މަޝްހޫރު ޖޯންސަން އެންޑް ޖޯންސަންގެ ފުށް އެމެރިކާ އާއި ކެނެޑާގައި ވިއްކުން ހުއްޓައިލަން އެ ކުންފުނިން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައި ވަނީ އެ ބްރޭންޑްގެ ފުށުގައި ކެންސަރަށް މަގުފަހިވާ މާއްދާއެއް އެކުލެވޭ ކަމެއް ބުނެ، އެފަދަ މައްސަލަތަކުގައި ކުންފުންޏަށް އެތައް ދައުވާއެއްކޮށް، ބައެއް ދައުވާތައް ސާބިތުވެ، ބޮޑެތި އަދަދުތަކުން ބަދަލު ވެސް ދޭން ޖެހިފައި ވަނިކޮށެވެ.
ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުންތަކުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރި ދައުވާތަކުގެ އަދަދު 16،000 އަށް ވުރެ ގިނަ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ޖޯންސަން އެންޑް ޖޯންސަން ފުށް އެމެރިކާ އާއި ކެނެޑާގައި ވިއްކުން ހުއްޓައިލި ނަމަވެސް މި ވަގުތު ބާޒާރުގައި ހުރި ސްޓޮކްތައް ހުސްވަންދެން ވިއްކާނެ އެވެ.
ޖޯންސަން އެންޑް ޖޯންސަން އެތައް ބަޔަކު ކުރަމުންދިޔަ ދައުވަތަކަކާ ގުޅިގެން އެ ކުންފުނީގެ އުފެއްދުންތަކަށް އުތުރު އެމެރިކާގައި އޮތް މާކެޓް ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ.
ޖޯންސަން އެންޑް ޖޯންސަން އިން ތަކުރާރުކޮށް ބުނާގޮތުގައި އެ ކުންފުނީގެ ފުށާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. އަދި އެއީ ސިއްހީ ގޮތުން ރައްކާތެރި އެއްޗެއް ކަމަށާއި އުފެއްދުންތަކުގެ މާކެޓް ގެއްލުނީ ފަތުރާފައިވާ ދޮގު މައުލޫމާތުތަކާ ހެދި ކަމަށް ބުނެފައިވެ އެވެ.