ރޮބަޓް ބޭނުންކޮށްގެން އައިޖީއެމްއެޗްގައި ސާޖަރީކުރަން ބޭނުންވާ ވަސީލަތްތައް ހޯދައިދޭނެ ބަޔަކު ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް ގެނެސްދީ، އެ ތަކެތި ހަރުކޮށް އަދި މެއިންޓެނެންސްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.
ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ނުވަތަ 100 ޑޮލަރު ދައްކަންޖެހެ އެވެ. އަދި އެއަށްފަހު، އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހަޅަންޖެހެ އެވެ. އަދި ބިޑްތައް ހުޅުވާލަން ހަމަޖައްސާފައިވަނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 1:00 ގަ އެވެ.
މަލްޓި ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ބަލިމީހެއްގެ ހަށިގަނޑަށް 3ޑީ ހައި ޑެފިނިޝަން ކެމެރާއަކާއި ހާއްސަ ރޮބޮޓިކް އިންސްޓްރޫމެންޓްތަކެއް ވައްދައިގެން ގިނަ ކުދި އިންސިޝަންތަކެއް (ޕޯޓް) ބޭނުންކޮށްގެން އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ މިނިމަލީ އިންވޭސިވް މެޑިކަލް ޕްލެޓްފޯމެކެވެ.
އެ ސިސްޓަމް ބޭނުންކޮށްގެން އާއްމުކޮށް ހަދަނީ ކުޑަކަމުދާ ނިޒާމާއި އަންހެނުންގެ އޮޕަރޭޝަންތަކާއި އާއްމު ސާޖަރީ އަދި ތޮރަސިކް ޕްރޮސީޖާތަކެވެ.
ރޮބަޓުގެ އެހީގައި އޮޕަރޭޝަންކުރަން ތައްޔާރުވަމުން ދާއިރު، އައިޖީއެމްއެޗްގައި ދާދިފަހުން ވަނީ ސާޖަރީގެ އާ ހިދުމަތްތަކެއް ވެސް ފަށައިފަ އެވެ. އޭގެ ތެރޭގައި ބަރުދަން ލުއިކުރުމާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ކަށީގެ އޮޕަރޭޝަންތައް ހިމެނެ އެވެ.