ޖޯންސަން އެންޑް ޖޯންސަންގެ ފުށް ދަޅުތަކެއް.
09 އެޕްރީލް 2018 - 15:09
ޖޯންސަން އެންޑް ޖޯންސަން ބްރޭންޑްގެ ފުށް ބޭނުންކޮށްގެން ކެންސަރު ޖެހުނު ކަމަށް ބުނެ އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރި އެމެރިކާގެ ދެމަފިރިއަކަށް ބަދަލުގެ ގޮތުގައި 37 މިލިއަން ޑޮލަރު ދޭން، ނިއުބްރަންސްވިކްގެ މިޑެލްސެކްސް ކައުންޓީ ސްޕީރިއާ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް ދައުވާ ކުރި ނިއު ޖާޒީގެ ދެމަފިރިން ކަމަށްވާ ސްޓެފަން ލަންޒޯ އާއި އޭނާގެ އަންހެނުން ކުރި ދައުވާގައި ބުނެފައި ވަނީ ޖޯންސަން އެންޑް ޖޯންސަންގެ ފުށް ބޭނުންކޮށްގެން ކެންސަރު ޖެހި އެ ބައްޔަށް ފަރުވާ ހޯދަން ޖެހިފައިވާ ކަމަށެވެ.
ލަންޒޯ ބުނި ގޮތުގައި އޭނާ 1972 ގައި އުފަންވީއްސުރެން ބޭނުން ކުރަމުން ގޮސްފައި ވަނީ ޖޯންސަން އެންޑް ޖޯންސަން ފުށެވެ. އަދި ފުށުގެ ސަބަބުން އޭނާ އަށް މެސޮތެލޯމާ ކެންސަރު ޖެހިފައިވާ ކަމަށް ބުންޏެވެ. މި މައްސަލާގައި ކޯޓުން ވަނީ ލަންޒޯ އަށް 30 މިލިއަން ޑޮލަރާއި ލިބުނު ގެއްލުމުގެ ބަދަލަށް އޭނާގެ އަންހެނުންނަށް ހަތް މިލިއަން ޑޮލަރު ނަގައި ދޭން ހުކުމްކޮށްފަ އެވެ.
މިޑެލްސެކްސް ކައުންޓީ ސްޕީރިއާ ކޯޓް.
ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުންތަކުގައި ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ހުރި ކަމަށް ދާދި ބުނެ ދާދި ފަހުން ފެންމަތިވި މައްސަލަތަކާ އެކު، އެ ކުންފުނިން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި މި ފަހަރުގެ ކޯޓް ކޭހުގައި ވެސް ޖޯންސަން އެންޑް ޖޯންސަން އިން ވަނީ ކެންސަރު ޖެހިދާނެ ކަހަލަ އެއްވެސް މާއްދާއެއް އެ މީހުންގެ އުފެއްދުންތަކުގައި ނުހުންނާނެ ކަމަށް ބުނާ ބުނުންތައް ތަކުރާރުކޮށްފަ އެވެ.
"މި މައްސަލާގައި މީޑިއާތަކުގައި އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. އަހަރެމެން ވަރަށް އަވަހަށް މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާނަން،" ޖޯންސަން އެންޑް ޖޯންސަން އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުންތަކުން ދިމާވި ސިއްހީ ގިނަ މައްސަކަތަކާ ގުޅިގެން، ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް މިހާރު ވެސް ކޯޓްތަކުގައި ދައުވާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy