ރާއްޖޭގައި އަނެއްކާވެސް ރެކޯޑެއް

ޖަގަލް ކުރަމުން ދުވުމުގެ ދުނިޔޭގެ ރެކޯޑު މި މަހުގެ ފަސް ވަނަ ދުވަހު މުގުރާލި މިކަލް ކެމަރަލް އަނެއްކާވެސް ރާއްޖޭގައި މިއަދު ރެކޯޑެއް މުގުރާލައިފި އެވެ.


ކެނެޑާ އަށް ނިސްބަތްވާ މިކަލް، މިފަހަރު ރެކޯޑު ހެދީ، ތިން ބޯޅަ ޖަގަލް ކުރަމުން ސަލްޓަން ޕާކުގެ ސިޑިން 2544 ފަހަރު އަރައިގެންނެވެ. މި ރެކޯޑް މީގެ ކުރިން ހަދާފައި ވަނީ 608 ސިޑިން އަރައިގެންނެވެ.

މިކަލް ކުރިން ބުނެފައިވާ ގޮތުގައި އޭނާ ބޭނުން ވަނީ 6000 ސިޑިން އެރުމުގެ ރެކޯޑެއް ހަދާށެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ އަތުން ބޯޅަ ވެއްޓުނީ އެވެ. ބޭނުންވި ގޮތަށް ރެކޯޑު ނެހެދުނު ނަމަވެސް ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.

މިކަލް އަށް ހިތްވަރު ދެއްވައި ޖަގަލް ކުރަމުން ސިޑިން އެރުމުގެ ރެކޯޑު މުގުރާލި މަންޒަރު ބެއްލެވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަޑައިގަތެވެ.

މިކަލް ބުނި ގޮތުގައި ކުޑައިރުން ފެށިގެން ވެސް ރެކޯޑު ހެދުމަށް ޝައުގުވެރިވެ އެވެ. މިހާރު ބޭނުންވަނީ ކެނެޑާގައި ރާއްޖެ އިޝްތިހާރުކުރަން ކަމަށް ވެސް އޭނާ ބުންޏެވެ.

ޖަގަލްކޮށްގެން ދުވުމުގެ ރެކޯޑު މިކަލް މުގުރާލީ އައްޑޫގަ އެވެ. އެއީ، 55 ފަސް މިނެޓްތެރޭ 10 ކިލޯމީޓަރަށް ދުވެގެންނެވެ.

ރާއްޖޭގައި މިކަލް ދެ ރެކޯޑް މުގުރާލާފައިވާއިރު މިދިޔަ މަހު ފްރީ ޑައިވިންގެ ދުނިޔޭގެ ރެކޯޑެއް ވެސް ރާއްޖެ އިން ވަނީ މުގުރާލާފަ އެވެ. މި ރެކޯޑާ އެކު މި އަހަރު ރާއްޖޭގައި ތިން ރެކޯޑް މި ވަނީ މުގުރާލާފަ އެވެ.