އައިޖީއެމްއެޗުގެ ގޯތި ތެރޭގައި އިމާރާތްކުރަން ނިންމި ކެންސަރު ހޮސްޕިޓަލް ހުޅުމާލެ އަށް ބަދަލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ. 

ހަލީމް މި ހަފުތާގައި "މިހާރު" އަށް ދެއްްވި އިންޓަވިއުއެއްގައި ވިދާޅުވީ ކެންސަރުގެ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލް އިމާރާތް ކުރާނީ ހުޅުމާލެ 2 ގައި ހަދާ 500 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ތެރެއިން ކަމަށެވެ. އެ ގޯތީގެ ތެރޭގައި، ޑައިގްނޮސްޓިކް ސެންޓާ ފޯ އޮންކޮލޮޖީ ސާވިސަސް (ޑީކޯސް) ވަކިން ހަދައި ޕެޓް ސްކޭނާއި ފަރުވާ އަށް ބޭނުންވާ ރޭޑިއޭޝަން ތެރަޕީ ފަދަ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންސަރު ހޮސްޕިޓަލް ހަދަން ނުފެށުނަސް ޑީކޯސްގެ މަސައްކަތްތައް މި އަހަރު ފަށާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. 

ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެއްކެވުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އޭރު ނިންމީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ލ. ގަމުގައި އެ ހޮސްޕިޓަލް އިމާރާތް ކުރާށެވެ. އެކަމަކު، އެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު ވެސް އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް، މި ސަރުކާރުން ނިންމީ އައިޖީއެމްއެޗާއި ދިރާގާ އިންވެގެން އޮންނަ ހުސް ބިމުގައި އެ ހޮސްޕިޓަލް އިމާރާތްކުރާށެވެ.

ސީއީއޯ ހަލީމް ވިދާޅުވީ އެކަމަށް ބަދަލު ގެނައީ ޖާގައިގެ ދަތިކަމާއި ރައްކާތެރިކަމަށް ބެލުމަށް ފަހު ކަމަށެވެ. 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް، މިދިޔަ އާދިއްތަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް، މިދިޔަ އާދިއްތަ ދުވަހު "މިހާރު"އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލް އިމާރާތް ކުރަން ޕްރޮޕޯޒަލްތައް ވެސް ވަނީ ލިބިފަ އެވެ. އިކޮޮނޮމިކް ކައުންސިލްގައި ވެސް އެތައް މަޝްވަރާތަކެއް ކުރުމަށް ފަހު، އެ މަޝްރޫއުގައި ދެން ހިމެނޭ ކަންކަން ކޮންސްޓްރަކްޝަން މިނިސްޓްރިއާ ހަވާލުކޮށްފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޑީޓެއިލް ކުރެހުން ހިމެނެ އެވެ. 

"ކެންސާ ހޮސްޕިޓަލް މިހާރު ފައިނޭންސާ އެކު ހުރީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ. ހުޅުމާލެ 2 ގައި މި ހަދަނީ ނޫންތޯ 500 ބެޑުގެ ހޮސްޕިޓަލް، އެ ހޮސްޕިޓަލްގެ އެއްބައި ކެންސަރަށް ހާއްސަ. އެ ހޮސްޕިޓަލްގެ އަނެއް ބައި އަޅުގަނޑުމެން މި ވިސްނަނީ ވުމެން އެންޑު ޗައިލްޑް ހެލްތު ކަންކަމަށް ފަރުވާދިނުމަށް،" މިދިޔަ އާދިއްތަ ދުވަހު ދެއްވި އިންޓަވިއުގައި ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ނިމުމުން ޑީކޯސްއާ ގުޅުވާލާނެ ކަމަށެވެ.

"މި ތަން ގާއިމްކުރެވުނީމަ، މި ތަނަށް މިހާރު ފޮނުވަނީ ނޫންތޯ ކެންސަރު ރޭޑިއޭޝަނާއި މިކަންކަމަށް. އެ ހިދުމަތް އިރާދަކުރެއްވިއްޔާ މި ގައުމުގައި ދެވޭނެ،" ހަލީމް ވިދާޅުވި އެވެ. 

ކެންސަރު ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެ އިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރު ފަރުވާގެ ވަކި ހިސާބަކުން ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން މަޖުބޫރުވެ އެވެ.