27 ނޮވެމްބަރ 2019 - 07:14
ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި ލުއީ ވިޓޯން (އެލްވީއެމްއެޗް) އަށް އެމެރިކާގެ މަޝްހޫރު ގަހަނާ ކުންފުނި ޓިފެނީ އެންޑް ކޯ ވިއްކައިލަން ނިންމައިފި އެވެ.
އެލްވީއެމްއެޗުން ޓިފެނީ 16.2 ބިލިއަން ޑޮލަރަށް ގަންނަން ނިންމާފައި މި ވަނީ މިދިޔަ މަހުގެ ތެރޭގައި ޓިފެނީ ވިއްކައިލުމުގެ ޝައުގުވެރިކަން އެލްއެމްވީއެޗަށް ހުށަހަޅާފައި ވަނިކޮށެވެ. އޭރު ޓިފެނީން ބުނީ 14.5 ބިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަގަކަށް ކުންފުނި ވިއްކައިލަން ތައްޔާރަށް އޮތް ކަމަށެވެ. ވިޔަފާރީގެ މި ބޮޑު މުއާމަލާތުގެ ކަންކަން ރަސްމީކޮށް ނިންމައިލާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
އެލްއެމްވީއެޗުން ޓިފެނީ ގަތުން މީޑިއާތަކުން ސިފަކޮށްފައި ވަނީ ފެޝަނުގެ ދުނިޔޭގެ ވަރުގަދަ ދެ ބްރޭންޑެއްގެ "ކައިވެންޏެއް" ގެ ގޮތުގަ އެވެ.
« We are delighted to have the opportunity to welcome @TiffanyAndCo to the LVMH family. » Bernard Arnault. https://t.co/XigkCgwGPG pic.twitter.com/3UqfyLZ6Wq
— LVMH (@LVMH) November 25, 2019
ދުނިޔޭގެ ތިން ވަނަ އެންމެ މުއްސަނދި މީހާގެ މަގާމުގައި ވެސް އޮތް ބާނާޑް އާނޯލްޓްގެ އެލްއެމްވީއެޗުން ޓިފެނީ ގަންނަން ނިންމި އިރު، އެ ކުންފުނީގެ ދަށުގައި މިހާރު ވެސް މަޝްހޫރު 75 ލަގްޒަރީ ބްރޭންޑެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކްރިސްޓިއަން ޑިއޯ، ބަލްގާރީ، ލަވަކިޔުންތެރިޔާ ރިއާނާގެ ފެންޑީ، ގިވެންޗީ، ޓާގް ހޮޔާ ފާހަގަކޮށްލެވެ އެވެ.
އެލްއެމްވީއެޗުން ބުނީ ޓިފެނީ ގަތުންވެގެން ދާނީ ގަހަނާގެ ވިޔަފާރީގެ މާކެޓްގައި އެ ކުންފުންޏަށް އެމެރިކާގައި ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޓިފަނީ ވިއްކައިލަން ނިންމި މައިގަނޑު ސަބަބަކީ މި ފަހަކަށް އައިސް ކުރިމަތިވަމުންދާ މާލީ މައްސަލަތަކާ ހެދި ކުންފުނީ މުސްތަގުބަލާ ދޭތެރޭ ސުވާލު އުފެދޭތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy