮވޭ ރައީސް އޮފީހުގެ ހުއްދައެއް ވެސް ހޯދާފަ،" ޒިޔަތު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެޗްޑީސީން ވަނީ ދެ ވަނަ ފިޔަވަހީގެ އަތިރިމަތިން، މީހުން ދިރިއުޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ދެ ކެޓަގަރީއަކުން 1000-1800 އަކަފޫޓުގެ 76 ބިން ވިއްކަން އިއުލާނުކޮށްފަ އެވެ. އެއީ ބީޗު ފްރަންޓުން ވިއްކާ 38 ޕްލޮޓާއި ބީޗު ސައިޑުން ވިއްކާ 38 ޕްލޮޓެވެ.
މި ބިންތައް ވިއްކަން އިއުލާން ކުރީ އަކަފޫޓަކަށް 3،000 ރުފިޔާގެ މަގުންނެވެ. ނަމަވެސް ބިން ވިއްކާ އުސޫލަށް ބަދަލު ގެންނަން ކަމަށް ބުނެ އޭރު ބިން ވިއްކުން މަޑުޖައްސާލި ގޮތަށް އެކަން އޮތީ ހުއްޓިފަ އެވެ.
ޒިޔަތު ވިދާޅުވީ، މި މައްސަލައިގައި އޮޑިޓް އޮފީހުން ކަންކަން ބެލި އިރު އަމަލުކޮށްފައި އޮތީ ނަގަން ޖެހޭ ހުއްދަތައް ނެގުމަށްފަހު ކަމަށެވެ. އެޗްޑީސީން ހެޔޮ އަގުގައި ބިން ވިއްކަން އުޅުނު މައްސަލައިގައި ޒިންމާ ކުރުވާނެ ފަރާތެއް ނޭނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ފުރިހަމައަށް ހިންގުމަށްޓަކައި ދުރުރާސްތާ ގައުމީ ޕްލޭނެއް މުހިއްމު ކަމަށެވެ. އެގޮތުން ކުންފުނިން ހިންގާ ބޮޑެތި މަޝްރޫއުތައް ވެސް ވާންޖެހޭނީ ގައުމީ ތަރައްގީގެ ޕްލޭންގައި ހުރި ކަންކަން ހާސިލްވާނެ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ، ޕަބްލިކް ކުންފުނިތައް އަމަލު ކުރާ އުސޫލެއް އޮތް ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތައް އަމަލު ކުރާނެ އުސޫލެއް ތައާރަފްވީ މިދިޔަ މާޗް މަހު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާ
25 June 2019
އެޗްޑީސީން ހެޔޮ އަގުގައި ބިން ވިއްކަން އުޅުނު މައްސަލައިގައި ޒިންމާ ކުރުވާނެ ފަރާތެއް ނޭނގުނު ކަމަށް އޭނާ ވިދާޅުވި މާލޭގެ ރައްޔަތަކައް އަގުހެޔޮކޮއް ގޯއްޗެއް ވިއްކާތީ ކަން ބޮޑުވާއިރު ރަށްރަށުގައި ހިލޭ ބިން ދޫކުރަނީ މީތޯ އިންސާފަކީ ކޮބާތޯ ގާނޫނީ ހަމަހަކަން ކޮން ގާނޫނެއްގަތޯ އޮތީ ހަމަ އެކަނި މާލޭގެ ރައްޔަތުން ޖެހޭނީ ބިންގަންނާށޭ މިކަމާ އިންސާފު ހޯދަން މަސައްކަތް ކުރާ މާލޭގެ މެމްބަރެއް މާލޭގެ ކައުންސަލަރަކު ނެތް އެކަމަކު މާދަމާ އަންނާނެ މާލޭގެ
ބޮޑުމީހާ
24 June 2019
ގައުމީ ތަރައްގީގެ ޕްލޭނެއް އޮވޭތަ. 500 މީހުންހަމަނުވިޔަސް ބަދަޜާއި ސްކޫލާއި މަރުކަޒު އެބައަޅާ. އަދި ނުވިތާކަށް ފެނާއި ނަރުދަމާވެސް އެބައަޅާ. ކޮންމެ ރަށަކަށް މިހުރިހާ ކަމެއް ކިހިނެއްކުރާނީ. ރާއްޖޭގަ ތަރައްގީކުރާނީ މިވެނި ރަށްތަކޭ ކިޔާފަ ސަރުކާރުން ރަށްތަކެއް އިއުލާންކޮށްބަލަ. އޭރުން ކުދި ރަށްތަކުގެ މީހުން މަޑުމަޑުން އެރަށްތަކަށް ބަދަލުވާނެ
ގުޑުގުޑާ
24 June 2019
މިހާރަކު އެގޭއެއްވެސްކަމެއްނުއޮއްނާނެ ސާބަސްތިކުރާހިއްވަރައް
އައްޔޫބީ
24 June 2019
މެންޑެޓް ޒިޔަތަށްވެސް އެނގިއެއްނުލެއްވި، ޔަގް ބުނާހާގޮތަކަށް ހެއްދެވި، ޔަގް ވެސް ޔާމީން ދޭ އިންސްޓްރަކްޝަންސް ތައް ފޮލޯ ކުރި ފަނޑިޔާރުން ފަދައިން. ޔާމީން ދިޔައީ ހުރިހާ މުއައްސަސާތަކަށް ބޯ ބާނަމުން،