ޑެލިވަރީގެ މައްސަލަތައް މިރޭ ހައްލުވާނެ: ޝިފާ

ތަކެތި ޑެލިވަރީ ކުރުމުގެ މައްސަލަ މިރޭ މުޅިން ހައްލުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.


ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޝިފާ ވިދާޅުވީ، ޑެލިވަރީ ކުރުމުގައި ވޭތުވެދިޔަ 24 ގަޑިއިރު އާންމުންނަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް ޑެލިވަރީ ކުރަން ސިޓީ ކައުންސިލްގައި ރަޖިސްޓާކޮށްފައިވާ ހުރިހާ ތަނަކަށް މިރޭ 8 ޖެހުމާ ހަމައަށް ހުއްދަ ދެވޭނެ ކަމަށެވެ. ޝިފާ ވިދާޅުވީ، ބޮޑެތި ފިހާރަތަކުގެ އިތުރުން ކަންމަތީ ފިހާރަތަކަށް ވެސް ހުއްދަ ދިނުމުން، ޑެލިވަރީގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

"ކަންމަތީ ފިހާރަތައް ހުޅުވުމަށް ދެ މައްސަލަައެއް ދިމާވި. އެއްކަމަކީ ހުޅުވަން ދާން ދަތިވުން. އަނެއް ކަމަކީ ކަންމަތީ ފިހާރަތަކަށް ކުއްލިއަކަށް ފާސްތައް ދޫނުކުރެވުން،" އޭނާ ވިދާޅުވި އެވެ.

ޑެލިވަރީގެ މައްސަލަ އެހާ ބޮޑުވެފައިވަނީ ލޮކްޑައުންގެ ހާލަތު އިއުލާނު ކުރި އިރު އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް ބައެއް ފިހާރަތަކުން ބުނެ އެވެ. ޑެލިވަރީ ކުރާ ފިހާރަތަކަށް ބާރު ބޮޑުވެ، އާންމުންނަށް އެތަންތަނާ ގުޅުމަށް ވެސް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

މިކަންކަމަށް ހައްލުތަކެއް ހޯދުމަށްޓަކައި ފުލުހުންނާ ވާހަކަދައްކައިގެން އޮންލައިންކޮށް ރަޖިސްޓާ ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، މި ހުއްދަތައް ދިނުމުގައި ޑެލިވަރީ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލްގައި ރަޖިސްޓާކޮށްފައިވާ ފިހާރަތަކާއި އަލަށް ރަޖިސްޓާވަމުން އަންނަ ފިހާރަތަކަށް ވެސް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޑެލިވަރީ ކުރުމަށްޓަކައި 185 ފިހާރައަކަށް ފުލުހުން ހުއްދަ ދިނުމަށް ހަމަޖެހިފައިވެ އެވެ.

މާލެ ލޮކްޑައުންކޮށްފައި ވަނީ މާލޭ ސިޓީގައި ދިރިއުޅޭ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. މިހާތަނަށް މާލެއިން ތިން މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 23 އަށް އަރައިފަ އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޝިފާ ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ފަސޭހައިން ގުޅޭނެ ނަންބަރުތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން މި ހާލަތުގައި އާންމުންނަށް ހިދުމަތް ދިނުމުގައި ނުކުމެ އުޅެންޖެހޭ މީހުންނާއި ސިއްހީ އެހީތެރިންނަށް ހާއްސަކޮށް ހުޅުމާލެ އާއި ވިލިމާލޭ ފެރީގެ ހިދުމަތާއި ބަހުގެ ހިދުމަތް ވެސް ވަކި ވަގުތުތަކެއްގައި ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.