މާލޭ ކޮމާޝަލް ހާބަރުގައި ކޮންޓެއިނަރަކުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ:މިހާރު
18 އެޕްރީލް 2020 - 20:06
ކޮރޯނާވައިރަސް ފެތުރޭތީ މާލެ ސަރަހައްދު މިދިޔަ ބުދަ ދުވަހުން ފެށިގެން ލޮކްޑައުން ކުރުމާ ގުޅިގެން، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު މިއަދު ފަށައި ކްލިއާކުރެވުނީ 15 ކޮންޓެއިނަރުގެ މުދާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ، ކޮންޓެއިނަރުތައް ކްލިއާކުރުމުގައި ފުރަތަމަ ދުވަހު ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވި ކަމަށެވެ. އެއް ކަމަކީ މުވައްޒަފުން މަދުވެ، ހުޅުލެ އަށް ތަކެތި ނުގެންދެވުމެވެ.
"ބައެއް ވިޔަފާރިތަކަށް ވެއާހައުސްތައް ހުޅުވުމަށް ވެސް ދަތިތައް ކުރިމަތިވި. އަދި އެ މީހުންގެ މުވައްޒަފުން ނިކުމެ އުޅުމުގައި ވެސް ދަތިތައް ކުރިމަތިވި،" އޭނާ ވިދާޅުވި އެވެ.
- 956 ކޭސް ބިސް
- 580 ބަސްތާ ފިޔާ
- 440 ބަސްތާ އަލުވި
- 120 ކޭސް ރޯ ޓޮމާޓޯ
- 75 ބަސްތާ ކެބެޖް
- 72 ގަނޑު ދޮންކެޔޮ
- 150 ކޭސް ލޮނު
- 24 ކޭސް އަލަނާސި
މިއަދު އެމްޕީއެލްގެ ކާގޯ ކްލިއަރެންސް ކުރުމުގައި 60 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ. އަދި މާދަމާއިން ފެށިގެން 70 ވަރަކަށް މުވައްޒަފުން މި މަސައްކަތުގައި ގެންގުޅޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އަމާޒަކީ މާދަމާއިން ފެށިގެން 40 ކޮންޓެއިނަރު ކްލިއާކުރުމެވެ. މާލެ ލޮކްޑައުންގެ ހާލަތަށް އައުމުގެ ކުރިން އެމްޕީއެލުން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 150 ކޮންޓެއިނަރު ކްލިއާ ކުރެ އެވެ.
މިއަދު ކޮންޓެއިނާ ކްލިއާ ކުރުމުގެ މަސައްކަތް ކުރީ ހެނދުނު 8:30 އިން 4:30 އަށެވެ. ނަމަވެސް ކްލިއާކުރި ކޮންޓެއިނަރުތައް އަންލޯޑު ކުރުމުގެ މަސައްކަތް މިރޭ 11:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ލޮކްޑައުން ކޮށްފައި ވިޔަސް ރާއްޖެ އަށް އެތެރެކުރަން ޖެހޭ މުދާ އެތެރެކޮށް ފިހާރަތަކަށް ދޫކުރުމުގައި އެއްވެސް ދަތިކަމެއް ނާންނެ ކަމަށް އެމްޕީއެލް އާއި ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
ކޮވިޑް-19 އަށް މާލެއިން މިހާތަނަށް 14 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއާ އެކު މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުގެ އަދަދު ވަނީ 34 އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy