ވަޒީފާ ނެތް މީހުންގެ މައުލޫމާތު އެއްކުރަނީ

ރާއްޖޭގައި ވަޒީފާ ބޭނުންވާ އެކަމަކު ވަޒީފާ ހަމަނުޖެހޭ މީހުންގެ މައުލޫމާތު އެއްކުރުމަށްޓަކައި މި މަހުގެ ފަހުކޮޅު ޖޮބް ސެންޓަރުގެ ނަމުގައި އޮންލައިން ޕޯޓަލެއް ހުޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.


ކްރޮސްރޯޑްސް ގައި މިއަދު ފެށި މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް ގައި ފައްޔާޒު ވިދާޅުވީ މި ޕޯޓަލްގައި، ވަޒީފާ ބޭނުންވާ މީހުންނަށް ރަޖިސްޓަރީ ވެވޭނެ ކަމަށެވެ. އަދި ރަޖިސްޓަރީވާ އިރު ވަޒީފާގެ ތަޖުރިބާ އާއި ތައުލީމީ ފެންވަރާ ގުޅޭ މައުލޫމާތު ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އަށް ފަހު ވަޒީފާ ދިނުމުގައި ޕޯޓަލްގައި ރަޖިސްޓާވާ މީހުންނަށް އިސްކަން ދެވޭނެ. މި ޕޯޓަލްގެ އެހީގައި ސްކިލްޑް މީހުންނަށް ދާއިރާތަކުން ވަޒީފާ ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެކި ދާއިރާތަކަށް ބޭނުންވާ ބިދޭސީން ގެންގުޅުމުގައި ކަނޑައަޅާފައިވާ ރޭޝިއޯތައް ވެސް ޕޯޓަލް މެދުވެރިކޮށް މުރާޖައާ ކުރާނެ އެވެ. އަދި ވިދާޅުވީ، އަމާޒަކީ މިޑްލް މެނޭޖްމެންޓާއި ޓޮޕް މެނޭޖްމެންޓްގެ ވަޒީފާތައް ގިނަ ދިވެހިންނަށް ލިބުން ކަމަށެވެ.

ރާއްޖޭގައި ފަންނީ މީހުން ބޭނުންވާ ދާއިރާތައް ވަރަށް ގިނަ ކަމަށާއި އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގައި ވެސް ދިވެހި ފަންނީ މީހުން ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެގޮތުން ފަންނީ މީހުން އިތުރުވާ އަދި މަދުވާ ދާއިރާތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ވަޒީފާ ނެތް މީހުންނަށް ވަޒީފާތައް ހޯދައި ދިނުމުގައި ކުރީގެ ސަރުކާރުތަކުން އެހާ ސީރިއަސްއެއް ނޫނެވެ.