ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން "ވޯކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ" މިއަދު ތައާރަފް ކޮށްފި އެވެ.


އެ ކުންފުނީގައި ބޭއްވި ނިއުސް ބްރީފިންއެއްގައި، މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މިއީ އެއްވެސް ރަހުނަކާ ނުލައި ރާއްޖޭގައި ދޫކުރާ މިފަދަ ފުރަތަމަ ފައިނޭންސިން ފެސިލިޓީ ކަމަށެވެ.

"މިއީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އަޅުގަނޑުމެން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމުގެ ދަށުން ތައާރަފް ކުރި ފެސިލިޓީއެއް. މިއާ އެކު ވިޔަފާރިތަކަށް ބޭނުންވާ އަދި ފުރިހަމަ ބިޒްނަސް ޕްރޮޑަކްޓް ޕޯޓްފޯލިއެއް މި ވަނީ ގާއިމް ކުރެވިފައި،" ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ކަނޑައަޅާ ފައިސާ މިހާރު ފަސޭހައިން ލިބޭނެ އެވެ.

މީގެ އިތުރުން، މިއަދުން ފެށިގެން، ހޯމް ކޮންސްޓްރަކްޝަން ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ބަހައްޓަން ޖެހޭ ވަރު 30 ޕަސެންޓުން 20 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ކުރު މުއްދަތެއްގައި ހޯދުމަށް ތިން މިލިއަން ރުފިޔާއާ ހަމަޔަށް މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރާނެ އެވެ.

ވޯކިން ކެޕިޓަލް ފައިނޭންސިން މެދުވެރިކޮށް، މިދިޔަ ތިން އަހަރު ހޯދާފައިވާ އެވަރޭޖް ސޭލްސްގެ 20 ޕަސެންޓާ ހަމައަށް ވިޔަފާރިތަކަށް ފައިސާ ލިބޭނެ އެވެ. މި ގޮތަށް ދޫކުރާ ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރުގެ ތެރޭގަ އެވެ. މި ފެސިލިޓީ ދަށުން ޑިމާންޑް ލޯނާއި އޯވާޑްރާފްޓްސް އާއި ބޭންކް ގެރެންޓީ އާއި ލެޓާ އޮފް ކްރެޑިޓް އަދި ޓްރަސްޓް ރިސީޕްޓް ޑިމާންޑް ލޯނަށް އެދި ހުށަހެޅޭނެ އެވެ.

ވިޔަފާރި ފުޅާ ކުރުމަށް ލުއި ފަސޭހަ ލޯނެއް ބީއެމްއެލުން ތައާރަފްކޮށްފައިވާ އިރު ބިޒްނަސް ޑިވެލޮޕްމެންޓް ލޯނާއި ގެސްޓް ހައުސް ލޯނާއި ރިއަލް އެސްޓޭޓް ލޯނާއި ރީޓެއިލާސް ލޯން ގެ އިންޓްރެސްޓް ޕްރޮފިޓް ރޭޓް ވަނީ ދަށްކޮށްފަ އެވެ. އެގޮތުން، މީގެ ކުރިން 12 ޕަސެންޓަށް ވުރެ މަތީގައި ހުރި ހުރިހާ ލޯނުތަކެއް ވަނީ 12 ޕަސެންޓަށް ތިރިކޮށްފަ އެވެ.

މީގެ އިތުރުން، މިއަދުން ފެށިގެން، ހޯމް ކޮންސްޓްރަކްޝަން ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ބަހައްޓަން ޖެހޭ ވަރު 30 ޕަސެންޓުން 20 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.