ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކް ބެޗްތަކެއް ރާއްޖެއިން ފެނުމާ ގުޅިގެން އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސްކޮށްފި އެވެ. 

ރާއްޖެ އާއި މެކްސިކޯއިން ފެނުނު އެ ބޭސްތަކުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ނުރައްކާވެ، ފަރުވާގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމަށް ޑަބްލިއުއެޗްއޯއިން މިއަދު ނެރުނު އެލާޓްގައި ބުނެފައިވެ އެވެ. 

ޑަބްލިއުއެޗްއޯ އިން ބުނިގޮތުގައި އެންމެ ކަންބޮޑުވާ ކަމަކީ ބައެއް ހޮސްޕިޓަލްތަކަށް އެ ބޭސް ލިބިފައިވުމެވެ. އަދި އެއީ ބޭސް ފޯރުކޮށްދިނުމުގެ ބައިނަލްއަގްވާމީ ނިޒާމާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. 

"ޑާޒަލެކްސް" އަކީ ކަށީގެ މަދުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "މަލްޓިޕަލް މައިލޯމާ" އާއި ލޭގެ ބައްޔެއް ކަމަށްވާ "އެމިލޮއިޑޯސިސް" އަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބޮޑީއެކެވެ.

އެއީ ތަފާތު ބާވަތްތަކުގެ ކެންސަރު ބައްޔަށް ފަރުވާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބޭހެކެވެ. އެހެންކަމުން، އެ ބޭހުގެ ފެންވަރު ދަށް އުފެއްދުންތަކެއް ދައުރުވުމަކީ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާ ލަސްވުމާއި ފަރުވާ ކާމިޔާބު ނުވުމާއި އަދި ފުރާނައަށް ނުރައްކާވާ ފަދަ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ. 

ޑަބްލިއުއެޗްއޯއިން ވަނީ ސިއްހީ އުފެއްދުންތަކެއްގެ ނަމުގައި އޮޅުވާލައިގެން ބާޒާރަށް ނެރެފައިވާ އެ ބެޗްތަކުގެ ނަމްބަރުތަކެއް ދެނެގަނެފަ އެވެ. އަދި އެ ބޭސް އުފައްދާ ކުންފުނި ކަމަށްވާ ޖޭންސެންއާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ ގޮތުގައި MYS7381 އަދި STV1K01 ނަމްބަރު ޖަހާފައިވާ އެ ބޭހުގެ ބެޗްތަކަކީ ސައްހަ ބެޗްތަކެއް ނޫނެވެ.

އެހެންކަމުން "ޑާޒަލެކްސް" ބޭހުގެ އެ ނަމްބަރުތައް ޖަހާފައިވާ ބޭސް ބޭނުން ނުކުރުމަށް ވަނީ އަންގަައިފަ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ވަނީ އެ ބެޗްތަކުގެ ތެރެއިން ބައެއް ފުޅިތަކުގެ އެތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ އިތުރު މާއްދާތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފަ އެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ބޭސް ކޮންޓްރޯލްކުރާ އިދާރާތަކަށާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކަށާއި ބޭސް ފޯރުކޮށްދޭ ހޯލްސޭލަރުންނަށް ބޭހުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް އިލްތިމާސްކޮށްފަ އެވެ. 

މީގެ އިތުރުން ބޭހުގެ ބާޒާރުތައް ގާތުން މޮނިޓާ ކުރުމަށާއި އަދި ބައެއް ފިޔަވަޅުތައް އަޅަން ގައުމުތަކަށް ވެސް ޑަބްލިއުއެޗްއޯއިން ވަނީ އިރުޝާދު ދީފަ އެވެ. އެގޮތުން ފޭކް ބޭހެއް ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ބޭސް ބޭނުން ކުރުމުން އާދަޔާ ހިލާފު ނޭދެވޭ އަސަރެއް ފެނިއްޖެނަމަ ނުވަތަ ބޭހުން ކުރަންޖެހޭ އަސަރު ނުކުރާނަމަ، ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓްކުރަން ސިއްހީ މާހިރުންނަށް އަންގާފައިވެ އެވެ. 

ބޭސް ގަންނައިރު ހަމައެކަނި ހުއްދަ ލިބިފައިވާ ބޭސް ފިހާރަތަކުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ބޭސް ހޯދުމަށް ވެސް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރި އެވެ. އަދި ބޭހުގެ ބޭރު ކަވަރާއި ޕެކޭޖިން ރަނގަޅަށް ޗެކް ކުރުމަށާއި ބޭހުގެ ސިފައަށް ބަދަލެއް އައިސްފައިވާނަމަ ނުވަތަ އެއީ އަސްލު ބޭސް ނޫން ކަމަށް ޝައްކުވާނަމަ ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވެސް އިރުޝާދު ދީފައިވެ އެވެ. 

މީގެކުރިން ޑަބްލިޔުއެޗްއޯ އިން ވަނީ ކެންސަރަށް ފަރުވާކުރާ ބައެއް ބޭސްތައް ކަމަށްވާ "އިމްފިންޒީ" އާއި "އިބްރާންސް" އަދި "ޑެފިޓެލިއޯ" ފަދަ ބޭސްތަކުގެ ސައްހަ ނޫން އުފެއްދުންތަކާ ގުޅޭގޮތުން ވެސް އިންޒާރެއް ނެރެފަ އެވެ.

ޑަބްލިއުއެޗްއޯއިން ލަފާކުރާ ގޮތުގައި ކުރިއަރަމުން އަންނަ ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ބޭހުގެ ކޮންމެ ދިހަ ބާވަތަކުން އެއް ބާވަތަކީ ފެންވަރު ދަށް ނުވަތަ އޮޅުވާލައިގެން އުފައްދާފައިވާ ބޭހެކެވެ. އަދި އެއީ މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ.