29 ފެބުރުއަރީ 2020 - 07:39
އެޕަލްގެ އުފެއްދުންތަކަށް ބޮޑު މާކެޓެއް އޮންނަ އިންޑިއާގައި އެ ކުންފުނީގެ ފިހާރައެއް ފުރަތަމަ ފަހަރަށް ހުޅުވަން ނިންމައިފި އެވެ.
މިކަން އިއުލާންކުރައްވަމުން އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ އެޖެންޓަކާ ނުލައި ސީދާ އެޕަލް އިން ހިންގާ ގޮތަށް އެ ކުންފުނީގެ ފިހާރައެއް ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި ހުޅުވާނީ އަންނަ އަހަރު ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު އިންޑިއާގައި އެޕަލްގެ އޮންލައިން ފިހާރައެއް ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހިއްސާދާރުންގެ އަހަރީ ބައްދަލުވުމުގައި ކުކް ވިދާޅުވި ގޮތުގައި އެޕަލް އިން މިހާރު އަންނަނީ މިކަމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލް އިން އިންޑިއާގެ މާކެޓަށް ސީދާކޮށް ވަނުމުގެ ވިސްނުންތަކެއް ގެންގުޅެމުން އަންނަތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ. އަދި މިއީ އެކަން މި ފަހަރު ކޮޅެއްގައި ޖައްސާނެ ފަހަރު ކަމަށް ބުންޏެވެ.
ކުކް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އައުޓްލެޓެއް ހުޅުވުމުގެ ހުއްދައަކަށް ކުރިން އެދުމުން އިންޑިއާ އިން ބޭނުންވީ ލޯކަލް ޕާޓްނަރެއް ހިއްސާވެގެން އެކަން ކުރާށެވެ. ނަމަވެސް އެޕަލް ބޭނުން ވަނީ ސީދާ އެ ކުންފުނިން އެކަން ކުރަން ކަމަށާއި އެޕަލް އަކީ "ގުޑް ޕާޓްނާއަކަށް" ނުވާނެ ކަމަށް ވިދާޅުވި އެވެ.
މި ވަގުތު އިންޑިއާގައި އެޕަލްގެ އުފެއްދުންތައް ވިއްކަނީ ތިން ވަނަ ފަރާތެއް މެދުވެރިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy