މޭރީ ކްލެއާ މަޖައްލާގެ އިނގިރޭސި އެޑިޝަން ޗާޕްކުރުން ހުއްޓާލަނީ

މަހަކު އެއްފަހަރު ނެރޭ ފްރާންސްގެ މަޝްހޫރު މަޖައްލާ މޭރީ ކްލެއާގެ އިނގިރޭސިވިލާތުގެ އެޑިޝަން އަންނަ ނޮވެމްބަރު މަހުގެ ފަހުން ފެށިގެން، ޗާޕްކޮށްގެން ނުނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.


އެ މަޖައްލާ ނެރޭ ޓީއައި މީޑިއާ އިން ބުނީ ޗާޕްކުރުން ހުއްޓައިލުމަށް ފަހު، މޭރީ ކްލެއާގެ ހުރިހާ އަމާޒެއް ދެން ހުއްޓޭނީ ޑިޖިޓަލް ފްލެޓްފޯމްތަކަށް ކަަމަށެވެ.

މިހާރު ވެސް މޭރީ ކްލެއާގެ އިނގިރޭސި އެޑިޝަންގެ ވެބްސައިޓަކީ މަހެއްގެ މައްޗަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ އެއްޗެކެވެ. އަދި ޓެކްނޮލޮޖީ އަށް އައި ކުރިއެރުމާ އެކު ސްމާޓް ޑިވައިސްތައް އާންމުވެ، ގިނަ ބަޔަކު މިހާރު ޚަބަރާއި މައުލޫމާތު މުޅިންހެން ކަހަލަ ގޮތަކަށް ކިޔައި އުޅެނީ ފޯނާއި ޓެބްލެޓާއި ލެޕްޓޮޕާއި އެ ނޫން ވެސް ޑިވައިސްތަކުން ކަމަށްވާތީ، ޗާޕްކޮށްގެން ނެރޭ މަޖައްލާގެ ވިޔަފާވެރި ވެސް ބޮޑުތަނުން ދަށްވެފައިވާ ކަމަށް ޓީއައި މީޑިއާ އިން ބުންޏެވެ.

އިނގިރޭސިވިލާތުގައި މޭރީ ކްލެއާ މަޖައްލާ ނެރެން ފެށީ 1988 ގަ އެވެ. މޭރީ ކްލެއާގެ އިނގިރޭސި އެޑިޝަނުން ޗާޕްކޮށްގެން ނެރޭނީ އަންނަ މަހުގެ އަދަދެވެ.

މޭރީ ކްލެއާގެ އިނގިރޭސި އެޑިޝަންގެ ޗާޕްގެ ފަހު އަދަދު.

ޗާޕްކޮށްގެން ނެރެގެން މިހާރު ފައިދާއެއް ނުވާ އިރު، އެ މަޖައްލާގެ ވިއްކާ އަގަށް ވެސް އެންމެ ފަހުން ބަދަލެއް ގެނައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެގޮތުން މޭރީ ކްލެއާ އިނގިރޭސި އެޑިޝަނުން ވިއްކާ އަގު އޭރު 3.99 ޕައުންޑުން 4.20 ޕައުންޑަށް ބޮޑުކޮށްފައިވެ އެވެ.

މަޖައްލާ ޗާޕްކުރުން ހުއްޓާލުމާ ބެހޭ ގޮތުން ޓީއައި މީޑިއާގެ ޗީފް އެކްޒެކެޓިވް މާކަސް ރިޗް ވިދާޅުވީ މީގެ ސަބަބުން އެތައް ގޮތަކުން ފައިދާކުރާނެ ކަމަށެވެ، އޭގެ ތެރޭގައި ކަރުދާހަށާއި ދެއްޗަށް ކުރާ ހަރަދާއި ޗާޕްކުރަނބް ހިނގާ އެހެނިހެން ހަރަދު ވެސް ދެން ކުރަން ނުޖެހުން ހިމެނެ އެވެ. މިއާ އެކު މިއީ ތިމާވެށީގެ ހިމާޔަތަށް ދެވޭ އެހީއެއް ކަމަށް ވެސް ވިދާޅުވި އެވެ.

މާކަސް ވިދާޅުވި ގޮތުގައި ފާއިތުވި 31 އަހަރުގެ ތެރޭގައި މޭރީ ކްލެއާގެ އިނގިރޭސި އެޑިޝަނުން އަންހެނުންނާ ގުޅުން ހުރި އެކި ދާއިރާތަކާއި އަންހެނުން ބާރުވެރިކުރުވުމާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ އެތައް ދާއިރާއަކުން ހޭލުންތެރިން އުފައްދަން ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

"ޑިޖިޓަލް ޕްލެޓްފޯމަށް އަހަރެމެންގެ ފޯކަސް މުޅިން އަނބުރާލައި މޭރީ ކްލެއާގެ އިނގިރޭސި އެޑިޝަނުގެ ކޮންޓެންޓް އިތުރަށް ވަރުގަދަކުރަން މަސައްކަތްތައް ކުރާނެ،" މާކަސް ވިދާޅުވި އެވެ.

މޭރީ ކްލެއާގެ އިންޓަނޭޝަނަލްގެ އެގްޒެކަޓިވް ޑިރެކްޓަރު ޖިއާން ޑި ބޮއިޒްޑެފާ ވިދާޅުވި ގޮތުގައި އެ މަޖައްލާގެ އިނގިރޭސި އެޑިޝަން ޗާޕްކުރުން ހުއްޓާލުމަކީ ބޮޑު ބަދަލެއްގެ ފެށުން ކަމަށެވެ. އެ ބަދަލާ އެކު ޓީއައި މީޑިއާ އެކު ކުރިއަށްދާން ތިބި ކަމަށް ވެސް ވިދާޅުވި އެވެ.

މޭރީ ކްލެއާ އަކީ 1937 ގައި ފްރާންސްގައި އަންހެނުންގެ ފެޝަނަށް ހާއްސަކޮށްގެން ނެރެން ފެށި މަޖައްލާއެކެވެ. އަދި މި މަޖައްލާ މިހާރު 40 ބަހަކުން ނެރެ އެވެ.

ޓީއައި މީޑިއާގެ ދަށުން އިނގިރޭސިވިލާތުގައި ނެރޭ މަޝްހޫރު އިތުރު މަޖައްލާތަކުގެ ތެރޭގައި ވިމެންސް ވީކްލީ، ސައިކްލިން ވީކްލީ، ހޯސް އެންޑް ހައުންޑް އަދި ވަޓްސް އޮން ޓީވީ ހިމެނެ އެވެ.