ކަނޑުގެ ލޮނުގަނޑަށް ވުރެ 5،364 މީޓަރު އުހުގައި ތިން ދިވެހިން ގައުމީ ދިދަޔާ އެކު
05 އޮކްޓޯބަރ 2016 - 06:34
"އެހާ ރީތި، އެހާ ފުރިހަމަ ތަނެއް މީގެ ކުރިން ދުވަހަކު ވެސް ނުދެކެން."
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕް އަށް މިދިއަ ހޯމަދުވަހު އެރި ތިން ދިވެހިންގެ ތެރޭގައި ހިމެނޭ ފަރީހާ ޝަރީފް، އެ މަންޒަރު ސިފަކުރި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާޕާސަން އަދި ވިޔަފާރިތަކަށް ހާއްސަ ކޮންސަލްޓެންސީގެ ހިދުމަތް ދޭ އެފްޖޭއެސް ކޮންސަލްޓިންގެ ވެރިޔާ، ފަރީހާގެ އިތުރުން އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގާއި ޔޫއެންޑީޕީގައި މަސައްކަތްކުރާ އަބްދުﷲ ވަހީދު ވެސް އެ ރީތިކަމުން އުފާ ހޯދި އެވެ. އެ ހިތްގައިމު ފޮޓޯ ނަގަން ފެށި ގޮތަށް ހުއްޓާލާ ހިތް ވެސް ނުވި އެވެ. އެ މީހުންގެ ފޯންގެ ޗާޖް ދިއުމުން ގައިޑްގެ ފޯނުން ވެސް ފޮޓޯ ނެގި އެވެ.
ތިން ދިވެހިން އެރީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 5،364 މީޓަރު (17،598 ފޫޓް) އުހުގައި އޮތް ބޭސް ކޭމްޕަށެވެ. މިއީ އެވަރެސްޓް ހިމެނޭ ހިމާލިޔާ ފަރުބަދަތަކަށް އެރުމުގައި އެންމެ ގިނައިން ބޭނުންކުރާ މަގެވެ.
މިއީ ދިވެހިންގެ ބަޔަކު މި ހިސާބަށް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ބައެއް ދިވެހިން ވަނީ އެވަރެސްޓް ފަރުބަދައިގެ އެކި ހިސާބުތަކަށް އަރައިފަ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ސްޕޮންސަކޮށްގެން މައުންޓް އެވަރެސްޓަށް އަރަން ފަރީހާ އާއި ހާމިދު އަދި ވަހީދު ދަތުރު ފެށީ މިދިޔަ މަހުގެ 25 ގަ އެވެ. ފަރުބަދަ ފަދަ ތަންތަނަށް އެރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް މި ތިން މީހުން، ނޭޕާލްގެ ވެރިރަށް ކަތަމަންޑޫން ލޫކާ އަށް ދިއުމަށް ފަހު، އެ ދުވަހުގެ ހެނދުނު ފަރުބަދަ އަށް އަރަން ދަތުރު ފެށި އެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕަށް އެރި ތިން ދިވެހިން: އެތައް އުނދަގުލަކާ ދިމާވި
ގާތްގަނޑަކަށް ނުވަ ދުވަހު ހިނގުމަށް ފަހު، މިދިއަ ހޯމަދުވަހު ތިން ދިވެހިން ވަނީ ބޭސް ކޭމްޕަށް އަރައިފަ އެވެ. ދިވެހި ގައުމީ ދިދައިގެ އިތުރުން މޯލްޑިވިއަންގެ ނަމާއި ލޯގާ ޖަހާފައިވާ ޓީޝާޓް އަދި ބެނާ އެ މީހުން ވަނީ މައުންޓް އެވަރެސްޓްގެ އެ ހިސާބަށް ގެންގޮސްދީފަ އެވެ.
ނަމަވެސް އެއީ އެއް ގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫނެވެ. ރާއްޖެއިން ފުރުމުގެ ކުރިން، މާލޭ ޓްރެކް ދަނޑުގައި ދުވެ، ކަސްރަތުކޮށް، ތަމްރީންތަކެއް ހެދި ނަމަވެސް، ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ އެ ހިސާބަށް ދާން ކުރީ ވެސް އުދަނގޫ ދަތުރެކެވެ. ގާތަކުގެ ތެރޭގައި އެތައް ކިލޯމީޓަރަކަށް ހިނގަން ޖެހުމާއި މައްޗަށް އަރާ ވަރަކަށް ނޭވާލާން އުދަނގޫވުމާއި އެ ނޫން ވެސް ޖިސްމާނީ އަދި ނަފްސާނީ ބުރަތަކެއް އުފުލަން ޖެހުނެވެ.
"އަހަރެންގެ ކަކުލުގައި ރިއްސާ. ވަހީދު އުޅުނީ ބޮލުގައި ރިއްސާތީ. ނަމަވެސް އެންމެ ބޮޑު ވަރުވީ ހާމިދަށް،" ފަރީހާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.
ހާމިދު ކުރިމަތިލާން ޖެހުނީ އެކިއުޓް މައުންޓަން ސިކްނަސް (އޭއެމްއެސް) ކިޔާ، ފަރުބަދަ ފަދަ އުސް ތަންތަނަށް އަރާ މީހުންނަށް އާންމުކޮށް ދިމާވާ މައްސަލައަކާ އެވެ. ފަރީހާ ބުނި ގޮތުގައި ބޭސް ކޭމްޕަށް އެރުމަށް ފަހު، ކުޑަ ތަންކޮޅެއް ތިރީގައި އޮންނަ ވިލެޖަކަށް އެނބުރި ދިއުމަށް ހިނގައިގަތް ތަނާ ހާމިދުގެ ހާލު ދެރަވާން ފެށި އެވެ. ވަރަށް ބޮޑަށް ބޮލުގައި ރިއްސައި ހޮނޑުލަވާ ގޮތްވެ އަދި ބޮލަށް އެނބުރުން އަރައި ހޭނެތެން އުޅޭހެން ހީވި އެވެ. އެހެންކަމުން، ހާމިދު ގެންދަން ހެލިކޮޕްޓަރެއް ހަމަޖައްސައިދޭން އެ މީހުންގެ އެޖެންސީގައި އެދުނެވެ.
ފަރީހާ އާއި އޭނާގެ ދެ އެކުވެރިން ބޭސް ކޭމްޕްގައި: ތިރިއަށް ފޭބިއިރު ސިއްހީ ބައެއް މައްސަލަތަކާ ދިމާވި
"ނަމަވެސް އެޖެންސީން ބޭނުންވީ އަހަރުމެންނާ ވާހަކަދައްކަން. ފޯން ލައިންތައް ކެނޑި، އެހާ ރަނގަޅަށް ރޭންޖް ނުލިބޭތީ ގުޅުނުއިރު ހުރީ ވަރަށް ލަސްވެފައި،" ފަރީހާ ބުނެފައިވެ އެވެ.
ލަސްވެދާނެތީ ހާމިދު ގޮވައިގެން ރޭގަނޑު ގައިޑް ދިޔައީ ލޮބޫޗޭ ނަމަކަށް ކިޔާ ތަންކޮޅެއް ތިރީގައި އޮތް ޓައުނަކަށެވެ. އެންމެންގެ ހާލު ރަނގަޅު ނަމަވެސް ހެލިކޮޕްޓަރުގެ އެހީ ހޯދި އެވެ. އަދި އެނބުރި ކަތަމަންޑޫ އަށް ގޮސް، ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް ފަރީހާ ބުންޏެވެ.
ކަނޑައެޅި އަޒުމް ތިން ދިވެހިން ވަނީ ހާސިލްކޮށްފަ އެވެ. ރޭގަނޑުގެ ގަދަ ފިންޏަށް ކެތްކުރި އެވެ. ލިބުނު ކާ އެއްޗެހީގައި ރަހައެއް ނުލަ އެވެ. އަދި އެހެން ވެސް އުދަނގޫތަކަށް ފަހު އެކަން ކާމިޔާބުވުމުން ފަރީހާ ބުނަން އޮތީ އެންމެ ވާހަކައެކެވެ.
