އެމްވީ މެޑިކަލްސް އާއި އޭޑީކޭ ހޮސްޕިޓަލާ ދެމެދު ސްޕޮންސާ އެއްބަސްވުމުގައި މިއަދު ސޮއި ކުރުމަށް ފަހު، އެއްބަސްވުން ބަދަލުކުރައްވަނީ.--- ފޮޓޯ: އެމްވީ މެޑިކަލްސް
10 އޮކްޓޯބަރ 2019 - 19:44
ސިއްހީ ދާއިރާގެ މައުލޫމާތު އެއްތަނަކުން ދިނުމަށް އެމްވީ މެޑިކަލްސް އިން ކުރިއަށް ގެންދާ "މޯލްޑިވްސް މެޑިކަލް އެކްސްޕޯ" މި މަހުގެ 18 ގައި ބާއްވަން ނިންމައިފި އެވެ.
އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރުންނަކީ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި ލަންކާ ހޮސްޕިޓަލް އަދި ލަންކާގެ އާސިރީ ހެލްތު އާއި ބެންކޮކް ހޮސްޕިޓަލެވެ. އެ ފަރާތްތަކާ އެކު އެމްވީ މެޑިކަލްސް އިން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މިއީ ޓޫރިޒަމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިތުރުން ޝީ މޯލްޑިވްސް އާއި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ އެހީގައި ބާއްވާ އެކްސްޕޯ އެކެވެ.
އެމްވީ މެޑިކަލްސްގެ ޑިރެކްޓާ އޮފް ޕީއާރު އަބްދުލް ޖަލީލް ވިދާޅުވީ، ތަފާތު ސަބަބުތަކާ ހެދި މި އެކްސްޕޯ މިދިޔަ އަހަރު ނުބޭއްވުނު ނަމަވެސް ކުރިމަގުގައި ކޮންމެ އަހަރަކު ވެސް އެކްސްޕޯ ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވަރަށް މުހިންމު އެކްސްޕޯއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްވީ މެޑިކަލްސްގެ ޑިރެކްޓާ އޮފް ޕީއާރު އަބްދުލް ޖަލީލް މިއަދުގެ ހަފްލާގައި ވާހަކަ ދައްވަނީ.--- ފޮޓޯ: އެމްވީ މެޑިކަލްސް
ޖަލީލް ވިދާޅުވީި ގޮތުގައި، މި އެކްސްޕޯ އަކީ ސިއްހީ ދާއިރާ އިން ލިބިފައި ހުރި ކާމިޔާބީތަކާއި ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް އާންމުންނަށް ހާމަކޮށްދިނުމަށް ހުޅުވައިލެވޭ ފުރުސަތެކެވެ. ސޯޝަލް މީޑިއާގެ މި ދުވަސްވަރު މިފަދަ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސޯޝަލް މީޑިއާގެ މި ދުވަސްވަރު އެންމެ ހޮސްޕިޓަލަކުން ގޯސް ކަމެއް ކުރިއަސް މުޅި މި ދާއިރާ ގޯސްކޮށް، ވާހަކަ ދައްކާ މަންޒަރު އަޅުގަނޑުމެންނަށް އެބަ ފެނޭ. މި ކަންތައް އަޅުގަނޑުމެން ވެއްޖެ ބަދަލުކުރަން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ކާމިޔާބީތަކުގެ ވާހަކަތައް ވެސް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން." ޖަލީލް ވިދާޅުވި އެވެ.
ދަރުބާރުގޭގައި ފަށާ މި އެކްސްޕޯ ކުރިއަށް ގެންދާނީ މި މަހުގެ 18 އިން ފެށިގެން ތިން ދުވަހުގެ ނިޔަލަށެވެ. އެކްސްޕޯ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންނަށް ސްޕޮންސަރުންނާއި އެމްވީ މެޑިކަލްސް އިން ދޭ ހާއްސަ ހަދިޔާ ލިބޭނެ އެވެ.
މި އަހަރު ބާއްވަނީ މީގެ ތިންވަނަ އެކްސްޕޯ އެވެ. މީގެ ކުރިން ބޭއްވި ދެ އެކްސްޕޯ އަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެމްވީ މެޑިކަލްސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy