ދަމަނަވެށި ވަގުތީ ގޮތުން ބަންދުކުރަނީ މަރާމާތަށް ކަމަށާއި އަދި އެ މަސައްކަތަށް ފަހު، އާބަން ޕްރައިމަރީ ހެލްތު ސެންޓަރެއްގެ ގޮތުގައި އެތަން ހުޅުވާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ހަލީމް "މިހާރު"އަށް ވިދާޅުވީ ދަމަނަވެއްޓާއި ތެލެސީމިއާ ސެންޓަރު ހިންގާ އިމާރާތް ބަދަލުކުރަނީ އާއްމު ބަލިތަކަށް ފަރުވާދޭ ގޮތަށް ހަދާ ހެލްތު ކެއާ ސެންޓަރަށެވެ. އެހެންވެ، މާދަމާއިން ފެށިގެން ދަމަނަވެށި ބަންދުކުރަނީ ވަގުތީ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަހަރުތަކެއް ވަންދެން ތެލެސީމިއާ ސެންޓަރު ވެސް ހިންގީ ދަމަނަވެއްޓާ ޖެހިގެން އޮންނަ އިމާރާތުގަ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެ މަރުކަޒު ވެސް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ. އެހެންވެ، މާލޭގައި ހިންގި ބްލަޑް ސާވިސްގެ އެ އިމާރާތް ވެސް އޮތީ ހުސްކޮށެވެ. 

ހަލީމް ވިދާޅުވީ ގިނަ ދުވަސްވެ، ބާވެފައި ހުރުމުން އެ އިމާރާތްތައް ވަރަށް ބޮޑަށް މާރާމާތު ކުރަންޖެހެ އެވެ. އޭގެ ތެރެއިން، ސިއްހީ ހިދުމަތްދޭ ގޮތަށް ބަދަލުތައް ގެނައުމަށް އެތެރޭގައި ހުރި ބައެއް ތަންތަން ތަޅާލަން ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތަށް ފަހު އެ ތަންތަން މަރާމާތުކުރަން ބަޔަކާ ހަވާލުކުރާނެ އެވެ. 

އޭނާ ވިދާޅުވީ އަލަށް ހަދާ އާބަން ހެލްތު ސެންޓަރު ވެސް ހަދާނީ، މާފަންނުގައި ހިންގާ ސެންޓަރާ އެއްގޮތަކަށެވެ. 

ރަސްފަންނު ކުރިމަތީގައި ހަދާފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން މިހާރު ވެސް ދަމަނަވެއްޓާއި ޖީޕީ ކްލިނިކްގެ ހިދުމަތްދެ އެވެ. 

"މިހާރު ވެސް ލިބޭގޮތަށް އެ ހިދުމަތްތައް ލިބޭނެ އާބަން ހެލްތު ކެއާ ސެންޓަރުން. އަދި ޖީޕީ ކްލިނިކް ހިންގާތީ އިތުރު މުވައްޒަފުން ވެސް ނަގާނެ،" ހަލީމް ވިދާޅުވި އެވެ. 

ދަމަނަވެށި ބަންދުކުރަން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން ތަންތަނަށް ބަދަލުކުރަން ނިންމުމުން އެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އިއްޔެ ވާހަކަ ދެއްކި މުވައްޒަފަކު ބުނީ ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗްގެ އިސްވެރިން އެތަނަށް ވަޑައިގެން، މުވައްޒަފުން ބަދަލުވާން ބޭނުންވާ ދެ ތަނެއްގެ ތެރެއިން އެއް ތަނެއް ނިންމުމަށްފަހު އެކަން އަންގަން 24 ގަޑިއިރުގެ މުއްދަތެއް ވެސް ނުދޭ ކަމަށެވެ. 

ހެލްތު މިނިސްޓްރީން ހުށަހެޅީ ދަމަނަވެށީގައި މިހާރު މަސައްކަތްކުރާ މުވައްޒަފުން ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކް ނުވަތަ ރަސްފަންނު ކުރިމަތީގައި ހަދާފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ބަދަލުވުމަށެވެ.