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓްގެ ބޭސް ކޭމްޕަށް އެންމެ ފަހުން އެރި ތިން ދިވެހިން
"މިއީ އަހަރެން މިހާތަނަށް ކުރި އެންމެ ބުރަ ކަންތައް. މިފަދަ ކޮންމެ ކަމަކުން ހަށިގަނޑަށާއި ސިކުނޑި އަށް ވަރަށް އަސަރުކުރޭ. އެ ހުރިހާ ބުރައެއް އުފުލަން ޖެހުނު ނަމަވެސް މިހާ ހިތްހަމަޖެހޭ ކަމެއް ނެތް."
މީގެ ކުރިން ވެސް ބައެއް ދިވެހިން ވަނީ އެވަރެސްޓްގެ އެކި ހިސާބުތަކަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
05 October 2016
މި ފުރިހަމަ ރީތި ޗާލު ހިތްގައިމު ރާއްޖޭގެ ރަށްތަކަށްވުރެ ރީތި ތަނެއް ދިވެއްސަކަށް ފެނުނު ފުރަތަމަ ފަހަރު! ހަމަ ހައިރާން ވެއްޖެ!
ދަޢުވަތު
05 October 2016
އޭތް އޯތް! އެމީހަކު ބޭނުން މަންޒިލެއް ބަލާލަން އަދި މަޖާކޮށްލާ ހަދާލަން ބޭނުން ކޮންމެ ދިވެއްސަކު ދަތުރު ޚަރަދުގެ ސްޕޮންސަރ ހޯދުމަށް ޤައުމީ އެއަރ ލައިން "މޯލްޑިވިއަން" ގައި އަވަހަށް އެދޭށެވެ.
ހޯދަޑު
05 October 2016
ބޭސް ކޭމްޕް އަކީ މި ފަރުބަދަ އަށް އަރަން ދަތުރު ފަށާ ފުރަތަމަ ކޭމްޕް. ފަރުބަދަ އަށް އަރަން ފަށާ ހިސާުބު. 17،000 ފޫޓު މަތި. އެހިސާބަކީ އަނެއްހެން މާބޮޑު އުނދަގޫ ތަކެއް ވާނެ ހިސާބެއް ނޫން. އެ ހިސާބަށް އަރަން ޖެހޭ ދުވަސް ގިަނަޔަސް އެއީ އުންދަގޫ ދަތުރެކޭ ނުބުނެވޭނެ. ހާލު ދެރަވެގެން ހެލިކޮޕްޓަރު ގެނެސްގެން ދިޔަ ވާހަކަ އަޑު އިވުމުން ހައިރާންވޭ. ފިޓްނަސް މާ ބޮޑަށް ދަށީ ތޯއްޗެ. ބޭސް ކޭޕްޕް އިން ދަތުރު ކުރާނީ، ކޭމްޕް 1 އިން ކޭމްޕް 2 އިން ކޭމްޕް 3 އިން ކޭމްޕް 4 އިން ދެން ސަމިޓަށް. ސަމިޓަކީ ފަރުބަދައިގެ އެންމެ އުސް ހިސާބު. 29،000 ފޫޓު އުސް ސަމިޓަށް ބޭސް ކޭމްޕް އިން ފެށިގެން ކުރާ ދަތުރަކީ އުނދަގޫ ދަތި ދަތުރެއް. މޫސުން ގޯސްވުން ނޭވާލާން ދަތިވުން ފަދަ ކަންތައްތަކުގެ ސަބަބުން މީހުން މަރުވެފައިވެސް ވޭ. ތިޔަ ޓީމަށް އެންމެ ކުޑަ މިނުން ބޭސް ކޭމްޕާ ޖެހިގެން 19،900 ފޫޓު އުހުގައި ކޭމްޕް 1 އަަށް ދެވުނު ނަމަ އެއްޗަކަށް ވީސް. މޯލްޑިއަންއިން ހަމަ ބައެއްގެ އެޑްވެންޗަރ ދަތުރަކަށް ހަރަދު ކޮށްލީ.
އާމިނަތު
05 October 2016
މަރުޙަބާ ޙާމިދު އެންޑް ޓީމް.ވަރަށް އުފާވެއްޖެ.
ކީއްވެތަ
05 October 2016
ތިން ދިވެހިން ހިތްވަރާއި އެކު އެވަރެސްޓް އަށް އަރައިފިނަމަ އޭގެ އިން އެ ދޭހަ ކޮށްދެނީ ރާއްޖޭގެ ރިސޯރޓް ތަކުގައި ހުރި މެދު ފަންތިއާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ވެސް ދިވެހިންނަށް އަދާ ކުރެވޭނެ ކަމަށެވެ. އެކަން ކުރެވޭނީ އެކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަރަށް ބުރަ ކޮށް މަސައްކަތް ކޮށްގެން ނެވެ. ޓޫރިޒަމް މިނިސްޓްރީ އަކީ މިރާއްޖޭގެ މިހާރުގެ ސަރުކާރުގެ ތެރޭގައި އޮތް އެންމެ ކަންނެތް މިނިސްޓްރީ އަކީ. އެމިނިސްޓްރީ އަށް އެމިނިސްޓްރީގެ މޭންޑޭޓް ތެރޭގައި ހިމެނޭ ކަން ކަން އެއްގޮތަކަށް ވެސް ނުބެލެއެވެ. އެމިނިސްޓްރީގެ ސާރވެންޓުންގެ ބޮޑުން ތައް އޯވަރ ހޯލް ކޮށްގެން ނަމަވެސް މިކަން ހައްލު ކުރެވޭތޯ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ބައްލަވަންވީ އެވެ. މިނިސްޓަރުން ރުހޭ ޕީއެެސް އިން މިނިސްޓްރީ ތަކަށް އައްޔަން ކުރުން ލަސްވަނީ އެއީ ކީއްވެގެން ތޯއެވެ.
ކައުންސެލަރު
05 October 2016
ބަންގާޅިން އެންޏެއްނޫންދޯ ފޮޓޯނަގަނީކީ................. ދިވެހިންވެސް ފޮޓޯނަގާހަމަ
ބޭސް ކޭމްޕް؟
05 October 2016
އަޅުގަނޑު ހީކުރީ މި 3 ބޭފުޅުން ވަޑައިގެންނެވީ އެވަރެސްޓް ގެ ޕީކް ސަމިޓަށް އަރުއްވަން ކަމަށް. އެކަމަކު އަދިކިރިޔާ މި އެނގުނީ ބޮޑު ޕަބްލިސިޓީއާއެކު ޓާގެޓަކީ ހަމައެކަނި ބޭސް ކޭމްޕް ކަމަށް. ދެން މިވަރަކީވެސް ކާމިޔާބީއެއްކަމަށް ދެކެންޔާ ވަރަށް މަރުޙަބާ.
ޝާހިދު
05 October 2016
މޯލްޑިވިއަންއިން ސްޕޮންސަރ ކުރިކަމަށް ޚަބަރު ލިބުމުން ހައިރާންވެއްޖެ. އަނެއްކާ ނޭޕާލްއަށްވެސް މޯލްޑިވިއަންއިން ދަތުރުތައް ފަށަނީތޯ؟ ދެން މީގަ މިބައިވެރިވަނީ މިރާއްޖޭގެ މުއްސަދިން. އެމީހުންގެ އެޑްވެންޗަރ ދަތުރަކަށް ކިހާވަރެއްބާ މޯލްޑިވިއަންއިން ޚަރަދުކުރީ. މަވެސް ދާނަން ޗައިނާގެ ބޮޑުފާރު ބަލާލަން މޯލްޑިވިއަންއިން ސްޕޮންސަރ ހޯދަން
ޅަބޭ
05 October 2016
ބޮޑައް ވައްތަރީ ސެލްފީ ނަގަންދިޔަ ކުދިންކޮޅަކާ.
ޕެތްރޯން
05 October 2016
ވަރައް ބުރަ ކަމެއް މީ... ރަނގަޅު މޫސުމަކަށް ޓާރގެޓް ކުރިކަން ރަނގަޅު... ފިނި މޫސުމާ ދިމާވިނަމަ ވަރައް ތަދު ކަމަކަށް މިކަން ވާނެ... ފިނި މޫސުމުގަ މި ފަރުބަދަޔައް އަރަން ދާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނައް ފަރުބަދަޔައް އެރެނީ...