ދިރާގު-އުރީދޫގެ ސަބްމެރިން ކޭބަލަކީ "ޑިޖިޓަލް ދިވެހިރާއްޖެ" ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބޭ ބާރެއް: މިނިސްޓްރީ

ދިރާގާއި އުރީދޫ ގުޅިގެން އާ ސަބްމެރިން ކޭބަލެއް އެޅުމުގެ މަސައްކަތް ފެށުމަކީ، ދިވެހިން ދެކޭ "ޑިޖިޓަލް ދިވެހިރާއްޖެ" ގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.


ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލެއް އެޅުމުގެ މަސައްކަތް، ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނިން ފެށުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި ކޮމިއުނިކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިފަދަ ކޭބަލެއްގެ ސަބަބުން، ރާއްޖޭގައި މިހާތަނަށް އަޅާފައިވާ ކޭބަލްތަކުގެ ޑައިވާސިޓީ އިތުރުވެ، އޭގެ މަންފާ ޓެލެކޮމް ކުންފުނިތަކަށް ކުރާނެ ކަމަށެވެ. އަދި ހާއްސަކޮށް، ޓެލެކޮމް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް ބޮޑު ފަސޭހައެއް ލިބި ދުނިޔެ އަށް އީޖާދުވާ އާ ޓެކްނޮލޮޖީތައް ރާއްޖެ އަށް ގެނައުމަށްޓަކައި މުވާސަލާތީ ކުންފުނިތަކަށް ވަރަށް ބޮޑު އެހީއެއް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ އެ ކަމަކަށް މި މިނިސްޓްރީން މަރުހަބާ ކިޔާ ކަމެކެވެ. އެހެންކަމުން އަދިވެސް އިތުރު ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލްތައް ރާއްޖެ އަށް ލޭންޑް ކުރުމަކީ މިނިސްޓްރީން ދެކޭގޮތުގައި މުހިންމު ކަމެކެވެ،" ކޮމިއުނިކޭޝަން މިނިސްޓްރީ

ރާއްޖެ އާއި އިންޑިޔާގެ ޓްރިވެންޑްރަމް އަދި ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު މިހާރު ވެސް ސަބްމެރިން ކޭބަލެއް އަޅާފައިވެ އެވެ. ދިރާގާއި އުރީދޫ ގުޅިގެން އަލަށް އަޅާ މި ކޭބަލް ވާނީ މިގޮތަށް ރާއްޖޭގައި އަޅާ ތިންވަނަ ކޭބަލަށެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ބުނިގޮތުގައި، މުޅި ދުނިޔެ މުވާސަލާތީ ހިދުމަތަށް ބަރޯސާވެފައިވާ އިރު، މިފަދަ އިތުރު ކޭބަލެއް އައުމުން އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖެއަށް ކުރިއެރުން ލިބޭނެ އެވެ. ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށްޓަކައި މިފަދަ އިތުރު ސަބްމެރިން ކޭބަލް އައުން ވަރަށް މުހިއްމު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ބަޔާން

"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ އެ ކަމަކަށް މި މިނިސްޓްރީން މަރުހަބާ ކިޔާ ކަމެކެވެ. އެހެންކަމުން އަދިވެސް އިތުރު ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލްތައް ރާއްޖެ އަށް ލޭންޑް ކުރުމަކީ މިނިސްޓްރީން ދެކޭގޮތުގައި މުހިންމު ކަމެކެވެ،" ކޮމިއުނިކޭޝަން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އާ ސަބްމެރިން އެޅުމުގެ އެއްބަސްވުމުގައި ދިރާގުން މިހާރު ވަނީ ސޮއިކޮށްފަ އެވެ. މި މަސައްކަތަށް ދިރާގުން 8.4 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ކޭބަލްގެ 45 ޕަސެންޓްގެ ހިއްސާ ދިރާގުވާ އިރު ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ، އުރީދޫ މޯލްޑިވްސް އިން ވެސް މި ކޭބަލްގެ 45 ޕަސެންޓު ހިއްސާވެ އެވެ. ބާކީ 10 ޕަސެންޓު ހިއްސާ ވަނީ ސް ރީލަންކާގެ މުވާސަލާތީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޑައިލޮގް އެޒިއޭޓާ އެވެ.