ޖޭވީތަކުގެ މައުލޫމާތު ހޯދަން އޮޑިޓު އޮފީހުން އެދިފައެއް ނެތް: ރެޖިސްޓްރާ އޮފް ކޮމްޕެނީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެހެން ކުންފުނިތައް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާތަކުގެ މައުލޫމާތު ނުލިބޭ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވެފައި ވިޔަސް އެ މައުލޫމާތު ހޯދަން އޮޑިޓާ ޖެނެރަލްގެ އޮފީހުން މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރު ހިއްސާވާ ޖޭވީތަކުގެ މައުލޫމާތު ނުދޭކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނޫސްވެރިންނަށް މައުލޫމަތު ދިނުމަށް ބޭއްވި "ނުވަގަޑި" ބައްދަލުވުމުގައި "މިހާރު" އަށް މައުލޫމާތު ދެއްވަމުން ވިސާމް ވިދާޅުވީ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން ނުވަތަ ޖޮއިންޓް ވެންޗާއަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ހުށަހަޅައިފި ނަމަ ތިން ދުވަސް ތެރޭގައި މައުލޫމާތު ދޭނެ ކަމަށެވެ. ނަމަވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ މައުލޫމާތު ހޯދަން ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ކުންފުންޏެއްގެ އޮޑިޓް ހެދުމަށް މައުލޫމާތު ބޭނުންވާ ނަމަ އަޅުގަނޑުމެންގެ އޮފީހަށް ރިކުއެސްޓް ކުރުމުން އެ މައުލޫމާތު ތިންވަރަކަށް ދުވަސް ތެރޭގައި ލިބޭނެ. އެކަމަކު އޮޑިޓާ ޖެނެރަލްގެ އޮފީހުން އަދި ހުށަހަޅަފައި ނުވޭ،" ވިސާމް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ބޭއްވި އެސްއޯއީ ކޮމިޓީ ބައްދަލުވުމަށް އޮޑިޓާ ޖެނެރަލް ހާޒިރުކުރެއްވުމުން އޭނާ ވިދާޅުވީ ޖޮއިންޓް ވެންޗާތަކުގެ މައުލޫމާތު ހޯދަން ދާދި ފަހުން ވެސް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށާއި ފިނޭންސް މިނިސްޓްރީ އަށް ލިޔުމުން ހުށަހަޅާފައި ވާނެ ކަމަށެވެ. އެ މައުލޫމާތު ދިނުން ގާނޫނީގޮތުން ލާޒިމް ކުރި ނަމަވެސް އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.