07 މާޗް 2020 - 08:18
އިންޑިއާގެ މަޝްހޫރު އޮންލައިން ފިހާރަ ފްލިކްޕާޓްގެ އެއް ބާނީ އަދި ބިލިއަނަރު ސަޗިން ބަންސަލް، އަނބިމީހާގެ ފަރާތުން ކައިވެނީގެ ޑައުރީ އާއި މުދާ ނުދީގެން އަނިޔާކުރާ ކަމަށް ބުނެ އޭނާގެ އަންހެނުން ޕްރިޔާ ބަންސާލް ބުރާސްފަތި ދުވަހު ބެންގަރޫލު ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިކަން ކަށަވަރުކޮށްދެމުން ބެންގަލޫރްގެ މަޑިއަވާލާ ފުލުހުންގެ އެސިސްޓަންޓް ކޮމިޝަރު ކާރީ ބަސަވަނަ ގައުޅާ އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ވިދާޅުވީ ސަޗިންގެ އަންހެނުން މައްސަލަ ހުށަހެޅީ ޑައުރީ އާއި މުދަލުގެ މިލްކުވެރިކަން ނުދީގެން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ސަޗިން އަނިޔާކުރާ ކަމަށް ބުނެ ކަމަށެވެ.
އަދި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ޕްރިޔާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ މިލްކިއްޔާތު ބިލިއަން ޑޮލަރަކަށް އަރާ ސަޗިން، 38، އާއި އޭނާގެ އާއިލާގެ މީހުންގެ ފަރާތުން ވެސް ތަކުރާރުކޮށް ގެވެށި އަނިޔާ ލިބެމުންދާ ކަމަށެވެ.
"އަދި އޭނާ ވަނީ ދިއްލީގައި އަހަރެންގެ ކޮއްކޮ ރާދިކާ ގޯޔަލަށް ޖިންސީ ގޯނާކުރުމުގެ އިތުރަށް އަހަރެންގެ ނަމުގައި ހުރި މުދާ ވެސް އޭނާގެ ނަމަށް ބަދަލުކުރަން މަސައްކަތްކޮށްފައި. މިކަމާ އަހަރެން ދެކޮޅު ހަދަން ފެށީމަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސަޗިން ވަނީ އަހަންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި،" ޕްރިޔާ ބުނެފައިވެ އެވެ.
އޭނާ ބުނީ ސަޗިންއާ ކައިވެނިކުރީ ބައްޕަ ހަރަދުކުރި 50 ލައްކަ ރުޕީސް އިން ކަމަށާއި ޑައުރީގެ ގޮތުގައި ފުރަތަމަ ވެސް ސަޗިން އަށް 11 ލައްކަ ރުޕީސް ދިން ކަމަށެވެ. އެކަމަކު ފަހުން އެ ކައިވެނި ދަމަހައްޓަން ބޭނުންވާ ނަމަ މިލްކިއްޔާތުގައި ހުރި ހުރިހާ މުދަލެއް އޭނާގެ މައްޗަށް ބަދަލުކޮށް ދޭނެ ޖެހޭނެ ކަމަށް ބުނެ ސަޗިން އަނިޔާކުރަމުންދާ ކަމަށް ޕްރިޔާ ބުންޏެވެ. އެ ދެ މީހުން ކައިވެނިކުރީ 2008 ގަ އެވެ.
ސަޗިން.
ފްލިޕްކާޓްގެ މެޖޯރިޓީ ހިއްސާ 2018 ވަނަ އަހަރު އެމެރިކާގެ ވޮލްމާޓަށް ވިއްކައިލުމަށް ފަހު، ސަޗިން ވަނީ ފްލިޕްކާޓް ދޫކޮށްލައިފަ އެވެ. އެގާރަ އަހަރު ފަހުން އޭނާ އެ ކުންފުނި ދޫކޮށްލި އިރު ފްލިޕްކާޓްގެ ސީއީއޯގެ މަގާމާއި އެކްޒެކެޓިވް ޗެއާމަންގެ މަގާމު ވެސް އަދާކޮށްފައިވެ އެވެ.
ދެހާސް ހަތެއްގައި ޕްލިޕްކާޓް ވުޖޫދަށް ގެނައީ ސަޗިން އާއި އޭނާގެ އެކުވެރިޔާ ބިނީ ބަންސަލް ގުޅިގެންނެވެ.
ފްލިޕްކާޓް ދޫކޮށްލުމަށް ފަހު، ސަޗިން ވަނީ 2018 ގައި ބީއޭސީ އެކިއުޒިޝަން ޕްރައިވެޓް ލިމިޓްގެ ނަމުގައި އަމިއްލަ ކުންފުންނެއް އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮންދު
07 March 2020
އިންޑީއާ މީހުން އުޅޭ ފާޑެއް...
ހިނދު ކޮޅެއް
07 March 2020
ކީއްކުރާން އެއްކުރާ "ކުނި ބުނި" ތަކެއްހޭ؟ތިހާ ބައިވަރު މުދާ ލިބުނަސް ހިތެއް ނުފުރޭހޭ؟