"ފަސޭހަ އެޕް" ބޭނުންކުރަން ދިރާގުން ވެސް ޗާޖެއް ނުކުރާނެ

ހައުސިން މިނިސްޓްރީގެ އެޕްލިކޭޝަން، "ފަސޭހަ މަގު" ބޭނުންކުރާއިރު އިންޓަނެޓް ޗާޖްނުކުރާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާ ބެހޭ އެއްބަސްވުމުގައި ދިރާގުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު މުއިއްޒު އެވެ.

މި އެޕަކީ މިނިސްޓްރީން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކާއި ހިދުމަތްތަކާ ގުޅިގެން އާންމުންގެ ހިޔާލާއި ޝަކުވާ ހުށަހަޅަން ތައާރަފް ކުރި އެޕެކެވެ. އަދި މި އެޕްގައި ހައުސިން މިނިސްޓްރީގެ އެކިއެކި މަޝްރޫއުތަކާ ބެހޭ މައުލޫމާތުތަކާއި މަގުތައް ބަންދުވާނެ ގަޑިތަކާއި މަގުތަކާ ގުޅޭ މައްސަލަތައް ރިޕޯޓު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މިނިސްޓްރީގެ އެޕްލިކޭޝަން ދިރާގު އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭނެ އެވެ.

"ފަސޭހަ މަގު" އެޕް ދިރާގު ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭ ގޮތް ހެދުމުގެ އެއްބަސްވުމުގައި މުއިއްޒު އާއި އިސްމާއިލް ރަޝީދު ސޮއިކުރެއްވުމަށްފަހު ދެ ބޭފުޅުން ސަލާމަތް ކުރައްވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އެޕްލިކޭޝަން އެއްވެސް އަގަކާ ނުލައި ދިރާގު ކަސްޓަމަރުންނަށް ބޭނުން ކުރެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

މަގުމައްޗާ ގުޅޭ ކަންކަމުގެ މައުލޫމާތުގެ އިތުރަށް، އެޕްގެ ޕްރޮޖެކްޓް ސެކްޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީން ހިންގަމުން އަންނަ މަޝްރޫއުތަކާއި މިހާތަނަށް ނިންމާފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު ލިބެން ހުރެ އެވެ.