އަލްޓްރާ ސައުންޑު ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖީއީ ހެލްތުކެއާގެ ޕޯޓަބަލް ސްކޭނެއް އެސްޓީއޯއިން ރޭ ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި "ވީ ސްކޭން" ތައާރަފްކޮށްދިނީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.

އެސްޓީއޯއިން ބުނީ އާ މޮޑެލްތަކާއެކު ސްކޭންގެ ހިދުމަތްދޭ ގޮތް ބަދަލުވެ، ކޮންސަލްޓޭޝަން ރޫމްތަކަށް ވުރެ ބޮޑަށް ބަލި މީހުންނާ ވީހާ ވެސް ކައިރިން ހިދުމަތް ދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝަމްހީދު އަދި ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ ޕޯޓަބަލް ސްކޭން ނެރެދެއްވަނީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެސްޓީއޯ
ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝަމްހީދު އަދި ޖީއީ ހެލްތުކެއާގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ ޕޯޓަބަލް ސްކޭން ނެރެދެއްވަނީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެސްޓީއޯ

އެ މޮޑެލްތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅައިގެން ސްކޭންކޮށް، އިމޭޖްތައް ޝެއާ ކުރެވޭނެ އެވެ.

އެ ކުންފުނިން ބުނީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގުބޫލު ޖީއީ ހެލްތުކެއާގެ ސްކޭން މެޝިން ސާވިސްކޮށް ހަރުދަނާކުރަން ކޮންމެ މޮޑެލްއަކަށް ހާއްސަ އިންޖީނިއަރެއް ތަމްރީނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެމްއާރުއައި އާއި ސީޓީ އާއި މެމޮގްރަފީ އަދި އަލްޓްރާ ސައުންޑު ފަދަ ކޮންމެ މެޑެލްއަކަށް ސެޓިފައިޑް އިންޖީނިއަރުން އެބަތިއްބެވެ. 

އެ ޑިވައިސްއަކީ ދިވެހިންނާ ހަމައަށް އީޖާދީ އުފެއްދުންތައް ގެނެސްދިނުމަށް ކެނޑިނޭޅި ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.