ކުޅުދުއްފުށި ޓިކެޓް މިހާރު އޮންލައިންކޮށް ބުކް ކުރެވޭނެ

މޯލްޑިވިއަނުން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް އޮންލައިންކޮށް ބުކް ކުރެވޭ ގޮތް ހަދައިފި އެވެ.


މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުރުތައް ފަށާފައި ވާއިރު މީގެ ކުރިން ޓިކެޓް ގަންނަން ޖެހެނީ މޯލްޑިވިއަންގެ ޓިކެޓް އޮފީހަށް ގޮސްގެން ނުވަތަ އެތަނަށް ގުޅައިގެންނެވެ. ނަމަވެސް މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށްގެން ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް މިހާރު ވައިގެ މަގުން ދަތުރުކުރަނީ މޯލްޑިވިއަނުން އެކަންޏެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ނަމަވެސް ފަޔަ ސްޓޭޝަނާއި އެއާޕޯޓް ޓާމިނަލްގެ މަސައްކަތް ނުނިމޭތީ ކުރިން ޝެޑިއުލް ދަތުރުތައް އޮތީ ނުފަށަ އެވެ.

މި އެއާޕޯޓުގެ ރަންވޭ އަކީ ގާތްގަނޑަކަށް 1،200 މީޓަރު ދިގު 30 މީޓަރުގެ ފުޅާ ރަންވޭއެކެވެ. މިއީ ހދ. އަތޮޅުގައި ތަރައްގީކުރި ދެ ވަނަ އެއާޕޯޓެވެ.