އައިޓީއެފްސީން ރާއްޖެ އަށް 1.5 ބިލިއަން ޑޮލަރުގެ ލޯނު ދެނީ

ރާއްޖޭގެ މަޝްރޫއުތައް ހިންގަން 1.5 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 23 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމަށް ރާއްޖެ އާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު ފްރޭމް ވޯކެއްގައި ސޮއި ކޮށްފި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެން، މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާނީ ސަލީމް ސޮންބޮލް އެވެ.

މި އެއްބަސްވުމުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލް އައިޓީއެފްސީ އަށް ހުށަހެޅުމުން އެ ޕްރޮޖެކްޓަކަށް ފައިސާ ހަމަޖެހޭނެ އެވެ. މި ޕްރޮޖެކްޓުތަކަށް ލިބޭ ލޯނު އަނބުރާ ދައްކަން ޖެހޭގޮތް ތަފާތު ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަނބުރާ ދައްކާ ގޮތުގެ ތަފްސީލް ހިމަނާފައިވާނީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް(މ) ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕްރެޒިޑެންސީ މޯލްޑިވްސް

އަމީރު ވިދާޅުވީ އައިޓީއެފްސީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ފަސް އަހަރަށް ބަހާލައިގެން އެ އިދާރާ އިން ރާއްޖެ އަށް އެހީވާނެ ކަމަށެވެ. އެގޮތުން، ކޮންމެ އަހަރަކު 300 މިލިއަން ޑޮލަރު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ބޮޑެތި ޕްރޮޖެކްޓުތަކަށް ފައިސާ ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި އެހީ، ކުރިއަށް އޮތް ފަސް އަހަރުތެރޭ ދައުލަތުން ހިންގާ ޕްރޮޖެކްޓުތަކަށް ހޭދަކުރާނެ ކަމަށެވެ.

"މީގެ ތެރެއިން ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން. މީގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުތަކުގައި ތަރައްގީ އަށް ބޭނުންވާ ބޮޑެތި ޕްރޮޖެކްޓުތައް ހަރަދުކުރުމަށް ގެރެންޓީޑް ފެސިލިޓީއެއް މި ހޯދުނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ފިިނޭންސް މިނިސްޓްރީ

އަމީރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ އިން މިފްކޯ ތަރައްގީކުރަން ޖެހިފައިވާ ކަމަށެވެ. އެ ކުންފުނީގެ ސްޓޯރެޖް ކެޕޭސިޓީ އާއި މަސްދަޅު ބަންދުކުރާ ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު ވެސް އައިޓީސީއާ ގުޅިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިޓީއެފްސީގެ ސީއީއޯ ވާހަކަ ދައްކަވަނީ-- ފޮޓޯ: ފިނޭންސް މިނިސްޓްރީ

އައިޓީއެފްސީގެ ސީއީއޯ ހާނީ ސަލީމް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް މިހާރު ވެސް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ އެހީތެރިކަން ދަމަހައްޓާނެ ކަމަށެވެ. އެގޮތުން، މިހާތަނަށް ރާއްޖެ އަށް 810 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އައިޓީއެފްސީން މިއަދު ޔަގީންކަން ދެން ރާއްޖޭގެ ތަރައްގީ އަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެންގެ ފަރާތުން ލިބޭނެ ކަމަށް. އަޅުގަނޑުމެންނަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށް ހަދާނަން،" ހާނީ ސަލީމް ވިދާޅުވި އެވެ.

އައިޓީއެފްސީގެ އެހީގެ ދަށުން މިހާރު ރާއްޖޭގައި ކުރިއަށްގެންދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އަށް ތެޔޮ އެތެރެކުރުން ހިމެނެ އެވެ. މިއީ މުރާބަހާ ފައިނޭންސިންގެ ދަށުން އެސްޓީއޯ އާއި އައިޓިއެފްސީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެމުން އަންނަ އެހީއެކެވެ.