އިންޑިއާގައި، ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ 137 ބޭހެއްގެ އަގު 70 ޕަސެންޓާ ހަމައަށް ހެޔޮކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އިންޑިއާގެ ނޭޝަނަލް ފާމަސޫޓިކަލް ޕްރައިސިން އޮތޯރިޓީ (އެންޕީޕީއޭ) އިން މި ބަދަލު ގެންނަން ނިންމީ ކެންސަރު ބޭސްތަކުން ލިބޭ ބޮޑު ފައިދާއާ ގުޅޭގޮތުން އެ ގައުމުގެ ސުޕްރީމް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. ބައެއް ބޭސްތައް ހޯލްސޭލް އަގަށް ވުރެ 10 ގުނަ ބޮޑު އަގުގައި ރީޓެއިލް މާކެޓުގައި ވިއްކަމުންދާ ކަމަށް ފާހަގަކުރެވިފައިވެ އެވެ.
މި އާ ނިންމުމުގެ ދަށުން، ބޭސް ވިއްކާ އެޖެންޓުންނާއި، ހޮސްޕިޓަލްތަކަށް ލިބޭ މާޖިން (ފައިދާ) އެންމެ ގިނަވެގެން 30 ޕަސެންޓަށް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
މި ބަދަލާ އެކު، އިންޑިއާގެ ކެންސަރު ބަލީގެ މީހުންނަށް މައްޗަށް ޖުމްލަ 2،500 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު) ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ.
އަގު ހެޔޮކުރާ ބޭސްތަކުގެ ތެރޭގައި ޖެނެރިކް ބޭހުގެ އިތުރުން ބްރޭންޑެޑް އަދި ޕޭޓަންޓް ކޮށްފައިވާ އަގުބޮޑު ބޭސްތައް ވެސް ހިމެނެ އެވެ.
އެންޕީޕީއޭ އިން ބުނި ގޮތުގައި މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެންނެވެ.
އަގު ހެޔޮކުރާ ލިސްޓުގައި ކެންސަރުގެ 20 އަށް ވުރެ ގިނަ ބާވަތަށް ފަރުވާކުރާ ބޭސް ހިމެނެ އެވެ. އޭގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، ޕްރޮސްޓޭޓް، ކޮލޮން އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ފަދަ ބަލިތަކަށް ދޭ މުހިންމު އިމިއުނޯތެރަޕީ އަދި ޓާގެޓެޑް ތެރަޕީ ބޭސްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ޕެމްބްރޯލިޒުމެބް، އޮސިމާޓިނިބް، ބެވަސިޒުމެބް އަދި ޑެނޮސުމެބް ފަދަ އާންމުކޮށް ބޭނުންކުރާ ބޭސްތައް ހިމެނެ އެވެ.
ބޭސް އުފައްދާ ކުންފުނިތަކުން، މި ބަދަލާ ގުޅިގެން ހަތް ދުވަސް ތެރޭގައި އާ އަގުތައް ސަރުކާރަށް ހުށަހަޅަން ޖެހެ އެވެ. އަދި ބޭސް ވިއްކާ ފިހާރަތަކާއި ހޮސްޕިޓަލްތަކުން އާ އަގުތައް އާންމުންނަށް ފެންނާނެހެން ބަހައްޓަން ޖެހޭނެ އެވެ.
ބޭހުގެ އަގު ހެޔޮކުރުމުގެ ސަބަބުން ބާޒާރުން ބޭސް ހުސްވިޔަނުދިނުމަށްޓަކައި، މިހާރު ވެސް ބޭސް އުފައްދާ މިންވަރު ދެމެހެއްޓުމަށް ކުންފުނިތަކަށް ވަނީ އަމުރުކޮށްފަ އެވެ.