ކެމެރާ ވަރުގަދަކުރަން އެޕަލް އިން ޔޫކޭގެ ސްޕެކްޓްރަލް އެޖް ގަނެފި

ކުރިއަށް އޮތް ތަނުގައި އެޕަލް އައިފޯން މޮޑެލްތަކުގެ ކެމެރާތައް ވަރުގަދަކުރުމުގެ ގޮތުން އެ ކުންފުނިން އިނގިރޭސިވިލާތުގެ ފޮޓޯގްރަފީ ޓެކްނޮލޮޖީ ކުންފުނި ސްޕެކްޓްރަލް އެޖް ގަނެފި އެވެ.


ނަމަވެސް މި އެއްބަސްވުމާ ބެހޭ އެއްވެސް ތަފުސީލެއް ދެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ އެޕަލް އިން ސްޕެކްރަލް އެޖް ގަތް އަގެއް ވެސް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެއްބަސްވުމަކީ އެޕަލް އިން ކުރިއަށް އޮތް ތަނުގައި ނެރޭ ފޯނުތަކުގެ ކެމެރާ ވަރުގަދަކޮށް، ބޮޑު އިންގިލާބެއް ގެންނަން ހެދި އެއްބަސްވުމެކެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ސްޕެކްޓްރަލް އެޖް ގަތުމަށް ފަހު، އޭގެ ޑިރެކްޓަރަކަށް، އެޕަލްގެ ކޯޕަރޭޓިވް ލޯޔަރު ޕީޓާ ޑެންވުޑް މިހާރު ވަނީ އައްޔަންކޮށްފަ އެވެ.

ސްޕެކްޓަރަލް އެޖް ގަތުމުގެ ކުރިން އެޕަލް އިން މި އަހަރުގެ ކުރީކޮޅު ވަނީ އިނގިރޭސިވިލާތުގެ އެހެން ކުންފުންޏެއް ވެސް ގަނެފަ އެވެ. އެއީ ޑިޖިޓަލް މާކެޓިން ސްޓާޓަޕް ޑޭޓާ ޓައިގާ އެވެ.

އެޕަލް އިން އެންމެ ފަހުން އައިފޯނުގެ އާ މޮޑެލެއް ނެރުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އައިފޯން 11 އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ކުރިން އައިފޯނުގެ އާ މޮޑެލްއެއް ނުނެރޭނެ އެވެ. އަދި މިކަމަކީ ސްޕެކްޓްރަލް އެޖްގެ ޓެކްނޮލޮޖީ ދެން ނެރޭ އައިފޯންގެ ކެމެރާތަކަށް ފައްތައް އެޕަލް އިން ބޭނުން ހިފާނެ ވަގުތެއް ކަމަށް މީޑިއާތަކުން ލަފާކުރެ އެވެ.