މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިމާރާތް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
25 ޖޫން 2019 - 12:06
މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އޮޑިޓް ކުރުމަށް ބޭނުންވާ ގާބިލްކަން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އޮޑިޓާ ޖެނެރަލް އޮފީހުން އެކަމާ ހަވާލުވާނެ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީގައި ޒިޔަތު ވިދާޅުވީ 2007 ވަނަ އަހަރާ ހަމަޔަށް އެމްއެމްއޭ އޮޑިޓް ކުރަމުން އައީ އޮޑިޓާ ޖެނެރަލް އޮފީހުން ކަމަށެވެ. ނަމަވެސް އިބްރާހިމް ނައީމް އޮޑިޓާ ޖެނެރަލް ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެކަން ބަދަލުވި ކަމަށާއި އެއީ ރަނގަޅު ނިންމެވުމެއް ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްއެމްއޭ ފަދަ ތަނެއްގެ އޮޑިޓް އެންމެ ފުރިހަމަ ސްޓޭންޑާޑްގައި ކުރާނެ ގާބިލްކަން އޭރު އޮޑިޓް އޮފީހުގައި ނެތް ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މިދަނީ އެ ކެޕޭސިޓީ ބިލްޑް ކުރަމުން. މިހާރު އަޅުގަނޑުމެން މިދަނީ އޮޑިޓްކުރާ ބޭރުގެ ކުންފުންޏާ އެކު މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، މަރުކަޒީ ބޭންކަކީ ގައުމުގެ ވަރަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ، ގައުމީ ސަލާމަތާ ގުޅޭ ތަނަކަށް ވާތީ އެތަނުގެ ސިއްރުތައް ހުންނަން ޖެހޭނީ ހިފެހެއްޓިފައި ކަމަށެވެ.
"އެހެންވީމަ ބޭރުގެ އޮޑިޓަރުންނަށް ވަރަށް ގިނަ މައުލޫމާތު އެ ލިބެނީ. އަޅުގަނޑުމެން އިތުބާރު ކުރަން ޖެހޭނެ ކޮންފިޑެންޝިއަލިޓީ ހިފަހައްޓާނެ ކަމަށް. އެކަމަކު ވެސް އާންމުކޮށް މި އަންނަނީ ބޭރުގެ އެކްސްޕާޓުން. އައިސް ވަރަށް ގިނަ މައުލޫމާތުތަކެއް އެދަނީ،" އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، އެހެންވެ އެމްއެމްއޭ އޮޑިޓް ކުރުން އެންމެ ރަނގަޅީ ދައުލަތުގެ އޮޑިޓާ ޖެނެރަލް ކަމަށެވެ. އެމްއެމްއޭ އޮޑިޓް ނުކުރާތީ، އެތަނުގެ ފައިސާއާ ގުޅޭ މައުލޫމާތުތައް ނުބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެމްއެމްއޭގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން ގަވަރުނަރު އަހުމަދު ނަސީރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވީ، ކޮރަޕްޝަންގައި އެމްއެމްއޭގެ އަތެއް އޮތް ކަން އެނގޭނީ އެ މައްސަލައިގެ ތަހުގީގު ނިމުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލި
25 June 2019
އޮޑިޓް އޮފީހުން ގިނަ ފަހަރު އޮޑި ކުރަނީ ސްޓޭޝަރީ ސްޓޮކާއި އިންވެންޓްރީއާއި ޕޭރޯލާއި ޕްރޮކިއުމެންޓާއި އެޗްއާރު ފަދަ އިންޓަރނަލް އޮޑިޓަރުން ކުރާ ޒާތުގެ އޮޑިޓެވެ. ބޮޑެތި އިންޓަރ ނޭޝަނަލް ފައިނޭންޝަލް ޓްރާންސެކްޝަން ތަކަށް ސަމާލުކަމެއް ނުދެއެވެ. އެ ބާވަތިގެ ޓްރާންސެކްޝަންތައް ހިނގާފައި ހުންނަގޮތް އޮޑިޓް ކުރުމުގެ ކެޕޭސިޓީ ނުހުންނަކަމށް ވުން ގާތެވެ.