އެމްއެމްއޭގެ އިމާރާތް. ބަންދު ހަފްތާގައި ހިދުމަތް ދެނީ ތިން ދުވަހު --ފޮޓޯ: މިހާރު
18 މާޗް 2020 - 15:04
ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނުމާ ގުޅިގެން، އެ ބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މާދަމާ އިން ފެށިގެން ހަފުތާ އަކަށް ސަރުކާރުން ބަންދު ކުރާތީ، އެ މުއްދަތުގެ ތެރޭގައި މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބޭންކްތައް ތިން ދުވަހަށް ހުޅުވަން މިއަދު ކަނޑައަޅައިފި އެވެ.
އެމްއެމްއޭ އިން ނެރުނު އިއުލާނެއްގައި ބުނީ،، ސަރުކާރުގެ އޮފީސް މާދަމާ އިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފައްޗާ ހަމައަށް ބަންދު ކޮށްފައިވާއިރު، އެ މުއްދަތުގައި ބޭންކްތައް ހުޅުވާފައި ހުންނާނީ މާދަމާ އާއި އަންނަ ހޯމަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.
މި ދުވަސްތަކުގައި ބޭންކިންގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 ން 11:30 އަށެވެ.
މީގެ އިތުރުން، އެމްއެމްއޭ އަށް ވަކިލާރި ބަލައިގަނެ، ދޫކުރުމުގެ ހިދުމަތްތައް ދޭނީ ހެނދުނު 9:30 އިން 11:00 އަށެވެ. އަދި ޖެމްސް ބޭނުން ނުކުރާ އިދާރާތަކާއި އާންމުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށެވެ. އެމްއެމްއޭ އަށް ލިޔެކިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ މެއިލް އަކީ [email protected] އެވެ.
ކޮވިޑް ބަލިން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް މިހާރު އަޅައިފަ އެވެ. ޚާއްސަކޮށް ކޮވިޑް ބަލި ޖެހުމަށް އެންމެ ބޮޑަށް ފަހިވާ އެއް ކަމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ، ގައިގޯޅިވުން ކަމަށް ވާއިރު، އެކަން މަދުކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިގެން ތަންތަނާއި ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމާއި ރިސޯޓުތަކަށް މީހުން އަރައި ފޭބުމާއި ގެސްޓް ހައުސްތަކަށް މީހުން ގެނައުން މަނާކުރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy